އިނގިރޭސް ޕްރިމިއާ ލީގުގެ އައު ސީޒަނުގެ ފުރަތަމަ މެޗުގައި ވުލްވްސް ބަލިކޮށް، އާސެނަލް އިން ފެށުން ރަނގަޅުކޮށްފި އެވެ.
ރޭ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗުން އާސެނަލް މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗު ފެށިގެން 25 ވަނަ މިނެޓުގައި ބުކާޔޯ ސަކާ ނެގި ހުރަހަކުން، ކައި ހަވާޓްޒް ވަނީ ލަނޑު ޖަހައި އާސެނަލް އަށް ކުރިހޯދަދީފަ އެވެ.
ފުރަތަމަ ހާފުގައި ލަނޑެއް ޖެހުމަށް ވުލްވްސް އިން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ޖޯގެން ސްޓްރޭންޑް ލާސަން އަށެވެ. އޭނާ އަކީ މި ހޫނުމޫސުމުގައި ވުލްވްސް އާ ގުޅުނު ކުޅުންތެރިއެކެވެ. އޭނާ ބޮލުން ޖެހި ބޯޅަ، އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާ ވަނީ ދިފާއުކޮށްފަ އެވެ.
ދެވަނަ ހާފު ފެށިގެން، މެޗުގެ 75 ވަނަ މިނެޓުގައި ހަވާޓްޒް ތަނަވަސްކޮށްދިން ފުރުސަތަކުން ސަކާ ވަނީ ލަނޑެއް ޖަހައި، އާސެނަލް އަށް ލީޑު ފުޅާކޮށްދީފަ އެވެ. މެޗުގައި އާސެނަލް އަށް އެންމެ ރަނގަޅު ކުޅުން ދެއްކިފައި ނުވި ކަމުގައިވިޔަސް، ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ އެ ޓީމުންނެވެ.
އާސެނަލް އިން ވަނީ މިދިޔަ ސީޒަނުގައި ޕްރިމިއާ ލީގުގެ ދެވަނަ ހޯދާފަ އެވެ. މި ސީޒަނުގެ ދެވަނަ މެޗުގައި އާސެނަލް ނިކުންނާނީ އެސްޓަން ވިލާ އާ ދެކޮޅަ ށެވެ.