ޔޫރޯ ފުޓުބޯޅަ މުބާރާތުގައި 1-1 ގެ ނަތީޖާއަކުން ސްކޮޓްލޭންޑް ކައިރިން އެއްވަރުކޮށް، ސްވިޒަލެންޑް ގަދަ 16 ބުރާ ފިޔަވަޅެއް ގާތަށް ޖެހިލައިފި އެވެ.
ރޭ ހަންގޭރީ ބަލިކުރުމަށްފަހު ޖަރުމަނުން ވަނީ ހަ ޕޮއިންޓާއެކު، ގަދަ 16 ބުރުން ޖާގަ ކަށަވަރުކޮށްފަ އެވެ. ސްވިޒަލެންޑުން ފުރަތަމަ މެޗުގައި ހަންގޭރީ ބަލިކޮށްފައިވާއިރު، ސްކޮޓްލޭންޑާ އެއްވަަރުކޮށް އެ ޓީމަށް ވަނީ ހަތަރު ޕޮއިންޓު ލިބިފަ އެވެ.
ދެ މެޗުން ބަލިވުމާއެކު، ހަންގޭރީ ވަނީ މުބާރާތުން ކަޓާފަ އެވެ. އަދި އެއް ޕޮއިންޓު ލިބިފައިވާ ސްކޮޓްލޭންޑަށްވެސް އޮތީ ހަނި ފުރުސަތަކެވެ. ގުރޫޕު ސްޓޭޖުގެ ފަހު މެޗުގައި ޖަރުމަނު އަތުން ޕޮއިންޓެއް ލިބުނަސް، ސްވިޒަލެންޑަށް ޖާގަ ކަށަވަރުވާނެ އެވެ. އަދި ސްވިޒަލެންޑް ބަލިވެ، ސްކޮޓްލޭންޑް ހަންގޭރި ކައިރިން މޮޅުވެއްޖެ ހާލަތެއްގައިވެސް، ފުރުސަތު ބޮޑީ ސްވިޒަލެންޑަ ށެވެ. އެއީ ދެ ޓީމުގެ ދެމެދު ފައިދާ ގޯލުގެ ބޮޑު ތަފާތެއް އުޅޭތީ އެވެ.
ރޭ ކުޅުނު މެޗުގައި ފުރަތަމަ ގޯލު ޖަހައި ކުރިހޯދީ ސްކޮޓްލޭންޑުންނެވެ. މެޗުގެ 13 ވަނަ މިނެޓުގައި އެ ޓީމަށް ގޯލު ޖަހައިދިނީ މެންޗެސްޓާ ޔުނައިޓެޑުގެ މިޑްފީލްޑާ، ސްކޮޓް މެކްޓޮމިނޭ އެވެ.
ސްކޮޓްލޭންޑުން ގޯލު ޖެހުމުން، ނަތީޖާ ހަމަހަމަ ކުރުމަށް ސްވިޒަލެންޑަށް މާ ގިނަ ވަގުތެއް ބޭނުމެއް ނުވިއެވެ. މެޗުގެ 26 ވަނަ މިނެޓުގައި ޒެރްޑަން ޝަގީރީ ޖެހި ގޯލާއެކު ސްވިޒަލެންޑުން ވަނީ އެއްވަރުކޮށްފަ އެވެ. މިއާއެކު ޝަގީކީ ވެފައިވަނީ، ވިދިވިދިގެން ބައިނަލްއަގުވާމީ ބޮޑު ހަ މުބާރާތެއްގައި ގޯލު ޖެހި ފުރަތަމަ ކުޅުންތެރިޔާ އަށެވެ. އޭނާ ވަނީ އެންމެ ފަހުން ކުޅުނު ތިން ވޯލްޑް ކަޕާއި ތިން ޔޫރޯ ގައި ގޯލު ޖަހާފަ އެވެ.
ދެވަނަ ހާފުގައި ދެ ޓީމުންވެސް ގޯލެއް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރިނަމަވެސް، ކާމިޔާބވެފައެއް ނުވެއެވެ.
ގުރޫޕު ސްޓޭޖުގެ ފަހު މެޗުގައި ސްވިޒަލެންޑުން ޖަރުމަނު ބަލިކޮށްފިނަމަ، ސްވިޒަލެންޑަށް ގުރޫޕުގެ އެއްވަނަ ލިބޭނެ އެވެ.