ރިސޯޓު ލީގު ރާ ޒޯނުގެ ފައިނަލުގައި، ޕެނަލްޓީ ޖަހައިގެން ކޯރާ ކޯރާ މޯލްޑިވްސް ބަލިކޮށް، ޖޯލި މޯލްޑިވްސް އިން މުބާރާތުގެ ތަށި ދިފާއުކޮށްފި އެވެ.
ޖޯލި މޯލްޑިވްސް އަކީ ޒޯނުގެ ދިފާއީ ޗެމްޕިއަނުންނެވެ. މިއަހަރުގެ މުބާރާތް ކާމިޔާބުކޮށް، ޖޯލިން ވަނީ ވިދިވިދިގެން ދެވަނަ ފަހަރަށް ތަށި އުފުލާލާފަ އެވެ. މީގެއިތުރުން، ޖޯލި މޯލްޑިވްސް އަކީ ފާއިތުވި އަހަރުގެ ރިސޯޓު ސުޕަ ލީގުގެވެސް ޗެމްޕިއަނުންނެވެ.
މިއަހަރުގެ މުބާރާތުގެ ފައިނަލަށް ކޯރާ ކޯރާ ދަތުރުކުރީ ތާވަލުގެ އެއްވަނަ ހޯދައިގެނެވެ. މުބާރާތުގެ ފުރަތަމަ ބުރުގައި އެ ޓީމުން ވަނީ 3-2 ގެ ނަތީޖާއަކުން ޖޯލި ބަލިކޮށްފަ އެވެ. އަދި ޖޯލި ފައިނަލަށް ގޮސްފައިވަނީ ސެމީގައި ކޮތައިފަރު ބަލިކުރުމަށްފަހު އެވެ.
ހޮނިހިރު ދުވަހު ހަވީރު ޖޯލި މޯލްޑިވްސްގައި ކުޅުނު ފައިނަލް މެޗުގެ ފުރިހަމަ ވަގުތުހަމަވިއިރު، ދެ ޓީމު ވަނީ 2-2 ގެ ނަތީޖާއަކުން އެއްވަރު ވެފައެވެ. ޖޯލިން ކޯރާ ކޯރާގެ މައްޗަށް ކުރިހޯދީ ޕެނަލްޓީ ޖަހައިގެން، 7-6 ގެ ނަތީޖާއަކުންނެވެ.
ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފަސް ވަނަ މިނެޓުގައި ޖޯލި ޓީމުގެ މޫސާ ލަތީފް ވަނީ ލަނޑެއް ޖަހައި، އެ ޓީމަށް ކުރިހޯދަދީފަ އެވެ. ކޯރާ ކޯރާ އިން ނަތީޖާ ހަމަހަމަ ކުރުމަށް މާ ގިނަ ވަގުތެއް ބޭނުމެއް ނުވިއެވެ. ޖޯލިން ލަނޑު ޖެހިތާ މިނެޓެއް ތެރޭގައި ކޯރާ ކޯރާގެ މޫސާ މުޒާހު މުހައްމަދު ވަނީ ލަނޑެއް ޖަހައި އެއްވަރުކޮށްފަ އެވެ. ފުރަތަމަ ހާފު ނިމުނުއިރު ދެ ޓީމު ވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފަ އެވެ.
ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި ޖޯލިގެ އަލީ އިޝާމް ވަނީ ލަނޑެއް ޖަހައި، ދެވަނަ ފަހަރަށް ޖޯއްޔަށް ކުރިހޯދަދީފަ އެވެ. ކޯރާ ކޯރާ އިން ނަތީޖާ ހަމަހަމަ ކުރުމަށް ކުރި މަސައްކަތް ކާމިޔާބުވީ މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮ ށެވެ. އެ ޓީމަށް ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މުހައްމަދު އިސާމް އެވެ. މިއާއެކު، ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެނެވެ.
ޕެނަލްޓީގައި ޖޯލިން ވަނީ ޖެހި ފަސް ޕެނަލްޓީވެސް ކާމިޔާބުކޮށްފަ އެވެ. ކޯރާ ކޯރާ އިން ފުރަތަމަ ހަތަރު ޕެނަލްޓީ ކަމިޔާބުކުރި ނަމަވެސް، އެ ޓީމުގެ އަހުމަދު މުނައްވަރު ޖެހި ޕެނަލްޓީ، ޖޯލިގެ ކީޕަރު، އިބްރާހިމް ނަދީމް އާދަމް ވަނީ ދިފާއުކޮށްފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޖޯލި މޯލްޑިވްސްގެ ނަޒީހު އިސްމާއިލް އެވެ.
މުބާރާތުގައި އެންމެ ގިނަ ލަނޑު ޖަހާފައިވަނީ ޖޯލި މޯލްޑިވްސްގެ އަލީ އިޝާމް އާއި މުސްލިމް މުހައްމަދު އެވެ. މި ދެ ކުޅުންތެރިންވެސް ވަނީ އަށް ލަނޑު ޖަހާފަ އެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނިފައިވަނީ ޖޯލި މޯލްޑިވްސްގެ މުހައްމަދު ޖުމާން އާއި އަލީ އިޝާން އަދި އިބްރާހިމް ނަދީމް އާދަމްގެ އިތުރުން، ކޯރާ ކޯރާގެ މޫސާ މުޒާހު އާއި މުހައްމަދު އިސާމް އެވެ.
ރިސޯޓު ލީގު ރާ ޒޯނުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޖޯލި މޯލްޑިވްސްގެ މުސްލިމް އެވެ. އަދި އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ އެ ޓީމުގެ ކޯޗު، އަބްދުﷲ ހަނީފް އެވެ.
