ފުލަމް އާއެކު ދެ ސީޒަން ހޭދަކުރުމަށްފަހު ވިލިއަން އެ ކްލަބަށް އަލްވަދާއު ކިޔައިފި އެވެ.
އުމުރުން 36 އަހަރުގެ ކުޅުންތެރިޔާ، ބްރެޒިލްގެ ކްލަބެއް ކަމުގައިވާ ކޮރިންތިއަންސް އިން ފުލަމް އަށް ބަދަލުވީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު، ހިލޭ ޓްރާންސްފާ އެއްގެ ދަށުންނެވެ. ވިލިއަން، އޭނާގެ ކެރިއަރު ފެށީވެސް ކޮރިންތިއަންސް އާއެކު އެވެ.
ވިލިއަން ވަނީ ފުލަމް ދޫކޮށްލާކަން އިއުލާނުކުރުމަށް އިންސްޓަގްރާމުގައި ޕޯސްޓެއް ކޮށްފަ އެވެ. އޭނާ ވަނީ ފުލަމް އަށް ކުޅެދިން 67 މެޗުން 10 ލަނޑު ޖަހާފަ އެވެ.
ވިލިއަން ވަނީ ޕްރިމިއާ ލީގުގައި 10 އަހަރު ހޭދަކޮށްފަ އެވެ. އޭނާ މުޅިންވެސް ކުޅެފައިވަނީ ލަންޑަންގެ ކްލަބް ތަކަށެވެ. އެގޮތުން، އޭނާ ވަނީ ޗެލްސީ އާއެކު ހަތް އަހަރު ހޭދަކޮށްފަ އެވެ. އެ ޓީމާއެކު ވިލިއަން ވަނީ ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ދެ ފަހަރު، އަދި އެފްއޭ ކަޕާއި ޔުރޮޕާ ލީގު ކާމިޔާބުކޮށްފަ އެވެ.
2021 ވަނަ އަހަރު ކޮރިންތިއަންސް އަށް ބަދަލުވުމުގެ ކުރިން ވިލިއަން ވަނީ އާސެނަލް އާއެކުވެސް އެއް އަހަރު ދުވަސް ހޭދަކޮށްފަ އެވެ.