ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ސްލޮވާކިއާ ކައިރިން އެއްވަރުކޮށް، 24 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ރުމޭނިއާ ގުރޫޕް ސްޓޭޖު ފަހަނައަޅާ ގޮސްފި އެވެ.
ރުމޭނިއާގެ މި ތާރީހީ ކާމިޔާބު އިތުރަށް ފުރިހަމަވީ ގުރޫޕު ”އީ“ ގެ އެއްވަނަ ލިބުމުންނެވެ. ފުރަތަމަ މެޗުގައި އެ ޓީމުން ޔޫކްރެއިން ބަލިކޮށްފައިވާއިރު، ދެވަނަ މެޗުގައި ބެލްޖިއަމް ކައިރިން ވަނީ ބަލިވެފަ އެވެ.
މުބާރާތުގެ އެންމެ ވާދަވެރި ގުރޫޕަކަށް ވެފައިވަނީވެސް ގުރޫޕު ”އީ“ އެވެ. އެގޮތުން، ގުރޫޕުގެ ހަތަރު ޓީމަށްވެސް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. މިއީ ޔޫރޯގެ ތާރީހުގައިވެސް މިގޮތަށް ދިމާވި ފުރަތަމަ ފަހަރެވެ. ގުރޫޕުގެ އެއްވަނަ ރުމޭނިއާ އަށް ލިބިފައިވާއިރު، ދެވަނަ ލިބުނީ ބެލްޖިއަމް އަށެވެ. އަދި ތިންވަނަ ލިބުނީ ސްލޮވާކިއާ އަށެވެ. މި ތިން ޓީމަށްވެސް ވަނީ ގަދަ 16 ބުރުން ފުރުސަތު ލިބިފަ އެވެ.
ފުރަތަމަ ހާފުގެ 24 ވަނަ މިނެޓުގައި ޖޫރަޗް ކުޗްކާ ތަނަވަސްކޮށްދިން ފުރުސަތަކުން ސްލޮވާކިއާ އަށް ލީޑު ނަގައިދިނީ އޮންޑްރޭއި ޑޫޑާ އެވެ.
މެޗުގެ 37 ވަނަ މިނެޓުގައި ރުމޭނިއާގެ ޔަނިސް ހާޖީ އަށް ސްލޮވާކިއާގެ ޑޭވިޑް ހަންކޯ ކުރި ފައުލަކާ ގުޅިގެން، ރުމޭނިއާ އަށް ވަނީ ޕެނަލްޓީއެއް ލިބިފަ އެވެ. ޕެނަލްޓީ ކާމިޔާބުކޮށް، ރުމޭނިއާ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ރަޒްވާން މަރީން އެވެ.
ދެވަނަ ހާފުގައި ދެ ޓީމުންވެސް ކުޅުނީ، ބައިކޮޅަށް ގޯލެއް ވަނަނުދިނުމަށެވެ. ނަމަވެސް، ކައުންޓާ އެޓޭކްގައި ދެ ޓީމުންވެސް ވަނީ ގޯލު ޖަހާނެ ފުރުސަތު ތަނަވަސްކޮށްފަ އެވެ.