ސްޕެއިންގެ ފޯވާޑް އަލްވާރޯ މޮރާޓާ، އެތުލެޓިކޯ މެޑްރިޑުން އޭސީ މިލާނަށް ބަދަލުވެއްޖެ އެވެ.
މޮރާޓާ އޭސީ މިލާނާއެކު ސޮއިކުރީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. މި އެއްބަސްވުމުގެ ދަށުން، އިތުރު އެއް އަހަރު ދުވަހަށް އެއްބަސްވުން އައުކުރުމުގެ ފުރުސަތު ލިބޭނެ އެވެ.
މި މަހުގެ ކުރީކޮޅު ސްޕެއިން އިން ޔޫރޯ ފުޓުބޯޅަ މުބާރާތް ކާމިޔާބުކުރިއިރު، ޓީމުގެ ކެޕްޓަނަކީ އުމުރުން 31 އަހަރުގެ މޮރާޓާ އެވެ.
2019 ވަނަ އަހަރު އެތުލެޓިކޯ އަށް ބަދަލުވުމަށްފަހު، މޮރާޓާ ވަނީ އެ ޓީމަށް 117 މެޗު ކުޅެދީ، 46 ލަނޑު ޖަހާފަ އެވެ. އޭނާގެ ފުޓުބޯޅަ ކެރިއަރު ފެށީ ރެއާލް މެޑްރިޑާއެކު އެވެ. އޭގެފަހުން، އޭނާ ވަނީ ޔުވެންޓަސް އާއި ޗެލްސީ އަށްވެސް ކުޅެފަ އެވެ.
މޮރާޓާ ވަނީ ރެއާލް މެޑްރިޑާއެކު ޗެމްޕިއަންސް ލީގު، ދެފަހަރު ކާމިޔާބުކޮށްފަ އެވެ. މީގެއިތުރުން، އޭނާ ވަނީ ޔުވެންޓަސް އާއެކު އިޓަލީ ލީގު ދެފަހަރު، އަދި ޗެލްސީ އާއެކު އެފްއޭ ކަޕް ކާމިޔާބުކޮށްފަ އެވެ.
މޮރާޓާ ވަނީ ސްޕެއިން ގައުމީ ޓީމަށް ކުޅެދިން 80 މެޗުން 36 ލަނޑު ޖަހާފަ އެވެ.