ޔޫރޯ ފުޓުބޯޅަ މުބާރާތުގައި 2-0 ގެ ނަތީޖާއަކުން ރުމޭނިއާ ބަލިކޮށް، ބެލްޖިއަމް އިން މުބަރާތުގައި ކުރިޔަށް ދިއުމުގެ އުއްމީދު އައުކޮށްފި އެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ބެލްޖިއަމް ވަނީ 1-0 ގެ ނަތީޖާއަކުން ސްލޮވާކިއާ ކައިރިން ބަލިވެފަ އެވެ. މި ގުރޫޕުގައި ކޮންމެ ޓީމަކުންވެސް މިހާރު ވަނީ އެއް މެޗުން މޮޅުވެ، އެއް މެޗުން ބަލިވެފަ އެވެ.
މެޗު ފެށިގެން ދެ މިނެޓު ނުވަނީސް ޔޫރީ ޓީލަމަންސް ވަނީ ގޯލެއް ޖަހައި، ބެލްޖިއަމް އަށް ލީޑު ނަގައިދީފަ އެވެ. އެއީ ރޮމޭލޫ ލުކާކޫ ތަނަވަސްކޮށްދިން ފުރުސަތަކުން ޖެހި ގޯލެކެވެ. ބެލްޖިއަމް އިން ފުރަތަމަ ހާފު ނިންމާލީ އެއް ގޯލުގެ ލީޑަކާއެކު އެވެ.
ދެވަނަ ހާފު ފެށިގެން، 63 ވަނަ މިނެޓުގައި ލުކާކޫ ވަނީ ގޯލެއް ޖަހާފަ އެވެ. ނަމަވެސް، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ނިންމީ އޮފްސައިޑް ކަމަށެވެ. މިއާއެކު މި މުބާރާތުގައި ލުކާކޫ ޖެހި ތިން ގޯލުވެސް ވަނީ ވީއޭއާރުން ކެންސަލް ކޮށްފަ އެވެ.
ލުކާކޫގެ ގޯލު ކެންސަލް ކުރުމުން ބެލްޖިއަމް އިން އަނެއްކާވެސް ކުޅުނީ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކުރުމަ ށެވެ. އެގޮތުން، މެޗު ނިމެން 10 މިނެޓަށް ވެފައިވަނިކޮށް، ކެވިން ޑި ބްރޭނާ ވަނީ ގޯލެއް ޖަހައި ލީޑު ފުޅާކޮށްފަ އެވެ. މި މޮޅާއެކު ބެލްޖިއަމް އަށް ވަނީ އިތުރު ހިތްވަރެއް ލިބިފަ އެވެ.
ގުރޫޕު ސްޓޭޖުގެ ފަހު މެޗުތައް ފޯރިގަދަ ވާނެ އެވެ. ފަހު މެޗުން މޮޅުވާ ޓީމަކަށް ގަދަ 16 ބުރުން ޖާގަ ލިބޭނެ އެވެ. ބެލްޖިއަމް އިން ނިކުންނާނީ ޔޫކްރެއިން އާ ދެކޮޅަ ށެވެ. އަދި ރުމޭނިއާ އިން ނިކުންނާނީ ސްލޮވާކިއާ އާ ދެކޮޅަށެވެ.