ޔޫރޯ ފުޓުބޯޅަ މުބާރާތުގައި، އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ ބަލިކުރުމަށްފަހު ސްޕެއިނުން ގަދަ 16 ބުރުގެ ޖާގަ ކަށަވަރުކޮށްފި އެވެ.
ސްޕެއިން އިންވަނީ މުބާރާތުގެ ފުރަތަމަ މެޗުގައި 3-0 ގެ ނަތީޖާއަކުން ކްރޮއޭޝިއާ ބަލިކޮށްފަ އެވެ. އަދި އިޓަލީ އިން ވަނީ 2-1 ގެ ނަތީޖާއަކުން އަލްބޭނިއާ ބަލިކޮށްފަ އެވެ. އިޓަލީ އަތުން ލިބުނު ތިން ޕޮއިންޓާއެކު، ސްޕެއިން އަށް ގަދަ 16 ބުރުގެ ޖާގަ ކަށަވަރުވީ ހަ ޕޮއިންޓު ލިބިގެނެވެ.
ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުން ސްޕެއިން މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ޖެހިފައެއް ނުވެއެވެ. ގޯލު ޖަހާނެ ގިނަ ފުރުސަތުތައް ތަނަވަސްކޮށްފައިވަނީ ސްޕެއިން އިންނެވެ.
މެޗުގެ ހަމައެކަނި ގޯލަކީ 55 ވަނަ މިނެޓުގައި އިޓަލީގެ ޑިފެންޑަރު، ރިކާޑޯ ކަލަފިއޯރީ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މި މެޗުގައި އިޓަލީ އަށް، ސްޕެއިންގެ ގޯލާ ދިމާލަށް ޝޮޓެއް ހެދިފައެއް ނުވެއެވެ.
ގުރޫޕު ސްޓޭޖުގެ ފަހު މެޗުގައި ސްޕެއިން ނިކުންނާނީ އަލްބޭނިއާ އާ ދެކޮޅަ ށެވެ. އަދި އިޓަލީ ނިކުންނާނީ ކްރޮއޭޝިއާ އާ ދެކޮޅަ ށެވެ. މި ދެ މެޗުވެސް ކުޅޭނީ އެއް ވަގުތެއްގަ އެވެ.