ޔޫރޯ 2024: ފަހުވަގުތު ޒަކާނީ ޖެހި ގޯލާއެކު އިޓަލީ ގަދަ 16 އަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

މިހާރު ކުރިޔަށްދާ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގުރޫޕު ”ބީ“ ގެ ފަހު މެޗުގައި ކްރޮއޭޝިއާ އާ ވާދަކޮށް، ފަހުވަގުތު މަޓެއާ ޒަކާނީ ޖެހި ގޯލާއެކު އިޓަލީ ގަދަ 16 ބުރަށް ދަތުރުކޮށްފި އެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި އިޓަލީ އިން ވަނީ 2-1 ގެ ނަތީޖާއަކުން އަލްބޭނިއާ ބަލިކޮށްފަ އެވެ. ނަމަވެސް، ދެވަނަ މެޗުގައި 1-0 އިން ސްޕެއިން ކައިރިން ވަނީ ބަލިވެފަ އެވެ. އަދި ކްރޮއޭޝިއާ އިން ކުޅުނު ފުރަތަމަ މެޗުގައި ސްޕެއިން ކައިރިން 3-0 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު، ދެވަނަ މެޗުގައި އަލްބޭނިއާ ކައިރިން 2-2 އިން އެއްވަރުވީ އެވެ.

ރޭ ކުޅުނު މެޗުން މޮޅުވިނަމަ، ކްރޮއޭޝިއާ އަށް ގަދަ 16 ބުރުން ޖާގަ ލިބޭނެ އެވެ. ނަމަވެސް، 1-1 ގެ ނަތީޖާއަކުން އެއްވަރު ވުމުން، ހަތަރު ޕޮއިންޓާއެކު ދެވަނަ ލިބުނީ އިޓަލީ އަށެވެ. ނުވަ ޕޮއިންޓާއެކު ގުރޫޕުގެ އެއްވަނަ، ސްޕެއިން އިން ހޯދާފައިވާއިރު، ދެ ޕޮއިންޓާއެކު ތިންވަނަ ލިބުނީ ކްރޮއޭޝިއާ އަށެވެ.

މެޗު ފެށިގެން، ދެ ޓީމުންވެސް މަސައްކަތް ކުރީ ގޯލެއް ޖަހައި، މެޗުގައި އެޑްވާންޓޭޖް ހޯދުމަ ށެވެ. ދެ ޓީމަށްވެސް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް، އޭގެ ބޭނުން ހިފިފައެއް ނުވެއެވެ.

ދެވަނަ ހާފު ފެށިގެން، މެޗުގެ 52 ވަނަ މިނެޓުގައި، އޭރިއާ ތެރެއިން އިޓަލީގެ ޑާވިޑޭ ފްރަޓެސީ އަތުގައި ބޯޅައިން ޖެހުމުން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ބެލުމަށްފަހު ކްރޮއޭޝިއާ އަށް ވަނީ ޕެނަލްޓީ އެއް ލިބިފަ އެވެ. ކްރޮއޭޝިއާގެ ކެޕްޓަން، ލޫކާ މޮޑްރިޗް ފޮނުވާލި ޕެނަލްޓީ، އިޓަލީގެ ކެޕްޓަން ޑޮނަރޫމާ ވަނީ ދިފާއުކޮށްފަ އެވެ. ނަމަވެސް، ޕެނަލްޓީ ނާކަމިޔާބުވިތާ މިނެޓެއް ނުވަނީސް މޮޑްރިޗް ވަނީ ގޯލެއް ޖަހައި، ކްރޮއޭޝިއާ އަށް ލީޑު ނަގައިދީފަ އެވެ. މިއާއެކު، 38 އަހަރުގެ މޮޑްރިޗް ވެފައިވަނީ ޔޫރޯގައި ގޯލު ޖެހި އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިޔާ އަށެވެ.

ލީޑު ނެގުމާއެކު ކްރޮއޭޝިއާ އިން ކުޅުނީ ފަހަތުގައި މަޑުކޮށްގެނެވެ. އަދި އިޓަލީ އިން ވަނީ އެޓޭކް ރަނގަޅު ކުރުމަށް ބަދަލުތަކެއް ކޮށްފަ އެވެ.

މެޗުގެ އިތުރު ވަގުތަށް ވަނީ އަށް މިނެޓު ދައްކާފަ އެވެ. އިޓަލީ އިން ނަތީޖާ ހަމަހަމަ ކުރުމަށް ކުރި މަސައްކަތް ކާމިޔާބުވީ އިތުރު ވަގުތުގެ ފަހު މިނެޓުގަ އެވެ. ރިކާޑޯ ކަލަފިއޯރީ ތަނަވަސްކޮށްދިން ފުރުސަތަކުން އިޓަލީ އަށް ގޯލު ޖަހައިދިނީ ޒަކާނީ އެވެ. މިއީ ޒަކާނީ އިޓަލީ އަށް ޖަހައިދިން ފުރަތަމަ ގޯލެވެ.

މެޗުން މޮޅު ނުވެވުމާއެކު، ކްރޮއޭޝިއާ އަށް ވަނީ މުބާރާތުގައި ކުރިޔަށް ދިއުމުގެ ފުރުސަތު ވަރަށް ބޮޑަށް ހަނިވެފަ އެވެ. ތިންވަނަ އަށް ދާ ޓީމު ތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ ހަތަރު ޓީމަށް ގަދަ 16 ބުރުން ޖާގަ ލިބޭއިރު، ކްރޮއޭޝިއާ އަށް ލިބިފައިވަނީ ދެ ޕޮއިންޓެވެ.

ޔޫރޯ ފުޓުބޯޅަ މުބާރާތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ