ގޭންގް ކުށްތަކުގެ ޤާނޫނަށް އަމަލުކުރަން ފަށައިފި، އެނގެންޖެހޭ ކަންކަމަކީ މިއީ!

Advertisement

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގައި ބޮޑުވެފައިވާ ގޭންގް ކުށްތަކުގެ މައްސަލަ ހައްލު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވާފައިވާ ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނަށް އަމަލުކުރަން ފަށައިފި އެވެ.

އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ރާއްޖޭގައި ހިންގުން ހުއްޓުވުމަށްޓަކައި، ނުރައްކާތެރި އަދި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާއި ނުޙައްޤު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށް ހިމެނޭގޮތުން ކުށުގެ ގޮތުގައި ކަނޑައެޅޭ ޢައަމަލުތައް ބަޔާންކުރުމާއި އެ ކުށްތަކުގެ އަދަބު ކަނޑައެޅުމުގެ މަގުސަދުގައި ވުޖޫދުކުރި މި ޤާނޫނުން ޤާނޫނު ތަންފީޒުކުރާ އިދާރާތަކަށް ހާއްސަ ބާރުތަކެއް ވަނީ ދީފަ އެވެ.

މި ޤާނޫނަށް މިއަދު އަމަލުކުރަން ފަށާފައިވާއިރު، ޤާނޫނުގައި ބަޔާންކޮށްފައިވާ މުހިންމު ކަންކަމަށް ބަލައިލާނަމެވެ.

އެގޮތުން މި ޤާނޫނުގައި ބުނެފައިވާގޮތުން، ވަކި ޖަމާޢަތަކާ ގުޅޭގޮތުން ވަކި ކަންތައްތަކެއް ފުރިހަމަވާނަމަ، އެ ޖަމާއަތަކީ، އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލަށް ހައިކޯޓަށް ހުށަހެޅިދާނެ ކަމަށެވެ. އެގޮތަށް ހައިކޯޓަށް މައްސަލައެއް ހުށަހެޅޭނީ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓާއި ކަމާގުޅޭ އެނޫންވެސް ހެއްކާއެކު ކޮމިޝަނަރ އޮފް ޕޮލިސް ޕްރޮސިކިއުޓަރ ޖެނެރަލަށް ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށް ކަމަށްވެސް ބުނެފައިވެ އެވެ.

ވަކި ޖަމާއަތަކީ ކުށްކުރާ ގްރޫޕެއް ކަމަށް ކަނޑައެޅުމުން:

  • އެ ޖަމާއަތަކީ ކުށްކުރާ ގްރޫޕެއްކަމަށް ކަނޑައަޅާފައިވާ ޖަމާއަތެއްކަން ބަޔާންކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޕްރޮސިކިއުޓަރ ޖެނެރަލް އެންގުމެއް ޝާއިއުކުރާނެ.
  • މޮނިޓަރކޮށް ކޮންޓްރޯލްކުރުންފަދަ ފިޔަވަޅުތައް އެޅިދާނެ.
  • ކުށްކުރާ ގްރޫޕެއްކަމަށް ކަނޑައަޅާފައިވާ ޖަމާއަތެއް ކޯޓުން އެ ކަނޑައެޅުން ބާޠިލުނުކުރާހާ ހިނދަކު ނުވަތަ އާނުކުރާހާ ހިނދަކު އެ ކަނޑައެޅުން ދެމިއޮންނާނީ 2 އަހަރު ދުވަހުގެ މުއްދަތަށް.
  • ކުށްކުރާ ގްރޫޕެއްކަމަށް ކަނޑައަޅާފައިވާ ޖަމާއަތެއް ގެ ނަން ބަދަލުކުރުމަކުން އެ ކަނޑައެޅުމަކަށް އެއްވެސް އަސަރެއް ނުކުރާނެ.

ކުޑަކުއްޖަކަށް އެއްވެސް ބާވަތެއްގެ ވަޅިއެއް ވިއްކުމަކީ މަނާކަމެއް ކަމަށް ކަނޑައަޅައި އެފަދަ ކަމެއް ކޮށްފި މީހަކު 20,000 ރުފިޔާއާއި -/100,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ ކަމަށް ޤާނޫނުގައިވަނީ ބުނެފަ އެވެ.

އިންތިޒާމުވެގެން ހިންގާ ކުށްތައް

  • އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް އުފެއްދުމަކީ ނުވަތަ ހިންގުމަކީ؛ 25 އަހަރަށް ޖަލަށް، 3 މިލިއަން ރުފިޔާއާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ ކަމެއް. މިފަދަ ކަމެއް ކުރަން އުޅުމަކީ ނުވަތަ ކުރުމަށް އެހީތެރިވެދިނުމަކީ ނުވަތަ އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ؛ 18 އަހަރަށް ޖަލަށް ލުމާއެކު 2 މިލިއަން ރުފިޔާއާއި 5 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ ކަމެއް.
  • ކުށްކުރާ ގްރޫޕަކަށް މީހުން ހޯދުމަކީ؛ ކުށުގެ ޢަމަލުގެ ޝިކާރައަކަށްވީ ކުޑަކުއްޖެއްނަމަ 25 އަހަރަށް ޖަލަށްލުމާއެކު 3 މިލިއަން ރުފިޔާއާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ ކަމެއް. އެނޫން ހާލަތުގައި 20 އަހަރަށް ޖަލަށްލުމާއެކު، 2 މިލިއަން ރުފިޔާއާއި 7 މިލިއަން ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރެވޭނެ ކަމެއް. މިފަދަ ކަމެއް ކުރަން އުޅުމަކީ ނުވަތަ ކުރުމަށް އެހީތެރިވެދިނުމަކީ ނުވަތަ އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ ؛ 15 އަހަރަށް ޖަލަށްލުމާއެކު 1 މިލިއަން ރުފިޔާއާއި 3 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ ކަމެއް.
  • އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްގައި ބައިވެރިވުމަކީ ކުށެއްކަމަށް ކަނޑައަޅާފައިވޭ. އަދި ގްރޫޕެއްގެ މެންބަރެއްކަން ދެއްކުމަކީ ކުށެއްކަމަށް ކަނޑައަޅާފައިވޭ.
  • އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕަކާ ގުޅޭގޮތުން މީހަކު ޝަރީޢަތުގައި ހެކިބަސްދިނުން ހުއްޓުވުމަށްޓަކައި ނުވަތަ އެފަދަ ކުށަކާ ގުޅޭގޮތުން ޤާނޫނު ތަންފީޛުކުރާ ފަރާތަކަށް މަޢުލޫމާތު ދިނުން ހުއްޓުވުމަށްޓަކައި އެ މީހަކަށް ނުވަތަ އެނޫންވެސް ފަރާތަކަށް އަނިޔާއެއް ނުވަތަ ގެއްލުމެއް ދޭނެކަމުގެ ނުވަތަ މެދުވެރިކުރުވާނެކަމުގެ އިންޒާރުދިނުމަކީ ނުވަތަ އަނިޔާއެއް ނުވަތަ ގެއްލުމެއް ދިނުމަކީ ނުވަތަ މެދުވެރިކުރުމަކީ ބޮޑު ޖަލު ހުކުމެއް އަދި ޖުރިމަނާއެއް އަންނާނެ ކަމެއް ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވޭ.
  • މިފަދަ ކުށެއްކުރީ ޤާނޫނީ ޝަޚްސަކުން ނުވަަތަ ހިންގުމާ ހަވާލުވެ ހުރި ފަރާތެއްގެ ރުހުމާއެކު ނަމަ ؛ 5 މިލިއަން ރުފިޔާއާއި 100 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް ޤާނޫނީ ޝަޚްސެއް އުވާލުމަށް ކޯޓުން އަމުރުކުރަންވާނެ ކަމަށް ބަޔާންކޮށްފައިވޭ.
ފުލުހުން މާލޭގެ ސަލާމަތީ ކަންކަން ބަލަހައްޓަނީ–

މި ޤާނޫނުގައި ބުނެފައިވާގޮތުން އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްގެ މެންބަރެއް ނުވަތަ އެފަދަ ގްރޫޕަކަށް ނިސްބަތްވާ އެއްވެސް މީހަކު، ނުޙައްޤު މުއްސަނދިކަން ހޯދައި ލިބިގަތުމަކީ ކުށެއް ކަމަށް ވަނީ ބަޔާންކޮށްފަ އެވެ. އަދި ހޯދާފައިވާ މުއްސަނދިކަމަކީ ނުޙައްޤުން ހޯދާފައިވާ މުއްސަނދިކަމެއްކަން ކަނޑައަޅަދިނުމަށްޓަކައި ހައިކޯޓަށް ހުށަހެޅުމުގެ އިޚްތިޔާރު ޕީޖީއަށް ދީފައިވެ އެވެ. އަދި އެފަދަ ކަމެއް ކޯޓަށް ސާބިތުވެއްޖެނަމަ އެ ފައިސާއެއް ދައުލަތަށް ނެގުމަށް ކޯޓުން އަމުރުކުރަންވާނެ ކަމަށްވެސް ބަޔާންކޮށްފައިވެ އެވެ.

މިއަދު އަމަލުކުރަން ފެށި ގޭންގް ކުށްތައް މަނާކުރުމުގެ ޤާނޫނުގެ ދަށުން މީހަކު މަރާލުން، މީހަކާމެދު ނުރައްކާތެރި މާރާމާރީ ހިންގުން، މީހަކަށް ބޮޑު ޖިސްމާނީ އަނިޔާއެއް ދިނުން، މީހަކު ކިޑްނެޕްކުރުން އަދި މީހަކަށް ބިރުދެއްކުމުގެ ކުށްތަކަށް ބޮޑެތި ޖަލު ހުކުމްތައް އަދި ޖުރިމަނާތައް ވަނީ ކަނޑައަޅާފަ އެވެ.

މި ޤާނޫނުގައި ފުލުހުންނަށް ހާއްސަ އޮޕަރޭޝަންތައް ހިންގޭނެ ހާލަތްތަކާއި އަމަލުކުރަންވީގޮތްވެސް ވަނީ ބަޔާންކޮށްފަ އެވެ.

އެގޮތުން އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕުތަކާއި އެ ގްރޫޕުތަކުން ކުރާ ކުށްތައް ހުއްޓުވައި އެކަން ކުރާ ބަޔަކު ހޯދުމަށް ކުރެވޭ މަސައްކަތުގައި، ކޮމިޝަނަރ އޮފް ޕޮލިސް ނުވަތަ އޭނާ ކަނޑައަޅާ ފުލުހުންގެ އޮފިސަރެއްގެ ހުއްދަ އޮވެގެން ފުލުހުންގެ އޮފިސަރަކު، އެއީ ކާކުކަން ނޭނގޭގޮތުގައި، އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕަކާ ނުވަތަ އެފަދަ ގްރޫޕެއްގެ މެންބަރުންނާ ގުޅި، އެމީހުންގެ އަތުން ޤާނޫނާ ޚިލާފު ތަކެތި ހޯދުމަށް ނުވަތަ ގަތުމަށް ހުށަހެޅިދާނެ ކަމަށް ވެސް ވަނީ ބަޔާންކޮށްފަ އެވެ.

މި ޤާނޫނަށް މިއަދު އަމަލުކުރަން ފެށިއިރު، މި ޤާނޫނު ތަންފީޒު ކުރުމަށް ކަމާބެހޭ އިދާރާތަކުން ވަނީ ތައްޔާރުވެފަ އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް ގޭންގް ބިލް ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ