ފްރާންސްގެ ޕެރިހުގައި މިހާރު ކުރިޔަށްދާ އޮލިމްޕިކްސްގެ ޓޭބަލް ޓެނިސް އިވެންޓުގެ ޕްރިލިމިނަރީ ބުރުން ރާއްޖޭގެ ޒުވާން ޓީޓީ ތަރި، ފާތިމަތު ދީމާ އަލީ ބަލިވެއްޖެ އެވެ.
ޕޮލަންޑްގެ ކަޓާރްޒައިނާ ވޭގަޖަން އާ ވާދަކޮށް، ދީމާ ބަލިވެފައިވަނީ ސީދާ ހަތަރު ސެޓުންނެވެ. ކަޓާރްޒައިނާ ސެޓުތައް ކާމިޔާބުކޮށްފައިވަނީ 11-5، 11-5، 11-2 އަދި 11-8 އިންނެވެ. އޭނާ އަކީ ދުނިޔޭގެ ޓީޓީ ރޭންކިންގެ 135 ވަނައިގައި ހިމެނޭ ކުޅުންތެރިޔާ އެވެ. ދީމާ ހިމެނެނީ ދުނިޔޭގެ ރޭންކިންގެ 703 ވަނައިގަ އެވެ.
ކަޓާރްޒައިނާގެ ފަރާތުން ފުރަތަމަ ތިން ސެޓުގައި ފެނިފައިވަނީ ތަފާތު މޮޅު ކުޅުމެކެވެ. އަދި ތަޖުރިބާކާރު ކުޅުންތެރިޔަކާ ދެކޮޅަށް ކުޅެން ޖެހުމާއެކު، ކޮންމެވެސް މިންވަރަކަށް ދީމާ ޕްރެޝަރަށް ގޮސްފައިވާކަން ފާހަގަކުރެވެ އެވެ.
ފުރަތަމަ ތިން ސެޓާ ހިލާފަށް، ހަތަރު ވަނަ ސެޓުގައި ދީމާ ވަނީ ކުޅުން ރަނގަޅުކޮށްފަ އެވެ. ގަދަ ހިތްވަރާއެކު ދީމާ މި ސެޓު ކުޅެފައިވާއިރު، މިއީ ކަޓާރްޒައިނާ އަށް އެންމެ އުނދަގުލުން ކާމިޔާބުކުރެވުނު ސެޓެވެ. މި ސެޓުގައި ކަޓާރްޒައިނާ އަށް ބޮޑު ލީޑެއް ނެގިފައެއް ނުވެއެވެ.
ދީމާ އަކީ ރާއްޖޭގެ ތާރީހުގައިވެސް، އޮލިމްޕިކްސް އަށް ކޮލިފައިވެގެން، މުބާރާތުގައި ވާދަކުރި ފުރަތަަމަ އެތުލީޓެވެ. މިއަހަރު ރާއްޖެއިން ފަސް އެތުލީޓެއް އޮލިމްޕިކްސްގައި ވާދަކުރާއިރު، ރާއްޖޭގެ ދިދަ އުފުލާފައިވަނީ ދީމާގެ އިތުރުން އިބާދުﷲ އާދަމް އެވެ. އަދި މިއަހަރުގެ އޮލިމްޕިކްސް އަކީ މިހާތަނަށް ރާއްޖެއިން އެންމެ ގިނަ އެތުލީޓުން ވާދަކުރާ އޮލިމްޕިކްސް އެވެ.
އޮލިމްޕިކްސްގެ ބެޑްމިންޓަން އިވެންޓުގައި މާދަމާ 12:20 ގައި ފާތިމަތު ނަބާހާ އަބްދުއް ރައްޒާގް ނިކުންނާނީ އިންޑިއާގެ ޕީވީ ސިންދޫ އާ ދެކޮޅަ ށެވެ.
