ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން މޮޅުވެ، ސްޕެއިން ގަދަ 16 ބުރަށް ދަތުރުކޮށްފި އެވެ.
މުބާރާތުގެ އެންމެ ފޯރިގަދަ ވާނެ ގުރޫޕު ކަމަށް ގިނަ ބަޔަކު ގަބޫލުކުރި ގުރޫޕު ”ބީ“ ގެ ފުރަތަމަ މެޗުގައި ސްޕެއިން އިން ވަނީ 3-0 ގެ ނަތީޖާއަކުން ކްރޮއޭޝިއާ ބަލިކޮށްފަ އެވެ. އަދި ވާދަވެރި ކުޅުމަކަށްފަހު، އިޓަލީ ކައިރިން މޮޅުވީ 1-0 އިންނެވެ. ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރޭ އަލްބޭނިއާ ކައިރިންވެސް މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.
ގަދަ 16 ބުރުން ޖާގަ ކަށަވަރުކޮށްފައިވާ ސްޕެއިން އިން އަލްބޭނިއާ އާ ދެކޮޅަށް ނިކުތި 10 ބަދަލަކާއެކު އެވެ. އެ ޓީމުގެ ފުރަތަމަ 11 އިން ބަދަލު ނުކުރާ ހަމައެކަނި ކުޅުންތެރިޔަކީ ޑިފެންޑަރު، އައިމެރިކް ލަޕޯޓް އެވެ.
މެޗު ފެށިގެން 13 ވަނަ މިނެޓުގައި، ޑެނީ އޮލްމޯ ތަނަވަސްކޮށްދިން ފުރުސަތަކުން ސްޕެއިން އަށް ކުރިހޯދައިދިނީ ފެރާން ޓޮރޭޒް އެވެ. މެޗުގެ ކުރީކޮޅު ސްޕެއިން އިން ލީޑު ނެގުމުން އަލްބޭނިއާ އަށް ޕްރެޝަރު ބޮޑުވި އެވެ.
ދެވަނަ ހާފުގައި ސްޕެއިން އިން ވަނީ ގިނަ ބަދަލު ތަކެއް ކޮށްފަ އެވެ. އަލްބޭނިއާ އިން ގޯލެއް ޖަހައި، ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރިނަމަވެސް، ކާމިޔާބުވާ ގޮތެއް ނުވިއެވެ.
މެޗުން ބަލިވުމާއެކު، އަލްބޭނިއާ ވަނީ މުބާރާތުން ކަޓާފަ އެވެ. ހަތަރު ޕޮއިންޓާއެކު ގުރޫޕުގެ ދެވަނަ ލިބުނީ އިޓަލީ އަށެވެ.