މިހާރު ކުރިޔަށްދާ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ޑެންމާކުން އިންގްލެންޑް މޮޅުވިޔަނުދީ ހިފަހައްޓާލައިފި އެވެ.
އިންގްލެންޑުން ވަނީ ފުރަތަމަ މެޗުގައި 1-0 ގެ ނަތީޖާއަކުން ސާބިއާ ބަލިކޮށްފަ އެވެ. އަދި ޑެންމާކް ވަނީ 1-1 ގެ ނަތީޖާއަކުން ސްލޮވީނިއާ ކައިރިން އެއްވަރު ކޮށްފަ އެވެ. މިރޭ އިންގްލެންޑާއި ޑެންމާކް ބައްދަލުކުރި މެޗުގެ އިތުރުން، ސްލޮވީނިއާ އާއި ސާބިއާ ބައްދަލުކުރި މެޗުވެސް ނިމުނީ 1-1 ގެ ނަތީޖާއަކުންނެވެ.
މިރޭ ކުޅުނު މެޗުން އިންގްލެންޑް މޮޅުވިނަމަ، ގަދަ 16 ބުރުގެ ޖާގަ އެ ޓީމަށް ކަށަވަރުވާނެ އެވެ. ނަމަވެސް، ޑެންމާކް ކައިރިން އެއްވަރުވުމާއެކު، ގަދަ 16 ބުރުގެ ޖާގަ ކަށަވަރުވާނީ ގުރޫޕު ސްޓޭޖުގެ ފަހު މެޗުންނެވެ.
މެޗު ފެށިގެން 18 ވަނަ މިނެޓުގައި އިންގްލެންޑަށް ލީޑު ނަގައިދިނީ ހެރީ ކޭން އެވެ. ނަމަވެސް، މެޗުގެ 38 ވަނަ މިނެޓުގައި ޑެންމާކްގެ މޯޓެން ހިއުލްމަންޑް ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.
ދެވަނަ ހާފުގައި ދެ ޓީމުންވެސް ވަނީ ބަދަލު ތަކެއްކޮށް، ގޯލެއް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެގޮތުން އިންގްލެންޑުން ވަނީ ކޯނާ ގަލަގާ އާއި ޖެރޮޑް ބޮވެން އަދި އޮލީ ވޮޓްކިންސްގެ އިތުރުން އެބެރެޗީ އެޒޭ ކުޅެން ނެރެފަ އެވެ. ނަމަވެސް، އިންގްލެންޑަށް މެޗުން މޮޅުވެވޭ ގޮތެއް ނުވިއެވެ.
ގުރޫޕު ސްޓޭޖުގެ ފަހު މެޗުގައި އިންގްލެންޑް ނިކުންނާނީ ސްލޮވީނިއާ އާ ދެކޮޅަ ށެވެ. އަދި ޑެންމާކް ނިކުންނާނީ ސާބިއާ އާ ދެކޮޅަ ށެވެ. ގަދަ 16 ބުރަށް ދިއުމުގެ ފުރުސަތު މި ގުރޫޕުގެ ހުރިހައި ޓީމަކަށްވެސް އަދި އެބައޮތެވެ.