ޔޫރޯ ފުޓުބޯޅަ މުބާރާތުގައި، ނެދަލެންޑްސް ބަލިކުރުމަށްފަހު އޮސްޓްރިއާ އިން ގުރޫޕު ”ޑީ“ ގެ އެއްވަނަ ހޯދައިފި އެވެ.
ފްރާންސާއި ނެދަލެންޑްސް ފަހަތަށް ޖައްސާލުމަށްފަހު، އޮސްޓްރިއާ އިން ގުރޫޕުގެ އެއްވަނަ ހޯދީ ހަ ޕޮއިންޓާއެކު އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ފްރާންސް ކައިރިން ބަލިވިނަމަވެސް، އޮސްޓްރިއާ އިން ވަނީ ކުޅުން ރަނގަޅުކޮށް، ޕޮލެންޑާއި ނެދަލެންޑްސް ބަލިކޮށްފަ އެވެ. މިއީ 34 އަހަރު ތެރޭ، އޮސްޓްރިއާ އަށް ނެދަލެންޑްސް ބަލިކުރެވުނު ފުރަތަމަ ފަހަރެވެ.
އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުން އޮސްޓްރިއާ މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ. މެޗު ފެށިގެން ހަ މިނެޓުގެ ތެރޭގައި ނެދަލެންޑްސްގެ ޑޮންޔެލް މާލެން އަތުން ވަނީ ބައިކޮޅަށް ގޯލެއް ވަދެފަ އެވެ. މިއަހަރުގެ މުބާރާތުގައި މިހާތަނަށް ގިނަ އަދަދެއްގެ ބައި ގޯލު ވަނީ ފެނިފަ އެވެ.
ނަތީޖާ ހަމަހަމަ ކުރުމަށް ކުޅުނު ނެދަލެންޑްސް އިން ވަނީ ފުރަތަމަ ހާފުގައި ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. އެގޮތުން، އެންމެ ރަނގަޅު ފުރުސަތެއް ލިބިފައިވަނީ 42 ވަނަ މިނެޓުގައި މެމްފިސް ޑިޕާއި އަށެވެ. އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.
ދެވަނަ ހާފު ފެށިގެން، ނެދަލެންޑްސް އިން ކުޅުނީ ވަރަށް ބޮޑަށް ޕްރެސް ކޮށްގެނެވެ. އޭގެ ފައިދާ ނަގައި، ނެދަލެންޑްސް އިން ވަނީ ހާފު ފެށިތާ ދެ މިނެޓުގެ ތެރޭގައި ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ކޯޑީ ގަކްޕޯ އެވެ.
އޮސްޓްރިއާ އިންވަނީ މެޗުގެ 59 ވަނަ މިނެޓުގައި އިތުރު ގޯލެއް ޖަހައި، އަނެއްކާވެސް ލީޑު ނަގާފަ އެވެ. އޮސްޓްރިއާ އަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ ރޮމާނޯ ޝްމިޑް އެވެ.
ގޯލެއް ޖެހުން މުހިންމުވެފައިވާ ނެދަލެންޑްސް އިން ވަނީ ބަދަލު ތަކެއް ގެނެސް، އެޓޭކް ވަރުގަދަކޮށްފަ އެވެ. އެގޮތުން، މެޗުގެ 75 ވަނަ މިނެޓުގައި ޑިޕާއި ޖެހި ގޯލުން، ނެދަލެންޑްސް އިން ވަނީ އަނެއްކާވެސް ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ރެފްރީ ފުރަތަމަ ނިންމާފައިވަނީ ނެދަލެންޑްސް ކުޅުންތެރިޔާގެ އަތުގައި ޖެހުނު ކަމަށެވެ. ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ބެލުމަށްފަހު، ރެފްރީ ވަނީ ނެދަލެންޑްސް އާ އެއްކޮޅަށް ނިންމާފަ އެވެ.
މެޗުގެ 80 ވަނަ މިނިޓްގައި އޮސްޓްރިއާ މޮޅުކޮށްދިނީ ޓީމުގެ ކެޕްޓަން، މާސެލް ސަބީޓްޒާ އެވެ. އަދި އޭގެ އިރުކޮޅެއް ފަހުން އެ ޓީމުގެ ކްރިސްޓޮފް ބޯމްގާޓްނާ ގޯލެއް ޖަހާފައިވާއިރު، ވީއޭއާރު ބެލުމަށްފަހު ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ.
މިއާއެކު، ގުރޫޕުގެ އެއްވަނަ ލިބުނީ އޮސްޓްރިއާ އަށެވެ. ފްރާންސަށް ދެވަނަ ލިބިފައިވާއިރު، ނެދަލެންޑްސް އަށް ލިބުނީ ތިންވަނަ އެވެ. މި ތިން ޓީމަށްވެސް ވަނީ ގަދަ 16 ބުރުން ޖާގަ ކަށަވަރުވެފަ އެވެ.