އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ރޭ ކުރިއަށް ދިޔަ ހުރަވީ ދުވަހުގެ ގައުމީ ޖަލްސާގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ފަރާތުން ތައްޔާރުކޮށް، ހުށަހަޅުއްވައިދެއްވި ރިޕޯޓު ވެފައިވަނީ ގިނަބަޔަކު ޝައުޤުވެރިވި ރިޕޯޓަކަށެވެ. މި ރިޕޯޓަށް ގިނަ ބައެއްގެ ތަޢުރީފު ލިބެމުންދާއިރު، ފަހުގެ ތާރީހުގައި ބޭއްވޭ ގައުމީ ޖަލްސާތަކުގައި ދުރަށް ފޮނުވާ މިފަދަ އިލްމީ ދިރާސީ ވީޑިއޯ ރިޕޯޓުތައް ވެފައިވަނީ ގިނަ ބައެއްގެ ސަމާލުކަން ލިބޭ މަސައްކަތްތަކަކަށެވެ. މި ރިޕޯޓުތަކުގެ ސަބަބުން ދިވެހި ތާރީހުން ކުރިން ނޭނގޭ އައު ކަންކަމުގެ އަޑު އިވި، ދިވެހީންގެ އަސްލު ހަގީގީ ވެހިކަމާ މެދު ވިސްނައިލުމަށް ފުރުސަތު ފަހިވެގެންދާކަމަށް އާންމުން ބުނެ އެވެ. ކޮންމެއަކަސް، ފާއިތުވި އެއް އަހަރުގެ ގައުމީ ޖަލްސާތަކުގައި ތައްޔާރުކޮށް ދުރަށް ދެއްކި ރިޕޯޓުތަކުގެ ތެރެއިން އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު އެއް ރިޕޯޓަކަށް ވީ ރޭގެ، ”ފަތްކޮޅު“ ރިޕޯޓެވެ.
މި ފަތްކޮޅަކީ 1753 ވަނަ އަހަރު ދިވެހިރާއްޖޭގެ ދައުލަތުން ސިލޯނުގެ ގަވަރުނަރަށް، ފޮނުއްވި ފަތްކޮޅެކެވެ. އޭރު ސިލޯނު އޮތީ ލަންދޭސީ ނުވަތަ ”ޑަޗް އެމްޕަރަރ“ ގެ އިސްތިއުމާރުގެ ދަށުގަ އެވެ. މަލާބާރީން ދިވެހިރާއްޖެ އަޅުވެތިކުރި ކުރުމަށް ދޮންބަންޑާރައިންގެ މަތިވެރި ޖިހާދުން ނިމުން ގެނެސްދެއްވި ހާދިސާއަށް 1 އަހަރު ފަހުން ކޮޅުނބަށް ފޮނުއްވި މި ފަތްކޮޅުގައި ވަނީ އޭރު ރާއްޖޭގެ ރަސްކަމުގައި ހުންނެވި މުޙައްމަދު ޢިމާދުއްދީން ރަދުންގެ ސިއްކަފުޅެވެ. އެފަތްކޮޅުގައި އޭގެ އެއް އަހަރު ކުރީން ދިވެހީން ކުރިމަތިލާން ޖެހުނު ”މުސީބާތް“ (ފަތްކޮޅުގައި ވާ ގޮތަށް)، ވަރަށް ރަނގަޅަށް ވަނީ ސިފަކޮށްދެއްވާފަ އެވެ. ގައްދާރުންގެ މަކަރާއި ހީލަތުން އޭރުގެ ރަދުން ރާއްޖެއިން ފޮނުވާލިގޮތާއި، މާލެއަށް އަތްގަދަކޮށް، ދުޝްމަނުންގެ ބާރުގެ ދަށަށް އަސްކަރިއްޔާ ގެނައި ގޮތާއި، އަޅުވެތިކަމުގެ އަނިޔާތައް ސިފަކުރައްވާފައި ވެއެވެ. އަދި ހޮޅިން ރާއްޖެއަށް ހަމަލާދިން ގޮތާއި ދިވެހީން ހޮޅިންނާ ހަނގުރާމަކޮށް އެބައިމީހުން ބަލިކޮށްލި ގޮތް ބަޔާންކޮށްދެއްވާފައި ވެއެވެ.
ރޭގެ ރިޕޯޓަކީ އިސްވެ ދެންނެވުނު ފަތްކޮޅަށް، ގައުމިއްޔަތުގެ ނަޒަރުން ބަލައި ކޮށްފައިވާ ތަހްލީލެކެވެ. މި ފަތްކޮޅުގެ ބަސްކޮށާރުގެ އަދަބީ މުއްސަނދިކަމާއި، ބަސްމަގުގައި ހުރި ސިޔާސީ ރާގާއި މާނަތަކުން ގިނަ ބަޔަކު ހައިރާން ކުރުވި އެވެ. އަދި މި ފަތްކޮޅަކީ އޭރުގެ ދިވެހީން މި ސަރަޙައްދުގައި ގާއިމްވެ ތިބި މަގާމު ދައްކުވައިދޭ ރިޕޯޓެއްވެސް މެއެވެ. ފަތްކޮޅުން ރަމްޒުކޮށްދޭ ދިވެހީންގެ އޭރުގެ މަގާމަކީ ދިވެހިރާއްޖޭގެ އަދުގެ ދިރިތިބީންނަށް ހައިރާންކަން ގެނުވާ ފަދަ މަގާމެއްކަން ދޭހަވީ، ރޭގެ ޖަލްސާގައި މި ފަތްކޮޅުގެ ތަފުސީލުތަކަށް ބެލުމުން ދިވެހީންގެ ހިތްތަކަށް ކުރި އަސަރުން ނެވެ. ކާބަފައިންގެ މިންނެތް މަސައްކަތާއި ހިކްމަތުން އަދުގެ ނަމުންނަމަ، ”ޖިއޯ-ޕޮލިޓިކްސް“ ގައި ދިވެހީންގެ ނަން ގެންގޮސްދެއްވާފައިވާ ހިސާބުން ފެށިގެން މިއަދާ ހަމައަށް ބަލާއިރު، މިހާރު ދިވެހިރާއްޖެ ޖިއޯ-ޕޮލިޓިކްސްގައި އޮތް ހިސާބާ މެދު ވިސްނާލަން ފުރުސަތެއް ލިބިގެން ދާނެކަމަށް މި ރިޕޯޓު ބެލި ގިނަ ބަޔަކު ފާހަގަކުރި އެވެ.
ގައުމީ ދުވަސްތަކާ ދިމާކޮށް ތާރީހުގެ މިފަދަ ސަފްހާތަކަށް ކަޅިއެއް އެއްލައި، ދިވެހީންގެ އަސްލުވަންތަކަމާ މެދު ވިސްނާ ފިކުރު ކުރުމަށް އަދުގެ ޖީލަށް ފުރުސަތު ތަނަވަސްކޮށްދީ، އެ ތައުލީމަށް މަރުހަބާ ކިޔުމަކީ އަދުގެ ސަރުކާރުން ދިވެހި ގައުމިއްޔަތާ މެދު ގެންގުޅުއްވާ ތަސައްވުރެކެވެ. މި ޒައާމަތުގެ ގައުމީ ޖަލްސާތަކުގައި ދައްކާ ވީޑިއޯ ރިޕޯޓުތައް ވެފައިވަނީ މި ލަނޑުދަނޑި ހާސިލް ކުރުމަށް ކުރެވޭ ވަރަށް އުންމީދީ މަސައްކަތަކަށެވެ. ރޭގެ ރިޕޯޓުގެ އިތުރުން، މިއަހަރުގެ ގައުމީ ދުވަހުގެ ޖަލްސާގައި ތަރިކަ ދިރާސާ ކުރާ ގައުމީ މަރުކަޒުގެ ހުށަހެޅުމަކީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު ހުށަހެޅުމެކެވެ. އެއީ ދިވެހީންގެ އަސްލުވަންތަކަމާއި ދިވެހީން މި ގައުމުގައި ދެމިތިބުމަށް ވެހިކުރި ދިވެހިވަންތަ ސިފަތަކަށް ބަލައި ތައްޔާރުކޮށްފައިވާ ހުށަހެޅުމެކެވެ. މިފަދަ ދިރާސާ ހުށަހެޅުންތަކަށް އާންމުން ދޭ ތަރުހީބަކީ ސަރުކާރުގެ ”ޤައުމިއްޔަތު އިއާދަ ކުރުމުގެ ޤައުމީ މަޝްރޫޢު“ގެ އުންމީދީ ސިޔާސަތު ތަންފީޒުވަމުންދާ ކަމުގެ ހެއްކެކެވެ.
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދިން ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފައްދަވާފައިވާ ތަރިކަ ދިރާސާ ކުރާ ޤައުމީ މަރުކަޒުން ދަނީ ދިވެހީންގެ ތަރިކަތަކާމެދު ޤައުމިއްޔަތުގެ ނަޒަރުން ބަލައި، މިފަދަ ގިނަ ދިރާސާ މަސައްކަތްތައް ކުރަމުން ނެވެ.