މިހާރު ކުރިޔަށްދާ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި 3-1 ގެ ނަތީޖާއަކުން ޕޮލެންޑް ބަލިކޮށް، އޮސްޓްރިއާއިން މުބާރާތުގައި ކުރިޔަށް ދިއުމަށް މުހިންމު ތިން ޕޮއިންޓު ހޯދައިފި އެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ފްރާންސާ ދެކޮޅަށް ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، އޮސްޓްރިއާ ވަނީ 1-0 ގެ ނަތީޖާއަކުން ބަލިވެފަ އެވެ. އަދި ޕޮލެންޑް ވަނީ 2-1 ގެ ނަތީޖާއަކުން ނެދަލެންޑްސް ކައިރިން ބަލިވެފަ އެވެ. މިއާއެކު މި މެޗުން މޮޅުވުނު ދެ ޓީމަށްވެސް ވަނީ ވަރަށް މުހިންމު ވެފައެވެ.
މެޗު ފެށިގެން ނުވަ ވަނަ މިނެޓުގައި އޮސްޜްރިއާގެ ގާނޯޓް ޓްރައުނާ ވަނީ ގޯލެއް ޖަހާފަ އެވެ. ނަމަވެސް، މެޗުގެ 30 ވަނަ މިނެޓުގައި ޕޮލެންޑުގެ ކްރިސްޓޮފް ޕިއޮންޓެކް ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.
އޮސްޓްރިއާ އިން ވަނީ މެޗުގެ 66 ވަނަ މިނެޓުގައި އަނެއްކާވެސް ލީޑު ނަގާފަ އެވެ. އެ ޓީމަށް ދެވަނަ ގޯލު ޖަހައިދިނީ ކްރިސްޓޮފް ބޯމްގާޓްނާ އެވެ. އޭގެ 11 މިނެޓު ފަހުން އޮސްޓްރިއާ އަށް ވަނީ ޕެނަލްޓީއެއް ލިބިފަ އެވެ. އެއީ އޮސްޓްރިއާގެ މާސެލް ސަބިޓްޒާ އަށް ޕޮލެންޑްގެ ކީޕަރު، ވޮޒްޝިއޭ ޝެޒްނީ ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. ޕެނަލްޓީ ކާމިޔާބުކޮށް، އޮސްޓްރިއާ އަށް ލީޑު ފުޅާކޮށްދިނީ މާކޯ އާނައުޓޮވިޗް އެވެ.
މި މޮޅާއެކު، އޮސްޓްރިއާ އިން ވަނީ ގަދަ 16 ބުރަށް ދިއުމުގެ އުއްމީދު އައުކޮށްފަ އެވެ. އަދި ޕޮލެންޑަށް ވަނީ އަމިއްލަ ބާރު ގެއްލިފަ އެވެ. ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި އޮސްޓްރިއާ ނިކުންނާނީ ނެދަލެންޑްސް އާ ދެކޮޅަ ށެވެ. އަދި ޕޮލެންޑް ނިކުންނާނީ ފްރާންސާ ދެކޮޅަ ށެވެ.