ހަމަ އާދައިގެ ދުވަހެކެވެ. އިރު އަރައިގެން އައި އިރު މާ ބޮޑު ކަމެއްވާން އުޅޭކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ. ހެނދުނު އެކި ކަންކަމުގައި މީހުން ޝާމިލުވެ އުޅޭތަން ފެނެ އެވެ. ނަމަވެސް ރާއްޖެއާ ދުރުނޫން ހިސާބަކަށް އެރި ލޮޅުމެއްގެ އަސަރު އެދުވަހުގެ 9:23 ހާއިރު ރާއްޖެއަށް ކުރި އެވެ. މުޅި ދުވަސް އެފުށް މިފުށަށް ޖަހާލި އެވެ. އާދެ! މި ދައްކަނީ މީގެ 20 އަހަރު ކުރިން ޑިސެމްބަރު 26، 2004 ގައި ރާއްޖެއަށް އެރި ސުނާމީގެ ވާހަކަ އެވެ.
ހެނދުނު ބިންދާލި ރާޅާއެކު އެތަށް ބަޔެއްގެ ދިރިއުޅުން އޮޔާ ދިޔަ އެވެ. އަމިއްލަ ރަށް ދޫކޮށް އެހެން ރަށްރަށުގައި އާބާދުވާން މަޖުބޫރުވި އެވެ. އަހަރުތަކެއް ވަންދެން އެ ހަނދާންތައް ނުފިލާ ހުއްޓެވެ. އެ ދުވަހު ރާއްޖޭގެ 191 ރަށަކަށް ސުނާމީގެ އަސަރު ކޮށްފައިވެ އެވެ. ސުނާމީގެ ސަބަބުން އެހެން ރަށްރަށަށް ހިޖުރަ ކުރަން ޖެހުނު މީހުންގެ އަދަދު 21،000 އިން މައްޗަށް އަރަ އެވެ. އެގޮތުން ޖުމުލަ 14 ރަށަކުން މީހުންވަނީ އެއްކޮށް ހުސްކޮށްފަ އެވެ. އަމިއްލަ ރަށް ނޫން އެހެން ރަށެއްގައި ވަޒަން ވެރިވާން ޖެހުމުން ގެދޮރު ގެއްލުމުގެ ހިތާމަޔަށް އިތުރު މޮޅުވެރިކަމެއް ލިބިގެން ދިޔަކަން ގިނަ މީހުންގެ ވާހަކަތަކުން ދޭހަވެ އެވެ.
މި ހާދިސާގައި ގެދޮރު ގެއްލި ހާލުގައި ޖެހުނު މީހުންގެ ވާހަކަ ދައްކާއިރު އެންމެ ހިތާމަ ކުރަން ޖެހޭ ކަމަކީ އަޅުގަނޑުމެންގެ ތެރެއިން 82 މީހުން މަރުވެގެން ދިޔުމެވެ. މަރުވި 82 މީހުން ކަށަވަރު ކުރެވުނު އިރު ވީނުވީއެއް ނޭނގި 24 މީހުން ގެއްލިގެންވެސް ގޮސްފައިވެ އެވެ. އެ މީހުން ނުފެނުމުގެ ސަބަބުން އެންމެ ފަހުން ނިންމީ އެ މީހުންވެސް މަރުވީ ކަމަށެވެ. އާއިލާތަކަށް ހަށިގަނޑުވެސް ފެނިނުލަ އެވެ.
ޑިސެމްބަރު 26 ވަނަ ދުވަހު އިންޑޮނޭޝިޔާގެ ކައިރިން ކަނޑުގެ އަޑިޔަށް ރެކްޓާ މިންގަނޑުން 9.1 އާއި 9.3ގެ ބާރުމިނުގައި އައި ބިންހެލުމެއްގެ ސަބަބުން އުފެދުނު މި ސުނާމީއާއެކު އެތަށް ބަޔަކު ހާލުގައި ޖެހިގެން ދިޔަ ނަމަވެސް ދިވެހިން ދެއްކީ ޒަމާނުއްސުރެ ދިވެހިންގެ ކަށީގައި ހިފާފައިވާ ސިފަ އެކެވެ. އެއްބައިވަންތަކަމުގެ ރީތި ސިފަ އެވެ. ވަރުބަލިކަމެއް ނެތި އެކި މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.
ސުނާމީ ކާރިސާގައި ދިވެހިން ދެއްކި އެއްބައިވަންތަކަން ފާހަގަކޮށް އެއީ ދިވެހި ފަހުރުވެރިކަމާއެކު ފާހަގަ ކުރާ ދުވަހަކަށް ހެދުމަށް ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހަކީ އެއްބައިވަންތަކަމުގެ ދުވަސްކަމުގައި ހެދުމަށް އޭރުގެ ސަރުކާރުން ޖެނުއަރީ 16، 2005 ގައި ނިންމި އެވެ. އެއާއެކު އެންމެ ފުރަތަމަ އެއްބައިވަންތަކަމުގެ ދުވަހެއް ފާހަގަކޮށްފައިވަނީ އެ އަހަރު އެވެ. އެގޮތުން އެ ދުވަހު ހެނދުނު ވަނީ ހަމަ ހިމޭންކަމުގެ ސްކޫތެއްވެސް ގެނެސްފަ އެވެ.
މިއަދު ސުނާމީ ކާރިސާއަށް 20 އަހަރު ވެގެން ދިޔަ އިރު މިއަދަކީ އެ ދުވަހު މަރުވި މީހުންނާއި ގެއްލުނު މީހުންގެ ހަނދާންތައް އާކޮށްލަން ޖެހޭ ދުވަހެކެވެ. އަދި އެ ހާދިސާއާ ގުޅިގެން ދިވެހިން ދެއްކި އެއްބައިވަންތަކަމުން އަލުން ހިތްވަރު ނެރެ އެ ކަންކަމުން އިބުރަތް ލިބިގަންނަން ވީ ދުވަހެވެ.