ރިސޯޓު ލީގު ސައުތު މާލެ ޒޯނުގައި، އަނަންތަރާ ދިގު މޯލްޑިވްސް ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން ކްރޮސްރޯޑްސް މޯލްޑިވްސް ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.
މިއަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދި ފުރަތަމަ ޓީމަކީ ކްރޮސްރޯޑްސް އެވެ. އެ ޓީމުން ވަނީ ކުޅުނު ފުރަތަމަ މެޗުގައި 2-0 ގެ ނަތީޖާއަކުން ހާޑް ރޮކް ބަލިކޮށްފަ އެވެ. އަދި ހޮނިހިރު ދުވަހު ހަވީރު 4-1 ގެ ނަތީޖާއަކުން އަނަންތަރާ ދިގު ބަލިކޮށް، ކްރޮސްރޯޑްސް އިން ވަނީ ގުރޫޕުގެ އެއްވަނަ ކަށަވަރުކޮށްފަ އެވެ.
އަނަންތަރާ އާ ދެކޮޅަށް ކުޅުނު މެޗުގައި ކްރޮސްރޯޑްސް އިން ތަފާތު ދެއްކީ ކެޕްޓަން ހަސަން ލައުހު އެވެ. އެގޮތުން، މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި އޭނާ ވަނީ ލަނޑެއް ޖަހައި، ކްރޮސްރޯޑްސް އަށް ކުރިހޯދަދީފަ އެވެ. ކްރޮސްރޯޑްސް އިން ފުރަތަމަ ހާފު ނިންމާލީ އެއް ލަނޑުގެ ފަރަގަކާއެކު އެވެ.
ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނެޓުގައި ކްރޮސްރޯޑްސް އަށް ލިބުނު ހިލޭ ޖެހުމަކުން، ލައުހު ވަނީ ލަނޑެއް ޖަހައި، ލީޑު ފުޅާކޮށްދީފަ އެވެ. އަނަންތަރާ ދިގުން މެޗުގެ ތެރެއަށް އެނބުރި އައުމަށް ކުރި މަސައްކަތުން، ދެވަނަ ހާފުގެ 11 ވަނަ މިނެޓުގައި މޫސާ ޒާހިރު ވަނީ ލަނޑެއް ޖަހާފަ އެވެ. މިއާއެކު، އެ ޓީމަށް ވަނީ އުއްމީދު އައުވެފަ އެވެ.
ލައުހު ވަނީ މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ލަނޑެއް ޖަހައި، އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފަ އެވެ. އަދި މެޗުގެ ފަހު މިނެޓުގައި އަހުމަދު ހާފިޒް ވަނީ ލަނޑެއް ޖަހައި، ކްރޮސްރޯޑްސް އަށް ލީޑު ފުޅާކޮށްދީފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކްރޮސްރޯޑްސް އަށް ހެޓްރިކް ހަދައިދިން ލައުހު އެވެ.
މި ނަތީޖާއާއެކު، ކްރޮސްރޯޑްސް އަށް ވަނީ ހަ ޕޮއިންޓު ލިބިފަ އެވެ. މި ގުރޫޕުން ޕްލޭ އޮފްގެ ޖާގަ ލިބޭނީ ހާޑް ރޮކް އާއި އަނަންތަރާ ދިގު ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކަ ށެވެ.



