ހުކުރު ދުވަހު ފްރާންސްގެ ޕެރިހުގައި ފެށުމަށް ހަމަޖެހިފައިވާ އޮލިމްޕިކްސްގައި ރާއްޖޭގެ ދިދަ އުފުލުމުގެ ޝަރަފް، ޓޭބަލް ޓެނިސް ތަރި، ފާތިމަތު ދީމާ އަލީ އާއި އެތުލެޓިކްސްގެ އިބާދުﷲ އާދަމް އަށް ލިބިއްޖެ އެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ދީމާ އާއި އިބާދުﷲ އަށް ދިދަ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު އެވެ.
ދީމާ ވަނީ ބައިނަލްއަގުވާމީ ދެ މުބާރާތެއްގައި ރާއްޖޭގެ ދިދަ އުފުލާފަ އެވެ. އެއީ 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ނިންމުމުގެ ރަސްމިއްޔާތާއި މިިދިޔަ އަހަރުގެ އައިއޯއައިޖީގެ ހުޅުވުމުގެ ރަސްމިއްޔާތުގަ އެވެ. ދީމާ އަކީ ރާއްޖެއިން އޮލިމްޕިކްސް އަށް ކޮލިފައިވި ފުރަތަމަ އެތުލީޓެވެ.
މިއަހަރުގެ އޮލިމްޕިކްސް އަކީ އިބާދުﷲ ގެ ފުރަތަމަ އޮލިމްޕިކްސް އެވެ. އަދި ބައިނަލްއަގުވާމީ މުބާރާތެއްގައި ރާއްޖޭގެ ދިދަ އުފުލާ ފުރަތަމަ ފަހަރެވެ. އިބާދުﷲ ތަމްރީނު ފުރިހަމަކުރަމުންދަނީ ޖެމެއިކާގަ އެވެ. އެތުލެޓިކްސް އެސޯސިއޭޝަނުން ބެލި ޓައިމް ޓްރައިލްސްގައި 10.50 ސިކުންތުން ނިންމައި، އިބާދުﷲ ވަނީ އެންމެ ރަނގަޅު ނަތީޖާ ނެރެފަ އެވެ.
މިއަހަރުގެ އޮލިމްޕިކްސް ވެގެންދާނީ ރާއްޖެއިން އެންމެ ގިނަ ކުޅިވަރުގައި ވާދަކުރާނެ އޮލިމްޕިކްސް އަށެވެ. އެގޮތުން، ރާއްޖެއިން ޖުމްލަ ހަތަރު ކުޅިވަރެއްގައި ވާދަކުރާނެ އެވެ. އެއީ ޓޭބަލް ޓެނިސް، އެތުލެޓިކްސް، ބެޑްމިންޓަން އަދި ސްވިމިން އެވެ.
ޓީޓީ ގައި ރާއްޖޭގެ ދީމާ ވާދަކުރާއިރު، އެތުލެޓިކްސް ގައި ވާދަކުރާނީ އިބާދުﷲ އެވެ. މީގެއިތުރުން، ބެޑްމިންޓަނުން ވާދަކުރާނީ ފާތިމަތު ނަބާހާ އެވެ. މިއާއެކު ނަބާހާ ވެފައިވަނީ އެއް އޮލިމްޕިކްސް އަށްވުރެ ގިނަ އޮލިމްޕިކްސްގައި ވާދަކުރާ ހަމައެކަނި ދިވެހި އެތުލީޓަށެވެ. ނަބާހާ ވަނީ އެންމެ ފަހުން ބޭއްވި އޮލިމްޕިކްސްގައިވެސް ރާއްޖެ ތަމްސީލުކޮށްފަ އެވެ.
ސްވިމިން އިން އޮލިމްޕިކްސްގައި ވާދަކުރާނީ މުހައްމަދު އާން ހުސައިން އާއި ޢާއިޝަތު އުލްޔާ ޝާއިގް އެވެ.