މެންޗެސްޓާ ޔުނައިޓެޑަށް މި ހޫނުމޫސުމުގައި ސޮއިކުރި ޒުވާން ޑިފެންޑަރު، ލެނީ ޔޯރޯ އަށް އަނިޔާވުމާ ގުޅިގެން އެ ޓީމަށް އިތުރު ހާސްކަމެއް ކުރިމަތިވެއްޖެ އެވެ.
ޔޯރޯ އަށް އަނިޔާވެފައިވަނީ އާސެނަލް ކައިރިން 2-1 ގެ ނަތީޖާއަކުން ބަލިވި، އެކުވެރިކަމުގެ މެޗުގަ އެވެ. އަނިޔާގެ ސަބަބުން އޭނާ ވަނީ ފުރަތަމަ ހާފުގައި ބަދަލުކޮށްފަ އެވެ. އެއީ ފްރާންސްގެ ލިލް އިން ޔުނައިޓެޑަށް ބަދަލުވުމަށްފަހު، ފުރަތަމަ 11 ގައި އޭނާ ހިމެނުނު ދެވަނަ މެޗެވެ.
އަނިޔާވި ފަހުން އުމުރުން 18 އަހަރުގެ ކުޅުންތެރިޔާ ފަރިތަކުރުންތަކުގައި ބައިވެރިވެފައިނުވާއިރު، އަންގާރަ ދުވަހު އޭނާ ފެނިފައިވަނީ އަސާގަނޑުގެ އެހީގައި ހިނގާފައި އުޅެނިކޮށެވެ. ރިޕޯޓުތައް ބުނާގޮތުން، މެޑިކަލް ސްޓާފުން އަދިވެސް ދަނީ އޭނާ އަށް ފަރުވާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ޔޯރޯ ޔުނައިޓެޑަށް ސޮއިކުރީ 52 މިލިއަން ޕައުންޑަ ށެވެ. ޔުނައިޓެޑުގެ ކޯޗު، އެރިކް ޓެން ހާގް ވިސްނައިގެން ހުރީ ރަފައެލް ވަރާންގެ ބަދަލު، ޔޯރޯ ކުޅެން އެރުވޭނެ ކަމަށެވެ. ނަމަވެސް، އަނިޔާގެ ސަބަބުން ކުޅުމާ ދުރަށް ދާން ޖެހުމާއެކު، ޔުނައިޓެޑާއި ޓެން ހާގަށް ވަނީ އިތުރު ގޮންޖެހުންތައް ކުރިމަތިވެފަ އެވެ. ކުރިން އެ މަގާމަށް ކުޅުނު ވަރާން ވަނީ ޔުނައިޓެޑް ދޫކޮށް، އިޓަލީގެ ކޯމޯ އަށް ސޮއިކޮށްފަ އެވެ.
ރިޕޯޓުތައް ބުނާގޮތުން ޔުނައިޓެޑުން އަދިވެސް މަސައްކަތް ކުރަމުންދަނީ އިތުރު ޑިފެންޑަރެއް ހޯދުމަ ށެވެ.



