ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ސްލޮވީނިއާ ކައިރިން ސާބިއާ ބަލިވާން ދަނިކޮށް، ފަހުވަގުތު ލޫކަ ޖޯވިޗް ގޯލު ޖަހައި، ސާބިއާ ސަލާމަތްކޮށްދީފި އެވެ.
މެޗު ފެށިގެން ދެ ޓީމުގެ ފަރާތުންވެސް ފެނިފައިވަނީ ދާދި ހަމަހަމ ކުޅުމެކެވެ. ދެ ޓީމުންވެސް ގޯލެއް ޖަހައި ކުރިހޯދުމަށް މަސައްކަތް ކުރިނަމަވެސް، ކާމިޔާބުވާ ގޮތެއް ނުވިއެވެ. ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެވެ.
ދެވަނަ ހާފު ފެށިގެން، މެޗުގެ 68 ވަނަ މިނެޓުގައި ސްލޮވީނިއާގެ ޑިފެންޑަރު ޒޭން ކާނިޗްނިކް ވަނީ ގޯލެއް ޖަހައި ކުރިހޯދަދީފަ އެވެ. މިއާއެކު، ސްލޮވީނިއާ އިން ޔޫރޯގެ ތާރީހުގައި ފުރަތަމަ މޮޅު ހޯދުމަށް އުއްމީދެއް ލިބުނެވެ. އަދި، ސާބިއާ މުބާރާތުން ކެޓުމާ ގާތްވިއެވެ.
ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކުރުމަށް ސާބިއާ އިން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 95 ވަނަ މިނެޓުގަ އެވެ. އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ރެއާލް މެޑްރިޑަށް ކުރިން ކުޅުނު ޖޯވިޗް އެވެ.
މި ނަތީޖާއާއެކު، މުބާރާތުގައި ކުރިޔަށް ދިއުމުގެ ފުރުސަތު ދެ ޓީމަށްވެސް އަދި އެބައޮތެވެ. ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސްލޮވީނިއާ ނިކުންނާނީ އިންގްލެންޑާ ދެކޮޅަ ށެވެ. އަދި ސާބިއާ ބައްދަލުކުރާނީ ޑެންމާކާ އެވެ.