ރިސޯޓު ލީގު ރާ ޒޯނުގައި ތަފާތު ބޮޑު ނަތީޖާއަކުން އެމެރަލްޑް ފާރުފުށި ރިސޯޓު ބަލިކޮށް، ކޯރާ ކޯރާ މޯލްޑިވްސް އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.
އިއްޔެ ހަވީރު ޖޯލި މޯލްޑިވްސްގައި ކުޅުނު މެޗުން ކޯރާ ކޯރާ މޮޅުވީ 9-1 ގެ ނަތީޖާއަކުންނެވެ. މެޗު ފެށުނީއްސުރެ، ކޯރާ ކޯރާ އިން ވަނީ މުޅި މެޗުގެ ކޮންޓްރޯލް ނަގާފަ އެވެ.
ފުރަތަމަ ހާފުގައި ކޯރާ ކޯރާ އިން ހަތަރު ލަނޑު ޖަހާފައިވާއިރު، ދެވަނަ ހާފުގައި އެ ޓީމުން ވަނީ ފަސް ލަނޑު ޖަހާފަ އެވެ. މި މެޗުގައި ކޯރާ ކޯރާގެ އަލީ މުހައްމަދު އާއި މުހައްމަދު އިސާމް ވަނީ ހެޓްރިކް ހަދާފަ އެވެ. މީގެއިތުރުން، މޫސާ މުޒާހު މުހައްމަދު ދެ ލަނޑު ޖަހާފައިވާއިރު އަލީ މިޒްޔާން ވަނީ ލަނޑެއް ޖަހާފަ އެވެ. ފާރުފުށިގެ ހަމައެކަނި ލަނޑު ޖެހީ މުހައްމަދު އަލާއު އަލީ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކޯރާ ކޯރާގެ އިސާމް އެވެ.
މި ނަތީޖާއާއެކު ކޯރާ ކޯރާ އިން މުބާރާތް ފެށީ ތާވަލުގެ އެއްވަނައިގަ އެވެ. އިއްޔެ ހަވީރު ޖޯލި މޯލްޑިވްސް އިން ވަނީ 7-1 ގެ ނަތީޖާއަކުން ކޮތައިފަރު ބަލިކޮށްފަ އެވެ.