ޔޫރޯ ފުޓުބޯޅަ މުބާރާތުގައި 2-0 ގެ ނަތީޖާއަކުން ހަންގޭރީ ބަލިކޮށް، ގަދަ 16 ބުރުން ޖާގަ ކަށަވަރުކުރި ފުރަތަމަ ޓީމަކަށް ޖަރުމަނު ވެއްޖެ އެވެ.
ޖަރުމަނުން ވަނީ މުބާރާތުގެ ފުރަތަމަ މެޗުގައި 5-1 ގެ ނަތީޖާއަކުން ސްކޮޓްލޭންޑް ބަލިކޮށްފަ އެވެ. މިރޭ، ހަންގޭރީ އަތުން ލިބުނު ތިން ޕޮއިންޓާއެކު ޖަރުމަނަށް ވަނީ ޖުމްލަ ހަ ޕޮއިންޓު ލިބިފަ އެވެ.
މެޗު ފެށިގެން 22 ވަނަ މިނެޓުގެ ތެރޭގައި ޖަރުމަނުގެ ޒުވާން ތަރި، ޖަމާލް މުސިއާލާ ވަނީ ގޯލެއް ޖަހައި، ޖަރުމަނަށް ކުރިހޯދަދީފަ އެވެ. އެއީ މި މުބާރާތުގައި މުސިއާލާ ޖެހި ދެވަނަ ގޯލެވެ. މުޅި މެޗަށް ބަލާއިރު، މުސިއާލާގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިފަ އެވެ.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ހަންގޭރީ އިން ވަނީ ގޯލެއް ޖަހާފަ އެވެ. ނަމަވެސް، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ބެލުމަށްފަހު، ރެފްރީ ވަނީ އެ ގޯލު ކެންސަލް ކޮށްފަ އެވެ.
މެޗުގެ 67 ވަނަ މިނެޓުގައި މެކްސިމިލިއަން މިޓެލްސްޓާޑް ތަނަވަސްކޮށްދިން ފުރުސަތަކުން ޖަރުމަނަށް ލީޑު ފުޅާކޮށްދިނީ ޓީމުގެ ކެޕްޓަން ގުންޑޮގާން އެވެ.