މިހާރު ކުރިޔަށްދާ ރިސޯޓު ލީގު އަރި ޒޯނުގައި، ކުރަމަތި ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ކޮންރެޑް ފައިނަލަށް ދަތުރުކޮށްފި އެވެ.
މުބާރާތުގެ ޗެމްޕިއަންކަން ހަ ފަހަރު ހޯދާފައިވާ ކޮންރެޑުން ވަނީ ގުރޫޕް ސްޓޭޖުގައި ލިލީ ބީޗް އާއި ވިލަމެންދޫގެ އިތުރުން ލިލީ ބީޗް ބަލިކޮށްފަ އެވެ. ކޮންރެޑް ބަލިވެފައިވަނީ ހަމައެކަނި ބާސެލޯ އަތުންނެވެ. ބާސެލޯ އަކީ މުބާރާތުގައި އަލަށް ވާދަކުރި ޓީމެކެވެ.
ކޮންރެޑް ފައިނަލަށް ގޮސްފައިވަނީ ނުވަ ޕޮއިންޓާއެކު އެވެ. މިއަދު ހަވީރު ލިލީ ބީޗް ކައިރިން ބާސެލޯ ބަލިވުމުން، ކޮންރެޑުން ވަނީ އޭގެ ފައިދާ ނަގާފަ އެވެ. ކޮންރެޑާ ވާދަކުރެވޭ ހިސާބުގައި އޮތީ ބާސެލޯ އާއި ކުރަމައްޗެވެ. ފައިނަލުގެ ޖާގަ ކޮންރެޑަށް ކަށަވަރުވީ މިއަދު ބާސެލޯ އާއި ކުރަމައްޗާ ދެ ޓީމުވެސް ބަލިވުމުންނެވެ.
މެޗުގައި ފުރަތަމަ ގޯލު ޖަހައި ކުރިހޯދީ ކުރަމަތިންނެވެ. އެގޮތުން، މެޗު ފެށިގެން 12 ވަނަ މިނެޓުގައި އަހުމަދު މައިސޫން ވަނީ އެ ޓީމަށް ގޯލު ޖަހައިދީފަ އެވެ. ނަމަވެސް، ކޮންރެޑުން ނަތީޖާ ހަމަހަމަ ކުރުމަށް މާ ގިނަ އިރުތަކެއް ބޭނުމެއް ނުވިއެވެ. ކުރަމަތިން ލީޑު ނެގިތާ ދެ މިނެޓުގެ ތެރޭގައި ކޮންރެޑްގެ އިސްމާއިލް ޝިޔާޒް ވަނީ ގޯލެއް ޖަހައި، ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ފުރަތަމަ ހާފު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެނެވެ.
ދެވަނަ ހާފު ފެށިގެން ދެ ޓީމުންވެސް ކުޅުނީ ގޯލެއް ޖަހައި، މެޗުގެ އެޑްވާންޓޭޖް ހޯދުމަށެވެ. މެޗު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް، ޝިޔާޒް ވަނީ އިތުރު ގޯލެއް ޖަހައި، ކޮންރެޑަށް ކުރިހޯދަދީފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީވެސް ޝިޔާޒް އެވެ.
މެޗުން ބަލިވި ނަމަވެސް، ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތު ކުރަމައްޗަށް އަދި އެބަ އޮތެވެ. ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި، ލިލީ ބީޗް ކައިރިން އެއްވަރު ކޮށްގެންވެސް ކުރަމަތި ސެމީ އަށް ދާނެއެވެ.