ގާނޫނުއަސާސީއަށް ފައިން އެރި ބަޔަކު ގާނޫނުއަސާސީގެ ހިމާޔަތުގައި ނިކުންނާނެ؟

Advertisement

Advertisement

އެންމެ ފަސް

Advertisement

ދިވެހިރާއްޖޭގެ ގާނޫނުއަސާސީއަކީ ޤައުމުގެ އެންމެ މަތީ ގާނޫނެވެ. މިއީ އަޅުގަނޑުމެންގެ ޤައުމުގެ އަސާސްތަކާއި އުސޫލުތައް ކަނޑައަޅާ، ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށްދޭ އެންމެ މުހިންމު ލިޔުމެވެ. މި ފޮތުގައި ﷲ ގެ އިސްމުފުޅު ލިޔެވިފައިވާކަމީ މީގެ މުހިންމުކަން އިތުރަށް ހާމަކޮށްދޭ ކަމެކެވެ. އެހެންކަމުން، ގާނޫނުއަސާސީއަށް ކުރާ ކޮންމެ ފަދަ އިހާނެތި ޢަމަލަކީ ނުހަނު ބޮޑު ކުށެކެވެ.

2017 ވަނަ އަހަރުގެ މާރިޗު މަހުގެ 27 ވަނަ ދުވަހު، 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހިނގި ހިތާމަވެރި ހާދިސާއަކީ މިފަދަ އިހާނެތި ޢަމަލެއްގެ ނުބައި މިސާލެކެވެ. އޭރުގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމާ ގުޅޭ ގޮތުން ޚިޔާލު ތަފާތުވުމެއް އުފެދި، އިދިކޮޅު ފަރާތްތަކުން މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖުކުރަން ފެށިއެވެ. މި ހަމަނުޖެހުމުގެ ތެރޭގައި، ކުރީގެ ޑިފެންސް މިނިސްޓަރު އަދި ކުރީގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ ވަނީ މޭޒު މަތީގައި އޮތް ގާނޫނުއަސާސީއަކަށް ފައިން އަރާފައެވެ.

މާރިޔާ އަހުމަދު ދީދީއަކީ ގާނޫނީ ވަކީލެއް އަދި އެމްޑީޕީއަށް ނިސްބަތްވާ ސިޔާސީ ފަރާތެކެވެ. ގާނޫނު ހަދާ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އަދި ގާނޫނީ ވަކީލެއްގެ ގޮތުން، ގާނޫނުއަސާސީގެ މުހިންމުކަން އެންމެ ރަނގަޅަށް އެނގެންވާނެ ފަރާތަކީ މާރިޔާއެވެ. އެހެންނަމަވެސް، އޭނާގެ މި ޢަމަލަކީ ގާނޫނުއަސާސީގެ ހުރުމަތް ކެނޑި، އޭގެ ގަދަރު ކުޑަކުރުވި، ނުހަނު ހުތުރު ޢަމަލެކެވެ.

މިފަދަ ޢަމަލެއް ހިންގި ފަރާތަކުން މިހާރު ގާނޫނުއަސާސީގެ ދިފާޢުގައި ނުކުތުމަކީ އަޖައިބުވެ ހައިރާންވާންޖެހޭ ކަމެކެވެ. އެމްޑީޕީން މިހާރު ވަނީ ’ގާނޫނުއަސާސީގެ ދިފާޢުގައި ރައްޔިތުން‘ ގެ ނަމުގައި އެއްވުމެއް ބޭއްވުމަށް ނިންމާފައެވެ. މި އެއްވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 2024 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 10 ވަނަ ދުވަހު ކާނިވާ ސަރަހައްދުގައެވެ. ނަމަވެސް، މިއީ އެމްޑީޕީގެ ސިޔާސީ މަގުސަދުތަކެއް ހާސިލުކުރުމަށް ކުރާ ކަމެއްކަން ފާހަގަކުރެވެއެވެ.

އެމްޑީޕީގެ މެންބަރުންނަކީ މީގެ ކުރިންވެސް މަޖިލީހުގެ މޭޒުތަކަށް އަރައި، ވައްވައް ޖައްސައި، ދިވެހިރާއްޖޭގެ ސަގާފަތާއި ރީތި އުސޫލުތައް ގެއްލުވާލާފައިވާ ބައެކެވެ. މިފަދަ ޢަމަލުތަކަކީ ދިވެހި މުޖުތަމަޢުގެ އަޚްލާޤީ މިންގަނޑުތަކާ ފުށުއަރާ، އަދި ރައްޔިތުންގެ މަޖިލީހުގެ ޤަދަރާއި ޝަރަފު ގެއްލުވާލާ ކަންތައްތަކެވެ.

ގާނޫނުއަސާސީއަށް ފައިން އަރައި، އޭގެ ހުރުމަތް ކަނޑާލި ބަޔަކު، މިއަދު ހަމަ އެ ގާނޫނުއަސާސީގެ ދިފާޢުގައި ނުކުތުމަކީ ސުވާލު އުފެދޭ ކަމެކެވެ. މިއީ ހަމައެކަނި ސިޔާސީ ބޭނުމަށްޓަކައި ކުރާ ކަމެއްކަން ސާފުކޮށް އެނގެއެވެ. ގާނޫނުއަސާސީގެ ހަޤީޤީ ދިފާޢުވެރިންނަކީ އެ ފޮތަށް އިޙްތިރާމްކޮށް، އޭގެ މާއްދާތަކަށް ޢަމަލުކުރާ މީހުންނެވެ.

އަޅުގަނޑުމެން ހަނދާން ބަހައްޓަންވީ ކަމަކީ، ގާނޫނުއަސާސީއަކީ ވަކި ފަރުދެއްގެ ނުވަތަ ވަކި ޕާޓީއެއްގެ މިލްކެއް ނޫންކަމެވެ. މިއީ މުޅި ދިވެހި ރައްޔިތުންގެ މިލްކެކެވެ. އެހެންކަމުން، ގާނޫނުއަސާސީގެ ދިފާޢުގައި ނުކުންނަން ބޭނުންވާ ކޮންމެ ފަރާތަކުން އެންމެ ފުރަތަމަ ކުރަންވީ ކަމަކީ އަމިއްލަ ޢަމަލުތައް އިސްލާހުކޮށް، ގާނޫނުއަސާސީއަށް ފުރިހަމައަށް ޙުރުމަތްތެރިކޮށް ހިތުމެވެ.

ގާނޫނުއަސާސީގެ ދިފާޢުގައި ނުކުތުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ޙައްޤެކެވެ. ނަމަވެސް، މިކަން ކުރަންވާނީ އިޚްލާޞްތެރިކަމާއެކު، ސިޔާސީ މަޤްޞަދުތަކުން އެއްކިބާވެ ތިބެގެންނެވެ. ގާނޫނުއަސާސީގެ ހަޤީޤީ ދިފާޢަކީ އޭގެ މާއްދާތަކަށް ޢަމަލުކުރުމާއި، އެ ފޮތުގެ ރޫޙާ އެއްގޮތަށް ދިވެހި ޤައުމު ބިނާކުރުމެވެ. މިގޮތުން ކުރާ މަސައްކަތްތަކުގައި ހުރިހާ ދިވެހިން ބައިވެރިވުމަކީ މުހިންމު ކަމެކެވެ.

ރައްޔިތުންގެ މަޖިލިސް އެމްޑީޕީ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ