ޖޮއާއޯ ކަންސެލޯ އަށް މެންޗެސްޓާ ސިޓީއާއެކު އަދިވެސް ކުރިޔަށް ދެވިދާނެ ކަމަށާއި، އޭނާ ހޯދުމަށް އިތުރު ޓީމަކުން ޝައުގުވެރިކަން ފާޅުކޮށްފައިނުވާ ކަމަށް އެ ޓީމުގެ ކޯޗު، ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ލޯނު އެއްބަސްވުމެއްގެ ދަށުން ކަންސެލޯ މިދިޔަ ސީޒަން ހޭދަކުރީ ބާސެލޯނާގަ އެވެ. އަދި އޭގެ ކުރީ ސީޒަނުގެ މެދުތެރެއިން އޭނާ ވަނީ ލޯނު އެއްބަސްވުމުގެ ދަށުން ބަޔާން މިޔުނިކަށްވެސް ކުޅެފަ އެވެ.
އުމުރުން 30 އަހަރުގެ ފުލް ބެކް ވަނީ މިގެކުރިން ސިޓީގެ ފުރަތަމަ 11 ގައި ހިމެނި، މޮޅު ކުޅުމެއް ދައްކާފަ އެވެ. ނަމަވެސް، ސިޓީއާއެކު އޭނާ އެއްބަސްވުން އައުކުރި ފަހުން، އޭނާ އަށް ވަނީ ފުރަތަމަ 11 އިން ޖާގަ ގެއްލިފަ އެވެ. ސިޓީއާއެކު ކަންސެލޯ ހަދާފައިވާ އެއްބަސްވުން ހަމަވާން އޮތީ 2027 ވަނަ އަހަރު އެވެ.
ބާސެލޯނާ އިން ކަންސެލޯ ގެންދިޔުމަށް ބޭނުން ނުވުމުން، ގާޑިއޯލާ އަށް ވަނީ ކަންސެލޯ އެނބުރި ސިޓީ އަށް ގެނައުން މަޖުބޫރު ވެފަ އެވެ. 2019 ވަނަ އަހަރު އޭނާ ސިޓީއާ ގުޅުނީ 60 މިލިއަން ޕައުންޑަ ށެވެ.
ގާޑިއޯލާ ބުނީ މިވަގުތު ސިޓީގެ ފަރިތަކުރުންތަކުގައި ކަންސެލޯ ބައިވެރިވާ ކަމަށެވެ. އަދި އޭނާ ސިޓީގައި ބަހައްޓާނީތޯ ނުވަތަ ލޯނަށް ފޮނުވާލާނީތޮ އަދި ނުނިންމާ ކަމަށް ބުންޏެވެ. އަދި އިތުރު ޓީމަކުން މިވަގުތު އޭނާ ހޯދުމަށް ހުށަހަޅާފައިނުވާ ކަމަށް ބުންޏެވެ.
ގާޑިއޯލާ އިތުރަށް ބުނީ ގޮތް ނިންމާނީ ކްލަބުންނާއި ކަންސެލޯގެ އެޖެންޓުން ކަމަށެވެ. އަދި ސިޓީގައި އޭނާ ހުރިހައި ހިނދަކު، އެހެން ކުޅުންތެރިންނާ ދޭތެރޭވެސް އަމަލުކުރާ ގޮތަށް އަމަލު ކުރާނެ ކަމަށް ބުންޏެވެ. މީގެއިތުރުން، ކަންސެލޯގެ ހުނަރުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފޭތޯ މަސައްކަތް ކުރާނެ ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ.
ކަންސެލޯ ވަނީ ސިޓީ އަށް ކުޅެދިން 154 މެޗުން ނުވަ ލަނޑު ޖަހައި، 21 ލަނޑު ޖެހުމަށް އެހީތެރިވެދީފަ އެވެ.