ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ފްރާންސާއި ނެދަލެންޑްސް ބައްދަލުކުރި މެޗު އެއްވަރުވެ، މުބާރާތުން އެންމެ ފުރަތަމަ ކެޓި ޓީމަކަށް ޕޮލެންޑް ވެއްޖެ އެވެ.
ޕޮލެންޑުން ކުޅުނު ދެ މެޗުންވެސް ބަލިވެފައިވާއިރު، ފްރާންސާއި ނެދަލެންޑްސް އިން ވަނީ މުބާރާތުގެ ފުރަތަމަ މެޗުން މޮޅުވެފަ އެވެ. ރޭ ފްރާންސާއި ނެދަލެންޑްސް ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވުމާއެކު، މި ދެ ޓީމަށްވެސް ވަނީ ޖުމްލަ ހަތަރު ޕޮއިންޓު ލިބިފަ އެވެ. ގުރޫޕު ސްޓޭޖުގައި ބާކީ އެންމެ މެޗެއް އޮތުމުން، މި ދެ ޓީމާ އަރާ ހަމަކުރުމަށް ޕޮލެންޑަށް އެއްވެސް ފުރުސަތެއް ނޯންނާނެ އެވެ.
ފްރާންސްގެ ކެޕްޓަން، ކީލިއަން އެމްބާޕޭ ނެތި ފްރާންސުން ކުޅުނު ފުރަތަމަ މެޗުގައި، އެ ޓީމުގެ އެޓޭކްތައް ދަށްކަން ފާހަގަ ކުރެވެއެވެ. އޮސްޓްރިއާ އާ ދެކޮޅަށް ކުޅުނު މެޗުގައި އެމްބާޕޭގެ ނޭފަތަށް ލިބުނު އަނިޔާއާ ގުޅިގެން، ނެދަލެންޑްސް އާ ދެކޮޅަށް އޭނާ ކުޅެފައެއް ނުވެ އެވެ.
އެމްބާޕޭ ނެތުމުން ފްރާންސްގެ އެޓޭކް ލީޑު ކުރީ އެންޓޮއިން ގްރީޒްމަން އާއި މާކަސް ތުރަމްގެ އިތުރުން އޮސްމާނޭ ޑެމްބެލޭ އެވެ. މި މެދުގައި ގްރީޒްމަން އަށް ވަނީ ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފަ އެވެ.
މެޗުގެ 68 ވަނަ މިނެޓުގައި ނެދަލެންޑްސްގެ ޒަވީ ސިމޯންސް ވަނީ ގޯލެއް ޖަހާފަ އެވެ. ނަމަވެސް، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ބެލުމަށްފަހު، ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ. މި ގޯލު އޮފްސައިޑް ކަމަށް ނިންމީ، ފްރާންސްގެ ކީޕަރު ކުރިމަތީގައި، އޮފްސައިޑް ޕޮސިޝަނެއްގައި ނެދަލެންޑްސްގެ ޑެންޒެލް ޑަމްފްރީސް ހުރުމުންނެވެ. މި ނިންމުމާމެދު ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ރެފްރީ އަށް އަމާޒުވެފަ އެވެ. އަދި އެއި ރަނގަޅު ނިންމުމެއް ކަމަށްވެސް ގިނަ ބަޔަކު ވަނީ ބުނެފަ އެވެ.
ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ފްރާންސް ނިކުންނާނީ ޕޮލެންޑާ ދެކޮޅަ ށެވެ. އަދި ނެދަލެންޑްސް ނިކުންނާނީ އޮސްޓްރިއާ އާ ދެކޮޅަ ށެވެ.