ޔޫރޯ 2024: ސްވިޒަލެންޑް ކައިރިން އެއްވަރުކޮށް، ޖަރުމަނުން ގުރޫޕުގެ އެއްވަނަ ހޯދައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ފަހުވަގުތު ސްވިޒަލެންޑް ކައިރިން އެއްވަރުކޮށް، ޖަރުމަނުން ގުރޫޕުގެ އެއްވަނަ ހޯދައިފި އެވެ.

ޖަރުމަނުން ވަނީ މުބާރާތުގެ ފުރަތަމަ ދެ މެޗުގައި ސްކޮޓްލެންޑާއި ހަންގޭރީ ކައިރިން މޮޅުވެފަ އެވެ. އަދި ސްވިޒަަލެންޑުން ވަނީ ފުރަތަމަ މެޗުގައި ހަންގޭރީ ކައިރިން މޮޅުވެ، ދެވަނަ މެޗުގައި ސްކޮޓްލެންޑް ކައިރިން އެއްވަރުކޮށްފަ އެވެ.

ރޭ ޖަރުމަނާއި ސްވިޒަލެންޑް ކުޅުނު މެޗު، 1-1 ގެ ނަތީޖާއަކުން އެއްވަރުވުމާއެކު ގުރޫޕު ”އޭ“ އިން ގަދަ 16 ގެ ޖާގަ ކަށަވަރުވީ ޖަރުމަނާއި ސްވިޒަލެންޑަ ށެވެ. ޖަރުމަނަށް ހަތް ޕޮއިންޓު ލިބިފައިވާއިރު، ސްވިޒަލެންޑަށް ވަނީ ފަސް ޕޮއިންޓް ލިބިފަ އެވެ. ގުރޫޕުގެ ތިންވަނަ ލިބުނީ ރޭ 1-0 ގެ ނަތީޖާއަކުން ސްކޮޓްލެންޑް ބަލިކުރި ހަންގޭރީ އަށެވެ.

މެޗު ފެށިގެން 17 ވަނަ މިނެޓުގައި ޖަރުމަނުގެ  ރޮބާޓް އަންޑްރިޗް ވަނީ ގޯލެއް ޖަހާފަ އެވެ. ނަމަވެސް، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ނިންމީ، އެ އެޓޭކުގައި ބައިވެރިވި ޖަރުމަނުގެ ޖަމާލް މުސިއާލާ، ސްވިޒަލެންޑްގެ މިޗެލް އަބީޝޭ އަށް ފައުލުކޮށްފައިވާ ކަމަށެވެ.

ފުރަތަމަ ހާފުގެ 28 ވަނަ މިނެޓުގައި ސްވިޒަލެންޑްގެ ރެމޯ ފްރެއުލާ ތަނަވަސްކޮށްދިން ފުރުސަތަކުން ޑޭން އެންޑޯއި ވަނީ ގޯލެއް ޖަހާފަ އެވެ. ސްވިޒަލެންޑުން ފުރަތަމަ ހާފު ނިންމާލީ އެއް ގޯލުގެ ލީޑަކާއެކު އެވެ.

ދެވަނަ ހާފު ފެށިގެން ޖަރުމަނުން ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް، ސްވިޒަލެންޑުގެ ކީޕަރު ޔެން ސޮމާ އާއި ޑިފެންޑަރުން ވަނީ މުހިންމު ބޯޅަ ތަކެއް ދިފާއުކޮށްފަ އެވެ.

ޖަރުމަނަށް ނަތީޖާ ހަމަހަމަ ކުރެވުނީ އިތުރު ވަގުތުގެ ދެވަނަ މިނެޓުގަ އެވެ. އެ ޓީމަށް ގޯލު ޖަހައިދިނީ މުސިއާލާގެ ބަދަލު ކުޅެން ނިކުތް ނިކްލަސް ފުލްކްރޫގް އެވެ. މި ގޯލު ޖެހުމަށް ހުރަސް ނަގައިދީފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުމެފައިވާ ޑޭވިޑް ރައުމް އެވެ.

ޔޫރޯ ފުޓުބޯޅަ މުބާރާތގައި މިރޭ ކުޅޭނީ ގުރޫޕު ”ބީ“ ގެ ފަހު ދެ މެޗެވެ. އެގޮތުން، ސްޕެއިން ނިކުންނާނީ އަލްބޭނިއާ އާ ދެކޮޅަ ށެވެ. އަދި ކްރޮއޭޝިއާ ނިކުންނާނީ އިޓަލީ އާ ދެކޮޅަ ށެވެ.

ޔޫރޯ ފުޓުބޯޅަ މުބާރާތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ