ޔޫރޯ ފުޓުބޯޅަ މުބާރާތުގައި 3-0 ގެ ނަތީޖާއަކުން ތުރުކީ ބަލިކޮށް، ޕޯޗުގަލް އިން ގުރޫޕުގެ އެއްވަނަ ހޯދައި، ގަދަ 16 ބުރުގެ ޖާގަ ކަށަވަރުކޮށްފި އެވެ.
ޕޯޗުގަލް އިންވަނީ ފުރަތަމަ މެޗުގައި 2-1 ގެ ނަތީޖާއަކުން ޗެކް ރިޕަބްލިކް ބަލިކޮށްފަ އެވެ. ރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު، ޕޯޗުގަލް އަށް ވަނީ ހަ ޕޮއިންޓު ލިބިފަ އެވެ. މިއާއެކު ޕޯޗުގަލް އަށް ވަނީ ގުރޫޕުގެ އެއްވަނަ ލިބިފަ އެވެ. ތުރުކީ އަށް ތިން ޕޮއިންޓު ލިބިފައިވާއިރު، ޗެކް ރިޕަބްލިކާއި ޖޯޖިއާ އަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.
މެޗު ފެށިގެން 21 ވަނަ މިނެޓުގައި ޕޯޗުގަލް އަށް ލީޑު ނަގައިދިނީ ބެނާޑޯ ސިލްވާ އެވެ. އޭގެ ހަތް މިނެޓު ފަހުން ތުރުކީގެ ޑިފެންޑަރު، ސާމިތު އަކައިދިން އަތުން ވަނީ ބައިކޮޅަށް ގޯލެއް ވަދެފަ އެވެ. ތުރުކީގެ ކީޕަރު ކުރިޔަށް ޖެހިގެން ހުރިވަގުތު އަކައިދިން ދިން ޕާސް ވަނީ ގޯލުގެ ތެރެޔަ ށެވެ. އެއީ ފުޓުބޯޅައިގެ ތާރީހުގައި ފާހަގަ ކޮށްލެވޭ ވަރުގެ ލަދުވެތި ގޯލެކެވެ. ޕޯޗުގަލް އިން ފުރަތަމަ ހާފު ނިންމާލީ ދެ ގޯލުގެ ލީޑަކާއެކު އެވެ.
ދެވަނަ ހާފު ފެށިގެން 11 ވަނަ މިނެޓުގައި ޕޯޗުގަލް އަށް ލީޑު ފުޅާކޮށްދިނީ ބްރޫނޯ ފެނާންޑޭޒް އެވެ. ރޮނާލްޑޯ ބޯޅަ ހިފައިގެން އަރައި، ހުސްކޮށް އޮވެ ގޯލަށް ޖެހުމުގެ ބަދަލު، އޭނާ ވަނީ އަނެއް ފަރާތުން އެރި ބްރޫނޯ އަށް ޕާސް ދީފަ އެވެ. މިއާއެކު ރޮނާލްޑޯ އަށް ވަނީ އިތުރު ދެ ރިކޯޑެއް ލިބިފަ އެވެ. އެއީ ޔޫރޯގައި އެންމެ ގިނަ އެސިސްޓް ހެދި ކުޅުންތެރިޔާގެ ރިކޯޑާއި، ޔޫރޯގައި އެސިސްޓް ހެދި އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިޔާގެ ރިކޯޑެވެ.
ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޕޯޗުގަލް ނިކުންނާނީ ޖޯޖިއާ އާ ދެކޮޅަ ށެވެ. އަދި ތުރުކީ ނިކުންނާނީ ޗެކް ރިޕަބްލިކާ ދެކޮޅަ ށެވެ.