ރިސޯޓު ލީގު ރާ ޒޯނުގައި ޖޯލި މޯލްޑިވްސް ބަލިކޮށް، ކޯރާ ކޯރާ މޯލްޑިވްސް ފައިނަލަށް ދަތުރުކޮށްފި އެވެ.
މި ދެ ޓީމުންވެސް ވަނީ މުބާރާތުގެ ފުރަތަމަ ދެ މެޗުން، ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފަ އެވެ. ފައިދާ ލަނޑުން ޖޯލި ކުރީގައި އޮތުމާއެކު، ކޯރާ ކޯރާ ކައިރިން އެއްވަރުކޮށްގެން، މުބާރާތުގެ ފައިނަލަށް ދިއުމުގެ ފުރުސަތު ޖޯލި މޯލްޑިވްސް އަށް ލިބުނެވެ. ނަމަވެސް، މެޗުން ބަލިވުމާއެކު އެ ޓީމު ވަނީ ސެމީ ފައިނަލުގައި ވާދަކުރަން ޖެހިފަ އެވެ.
އިއްޔެ ހަވީރު ޖޯލި މޯލްޑިވްސް ގައި ކުޅުނު މެޗުން ކޯރާ ކޯރާ މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ 15 ވަނަ މިނެޓުގައި ކޯރާ ކޮރާ އަށް ކުރިހޯދައިދިނީ އަލީ މުހައްމަދު އެވެ. އަދި އޭގެ ތިން މިނެޓު ފަހުން އެ ޓީމުގެ މޫސާ މުޒާހު މުހައްމަދު ވަނީ ލަނޑެއް ޖަހައި، ލީޑު ފުޅާކޮށްދީފަ އެވެ. ކޯރާ ކޯރާ އިން ފުރަތަމަ ހާފު ނިންމާލީ ދެ ލަނޑުގެ ފަރަގަކާއެކު އެވެ.
ދެވަނަ ހާފު ފެށިގެން ޖޯލިން ވަނީ ކުޅުން ރަނގަޅުކޮށްފަ އެވެ. ހާފު ފެށިގެން ހަތަރުވަނަ މިނެޓުގައި މުހައްމަދު ޖުމާން ކާމިޔާބުކުރި ލަނޑާއެކު ޖޯލިން ވަނީ އުއްމީދު އައުކޮށްފަ އެވެ. އަދި އޭގެ ތިން މިނެޓު ފަހުން އޭނާ ވަނީ އިތުރު ލަނޑެއް ޖަހައި، ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.
މެޗުގެ ފަހު މިނެޓުގައި ލަނޑު ޖަހައި، ކޯރާ ކޯރާ މޮޅުކޮށްދިނީ އަހުމަދު މުނައްވަރު އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކޯރާ ކޯރާގެ މުޒާހު އެވެ.