ރިސޯޓު ލީގު އަރި ޒޯނުގައި މިއަދު ކުޅުނު ދެ މެޗުވެސް އެއްވަރުވެ، މުބާރާތުގެ ފޯރި އިތުރަށް ގަދަވެއްޖެ އެވެ.
މިއަދުގެ ފުރަތަމަ މެޗުގައި ބައްދަލުކޮށްފައިވަނީ ލިލީ ބީޗް އާއި ވިލަމެންދު އެވެ. އަދި ދެވަނަ މެޗުގައި ބައްދަލުކޮށްފައިވަނީ ބާސެލޯ އާއި ކުރަމައްޗެވެ. މި ދެ މެޗުވެސް ނިމުނީ 2-2 ގެ ނަތީޖާއަކުންނެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ލިލީ ބީޗް ވަނީ ކޮންރެޑް ކައިރިން ބަލިވެފަ އެވެ. އަދި ވިލަމެންދޫ ވަނީ ކުރަމަތި ކައިރިން ބަލިވެފަ އެވެ. އެހެންކަމުން، މި މެޗު ވެފައިވަނީ ދެ ޓީމަށްވެސް މޮޅުވުން މުހިންމު މެޗަކަ ށެވެ.
މެޗު ފެށިގެން 12 ވަނަ މިނެޓުގައި ވިލަމެންދޫގެ މުހައްމަދު މިސްބާހު ވަނީ ގޯލެއް ޖަހައި، އެ ޓީމަށް ކުރިހޯދަދީފަ އެވެ. ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ލިލީ ބީޗަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މުހައްމަދު މާއިސް އެވެ.
ދެވަނަ ހާފު ފެށިގެން ހަތަރުވަނަ މިނެޓުގައި، ވިލަމެންދުއަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ ހުސައިން ޝަފްރާހު އެވެ. އޭގެފަހުން، ލިލީ ބީޗުން ނެގި ކޯނަރެއް، ޝަފްރާހުގެ ފައިގައި ޖެހިފައި ބައިކޮޅަށް ވަދެފައިވެ އެވެ. މިއާއެކު، މެޗުގެ ނަތީޖާ ވަނީ އަނެއްކާވެސް އެއްވަރުވެފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ވިލަމެންދޫގެ މިސްބާހު އެވެ.
ކުރަމަތިން ވަނީ މުބާރާތުގެ ފުރަތަމަ މެޗުގައި ވިލަމެންދޫ ބަލިކޮށްފަ އެވެ. އަދި އަލަށް ވާދަކުރާ ބާސެލޯ އިން ވަނީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު، ކޮންރެޑް ބަލިކޮށްފަ އެވެ.
މެޗު ފެށިގެން 10 މިނެޓުގެ ތެރޭގައި ކުރަމަތީގެ އަހުމަދު ސާހު ވަނީ ގޯލެއް ޖަހައި ލީޑު ނަގައިދީފަ އެވެ. ނަމަވެސް، ބާސެލޯ އިން ވަނީ ގާތްގާތުގައި ދެ ގޯލު ޖަހައި، މެޗުގެ ނަތީޖާ އަނބުރާލާފަ އެވެ. ބާސެލޯގެ ގޯލުތައް ޖެހީ އަހުމަދު ޝާތިރު އާއި އަހުމަދު ޖައިލަމް އެވެ.
ދެވަނަ ހާފު ފެށިގެން، ކުރަމަތިން ކުޅުނީ ގޯލެއް ޖަހައި، ނަތީޖާ ހަމަހަމަ ކުރުމަ ށެވެ. އެ ޓީމުން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 33 ވަނަ މިނެޓުގަ އެވެ. ކުރަމައްޗަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މުހައްމަދު ސާއިން އެވެ. މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް، ބާސެލޯގެ މާއިލް މުހައްމަދަށް ވަނީ ދެވަނަ ރީންދޫ ކާޑާއެކު، ރަތް ކާޑު ދައްކައި ދަނޑުން ބޭރުކޮށްފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކުރަމަތިގެ އަލީ މުސްތަފާ އެވެ.
މި ނަތީޖާއާއެކު، ބާސެލޯ އާއި ކުރަމައްޗަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ކޮންރެޑަށް ތިން ޕޮއިންޓު ލިބިފައިވާއިރު، ވިލަމެންދުއާއި ލިލީ ބީޗަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.