ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންގުޅޭ ވަރުގެ ހަމަހަމަ ޚާރިޖީ ސިޔާސަތެއް މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ނުގެންގުޅޭ ކަމަށް ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި މިނިސްޓަރ ޚަލީލް ވިދާޅުވީ، ރައީސް މުޢިއްޒުގެ މައިގަނޑު ސިޔާސަތަކީ ދިވެހި ޤައުމާއި ދިވެހި ރައްޔިތުންގެ މަޞްލަޙަތު ކަމަށެވެ. އަދި ބޭރު ދުނިޔޭގައި ދިވެހިރާއްޖޭގެ މަޞްލަޙަތު ޙިމާޔަތްކުރެވޭނެ ކޮންމެ ގޮތަކަށްވެސް މަސައްކަތް ކުރިއަށް ގެންދަވާ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރ ޚަލީލް ފާހަގަކުރެއްވި ގޮތުގައި ރައީސް މުޢިއްޒުގެ ޚާރިޖީ ސިޔާސަތުގެ އެންމެ މުހިންމު އެއް އަމާޒަކީ ދިވެހިރާއްޖޭގެ މިނިވަންކަމުގެ ރަތް ރޮނގު ފަލަކޮށް ދެމެހެއްޓުމެވެ. މިކަން ދުނިޔޭގެ އެހެން ޤައުމުތަކާއެކު ކުރެވޭ މުޢާމަލާތްތަކުންނާއި، އެހީ ހޯދުމުގައި އަދި ގުޅުން ޤާއިމުކުރުމުގައި ފެންނަން އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
”މިއަށްވުރެ ވަކިން ބޮޑަށް ހަމަހަމަކަމާ އެކުގައި ޚާރިޖީ ސިޔާސަތު ރާއްޖޭގައި، އެކިއެކި ގައުމުތަކާ އޮންނަ ގުޅުމުގެ ތެރެއިން ތަންފީޒުވަމުންދާ އެއްވެސް ދައުރެއް މީގެ ކުރިއަކުން ގޮސްފައެއް ނުވާނެ،“ މިނިސްޓަރު ވިދާޅުވި އެވެ.
ޚާރިޖީ ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ރާއްޖެއާއި އިންޑިއާއާ ދެމެދު ކުރިން އޮތް ގުޅުމަށްވުރެ މާ ވަރުގަދަ ގުޅުންތަކެއް މިހާރު އުފެދެމުން އަންނައިރު، ޗައިނާއާ އޮތް ގުޅުންވެސް އެންމެ މަތީ ފެންވަރަށް ޖައްސާފައިވެ އެވެ. އަދި މި ދެ ޤައުމަކީ ރާއްޖޭގެ ތަރައްޤީގައި މުހިންމު ދެ ޤައުމު ކަމަށްވާއިރު، ހަމަހަމަކަމާއެކު ގުޅުން ބަދަހިކުރުމުގެ ސަބަބުން އެކި ރޮނގުރޮނގުން ދެ ޤައުމުން ކުރިއަށްވުރެ ބޮޑަށް އެހީތެރިވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
މީގެއިތުރުން، ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު ބުރައަކީ ބައިތުލްމާލަށް ބެލުމެއްނެތި ބޮޑު އަދަދަކުން ދަރަނިވެރިވެފައި އޮތުން ކަމަށާއި، މިކަމަށް ލުއި ހޯދުމަށް ދޭދޭ ގުޅުން އޮތް ޤައުމުތަކާ މަޝްވަރާކުރެވި، ކުރިއެރުންތައް ލިބެމުންދާކަން ވެސް ޚާރިޖީ ވަޒީރު ފާހަގަކުރެއްވި އެވެ.
ރާއްޖެ - އިންޑިއާ ރާއްޖެ - ޗައިނާ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް