ލަންކާ މުބާރާތުން ތަޒްކިޔާ އަށް ރިހި މެޑަލް

Advertisement

އެންމެ ފަސް

Advertisement

ސްރީ ލަންކާގައި މިހާރު ކުރިއަށްދާ އެގައުމުގެ ނެޝަނަލް އެންޑް ޖޫނިއާ ނެޝަނަލް ލޯންގް ކޯސް ސްވިމިން ޗެމްޕިއަންޝިޕްސްގެ ޖޫނިއާ ކެޓަގަރީގެ 50 މީޓަރު ފްރީސްޓައިލް އިވެންޓުން ރާއްޖޭގެ ޒުވާން ފެތުންތެރިޔާ، އަމްނާ ތަޒްކިޔާ ރިހި މެޑަލް ހޯދައިފި އެވެ.

މި އިވެންޓުން ރިހި މެޑަލް ހޯދުމާއެކު، އުމުރުން 13 އަހަރުގެ ތަޒްކިޔާ ވަނީ މި މުބާރާތުގައި ތިން މެޑަލް ހަމަކޮށްފަ އެވެ. މީގެކުރިން ތަޒްކިޔާ ވަނީ 100 މީޓަރު ފްރީސްޓައިލް އިވެންޓުން ލޯ މެޑަލް ހޯދާފަ އެވެ. މީގެއިތުރުން، 4 ގުނަ 100 މީޓަރު މެޑްލޭ ރިލޭ އިވެންޓުން ލޯ މެޑަލް ހޯދި ޓީމުގައިވެސް ތަޒްކިޔާ ހިމެނިފައިވެ އެވެ.

ޓީމު އިވެންޓުގައި ތަޒްކިޔާގެ އިތުރުން ދެން ހިމެނެނީ، ޒޯހާ އަޒްލީ ނަސީމް، މަލައިކާ ލިންޑާ އިމްރާން އަދި ޒާހާ ޒައިދުލް ހަލީލެވެ. މި ޓީމުން ވަނީ ގައުމީ ރެކޯޑް މުގުރާލާފަ އެވެ. އެއީ 5 މިނިޓް، 38.03 ސިކުން ނިންމައިގެނެވެ.

50 މީޓަރު ފްރީސްޓައިލް އިވެންޓުން ރިހި މެޑަލް ހޯދިއިރު، ތަޒްކިޔާގެ ޓައިމިން އަކީ 29.67 ސިކުންތެވެ.

މި މުބާރާތުގެ 100 މީޓަރު ފްރީސްޓައިލް އިވެންޓުގައި، ތަޒްކިޔާ ވަނީ ދެފަހަރު ރެކޯޑް އައުކޮށްފަ އެވެ. އެގޮތުން، ފުރަތަމަ ރެކޯޑް ހަދާފައިވަނީ ޕްރިލިމިނަރީ ހީޓު ގައެވެ. މި ހީޓު އޭނާ ނިންމާފައިވަނީ 01:05.53 ޓައިމިން އަކުންނެވެ. މީގެކުރިން މި ރެކޯޑް އޮތީ އާމިނަތު ޝަޖަން އަތުގަ އެވެ. ރިއޯ 2016 އޮލިމްޕިކް ގޭމްސްގައި އޭނާ ވަނީ 01:05.71 އިން ރޭސް ނިންމާފަ އެވެ.

އިވެންޓުގެ ފައިނަލުގައި ވާދަކޮށް، ތަޒްކިޔާ ވަނީ 01:05.03 ގެ ޓައިމިން އަކުން ނިންމައި، އޭނާގެ އަމިއްލަ ރެކޯޑް އައުކޮށްފަ އެވެ. މީގެއިތުރުން ތަޒްކިޔާ ވަނީ އަންހެނުންގެ ލޯންގް ކޯސް 200 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑް ވެސް އައު ކޮށްފަ އެވެ.

ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ