ހިންގުން ދަށްވެ، އަޑިއަޅާލާފައިވާ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ހިންގަން ނޯމަލައިޒިން ކޮމިޓީއަކާ ހަވާލުކުރަން ފީފާ އިން ނިންމައިފި އެވެ.
ފީފާ ކައުންސިލުން ބޭއްވި ބައްދަލުވުމަށްފަހު، ނޯމަލައިޒިން ކޮމިޓީއަކާ ހަވާލުކުރަން ނިންމާފައިވަނީ އެފްއޭއެމްގެ އިތުރުން ޓިއުނީޝިއާ ފުޓްބޯލް އެސޯސިއޭޝަން (ޓީއެފްއޭ) އެވެ. ފީފާ އިން ރަސްމީކޮށް މިކަން އިއުލާނުކޮށްފައިވަނީ މިރޭގެ ވަގުތެއްގަ އެވެ.
ފީފާ އިން ނެރުނު ބަޔާނުގައި ބުނެފައިވާގޮތުން، އޭއެފްސީ އާ މަޝްވަރާކުރުމަށްފަހު، އެފްއޭއެމް ހިންގުން ނޯމަލައިޒިން ކޮމިޓީއަކާ ހަވާލުކުރަން ނިންމީ، އެ އެސޯސިއޭޝަންގެ ގަވަރްނަންސްގެ މައްސަލަތަކާއި މާލީ ގޮތުން ދަށްވެފައިވުމުން، އެކަންކަން ހައްލުކޮށް ރަނގަޅު ކުރުމުގެ ބޭނުމުގައި ކަމަށެވެ.
ފީފާގެ ބަޔާނުގައި އިތުރަށް ބުނެފައިވާގޮތުން، މި ކޮމިޓީގެ ދަށުން އެފްއޭއެމް ހިންގާނީ އަންނަ އަހަރު ޖުލައި މަހު 31 ވަނަ ދުވަހާ ހަމަޔަށެވެ. ނަމަވެސް، އޭގެ ކުރިން އެ ކޮމިޓީގެ މަސައްކަތްތައް ނިމިއްޖެ ނަމަ، ކޮމިޓީގެ ދައުރު ހަމަވާނެ އެވެ. މީގެއިތުރުން، މި ކޮމިޓީގައި ހިމެނޭނީ އެކަމަށް ގާބިލު މީހުން ކަމަށާއި، މެންބަރުން އައްޔަން ކުރާނީ ފީފާ އާއި މި ކަމާ ގުޅުން ހުރި އެކި ފެޑެރޭޝަންތަކުން މަޝްވަރާ ކުރުމަށްފަހު ކަމަށް ފީފާ އިން ބުނެފައިވެ އެވެ.
ކޮމިޓީ އަށް އައްޔަން ކުރާނީ ކޮން ބައެއް ކަމެއް އަދި މިހާތަނަށް ފީފާ އިން ނިންމާފައެއް ނުވެއެވެ.