ރެއާލް މެޑްރިޑަށް ބަދަލުވުމަކީ އޭނާގެ ކުޑައިރުގެ ހުވަފެނެއް ޙަޤީޤަތަކަށް ވެގެން ދިޔަ ކަމެއްކަމަށް ފްރާންސްގެ ތަރި، ކިލިއަން އެމްބާޕޭ ބުނެފި އެވެ.
އެމްބާޕޭ މިހެން ބުނެފައިވަނީ ގިނަ އަދަދެއްގެ ސަޕޯޓަރުން ކުރިމަތީ ސަންޓިއާގޯ ބާނަބައުގައި އޭނާ ތައާރަފުކުރެވުނު ހަފްލާގައެވެ.
އުމުރުން 25 އަހަރުގެ ފްރާންސްގެ ފޯވަޑް، ރެއާލް މެޑްރިޑާއެކު ސޮއިކުރީ 5 އަހަރުގެ އެއްބަސްވުމެއްގަ އެވެ. އޭނާ ރެއާލް އަށް ބަދަލުވެފައިވަނީ ޕީއެސްޖީ އާއެކު ހަދާފައިވާ އެއްބަސްވުން ހަމަވުމުންނެވެ.
ޔޫރޯ 2024 ގައި ފްރާންސް ބައިވެރިވުމާ ގުޅިގެން އެމްބާޕޭ ތައާރަފުކުރުން ވަނީ ލަސްވެފައިވެ އެވެ. މި މުބާރާތުން ފްރާންސް ކެޓީ، ސެމީ ފައިނަލުގައި ސްޕެއިން އަތުން ބަލިވެގެނެވެ.
ބާނަބައުގައި 80،000 އަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ވާހަކަދައްކަމުން، އެމްބާޕޭ ބުނެފައިވަނީ އޭނާއަށް ރެއާލް މެޑްރިޑުގެ ކުޅުންތެރިއެކޭ ކިޔޭނެ ދުވަހެއްގެ ހުވަފެން އޭނާ ދެކެފައިވާ ކަމަށެވެ. އަދި މިއަދު އެ ހުވަފެން ހަގީގަތަކަށް ވެއްޖެކަމަށް ބުންޏެވެ.
އެމްބާޕޭ އިތުރަށް ބުނީ، މިއީ އޭނާއަށް އުފާވެރި ދުވަހެއް ކަމަށާއި، އެހާމެ މުހިއްމު ދުވަހެއް ކަމަށެވެ. އަދި އޭނާގެ އާއިލާ ތިބީ ވަރަށް އުފަލުން ކަމަށް ބުންޏެވެ.