ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުން އެމްޑީޕީގެ ފާއިތުވި ވެރިކަމުގައި ވަރަށް ބަދަހިވެފައިވާކަމީ ޝައްކެއްނެތް ޙަޤީޤަތެކެވެ. އެ ދުވަސްވަރު އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދިން އެހީތެރިކަމުގެ ހެކިތައް ފެންނަން އެބަހުއްޓެވެ. އެ ފަސް އަހަރުގެ އެކުވެރި ދައުރު ނިމުނުއިރު، ދެ ޤައުމުގެ ގުޅުން ހުރީ ރަނގަޅު ފެންވަރެއްގައެވެ. މީޑިއާތަކުން ދިވެހިރާއްޖެއަށް ”ޕްރޯ-އިންޑިއާ“ ގެ ސިފަ ދިނެވެ.
ވެރިކަންކުރާ ޕީ.އެން.ސީގެ ލީޑަރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގަތީ ”އިންޑިއާ އައުޓް“ އަދި ”ޕްރޯ-ޗައިނާ“ ގެ ޝިޢާރުތަކާ އެކުގަ އެވެ. ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ފެއްޓެވި ”އިންޑިއާ އައުޓް“ ކެމްޕޭނުގައި ރައީސް މުޢިއްޒު ބައިވެރިވެވަޑައިގެންނެވި ނަމަވެސް، އެމަނިކުފާނުގެ ހިތްޕުޅުގައި ވަނީ ޚާރިޖީ ސިޔާސަތު އެ މަގުން ކުރިއަށް ގެންދިއުމަކީ އެންމެ އެކަށީގެންވާ ގޮތް ނޫންކަމެވެ. ކުރީގެ ސަރުކާރުގެ ދައުރުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމުގެ މައްސަލަ މި ސަރުކާރުން ޙައްލުކުރެއްވީ ސުލްޙަވެރި މަޝްވަރާތަކެއްގެ ތެރެއިން ނެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ޗައިނާއާއިއެކު ބަދަހިކުރި ގުޅުމުގެ ސަބަބުން އޭރުގައި ހައުސިން މިނިސްޓަރުކަން ކުރެއްވި ރައީސް މުއިއްޒަށްވެސް ”ޕްރޯ ޗައިނާ“ ގެ ލޭބަލް ވާރުތަވި އެވެ. މި ލޭބަލް ނައްޓާލެއްވުމަށް އެމަނިކުފާނުގެ ކޮނޑުފުޅުގައި ބުރަ މަސްއޫލިއްޔަތެއް އެޅުވުނެވެ. ނަމަވެސް، އެމަނިކުފާނު އިސްކުރެއްވީ ”ޕްރޯ މޯލްޑިވްސް“ ސިޔާސަތެވެ. ”ޕްރޯ މޯލްޑިވްސް“ ގެ ލޭބަލް ހޯއްދެވުމަށް ހުރިހާ ގައުމުތަކާއިއެކު ހާރިޖީ ގުޅުން ބިނާ ކުރެއްވުމަށް އެމަނިކުފާނު މަސައްކަތް ފެއްޓެވި އެވެ.
ނަތީޖާއެއްގެ ގޮތުން އެކަކު އަނެކަކާއި ހަތުރުވެރި ޗައިނާއާއި އިންޑިޔާއިން މިހާރު ރާއްޖޭގެ އެކި ހިސާބުތަކުގައި އެކި ވަރުވަރަށް މަޝްރޫއުތައް ހިންގަމުން އެބަދެ އެވެ. ރައީސް އިންޑިޔާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށްފަހު އިންޑިޔާއިން ވަނީ ރާއްޖޭގައި އެކި މަޝްރޫއުތައް ފައްޓަވަން އިއުލާންކޮށްފަ އެވެ. އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު މުނޫ މަހާވަރުވެސް ވަނީ މި ދަތުރުފުޅުގެ ކާމިޔާބީ ފާހަގަކުރައްވާފަ އެވެ. ފުރަތަމަ ކަމެއްގެ ގޮތުގައި ދެ ގައުމުގެ ދެމެދުގައި މެރިޓައިމް ސެކިއުރިޓީ އަދި އިގްތިސާދީ ދާއިރާއިން ރަނގަޅު ގުޅުމެއް ބޭއްވުމަށް މަޝްވަރާކުރައްވާފައިވެ އެވެ.
މި ދަތުރުފުޅުގައި ރާއްޖެއިން ވަނީ އިންޑިޔާއާއެކު އެކި ދާއިރާތަކުން އެއްބަސްވުންތައް އެކުލަވާލާފަ އެވެ. މީގެ ތެރޭގައި މާލީ، ސިއްހީ، ދިފާއީ، ކެޕޭސިޓީ ބިލްޑިންގ، އިޔާދަކުރަނިވި ހަކަތަ އަދި ހާރިޖީ ދާއިރާއިން ތަފާތު އެއްބަސްވުންތަކުގެ މަޝްވަރާތައް ހިމެނެ އެވެ.
މި އެއްބަސްވުންތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެގްރީމެންޓެވެ. މި އެގްރީމެންޓް ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި އިންޑިޔާގެ ރިޒާވް ބޭންކާ ދެމެދު ވެވިފަ އެވެ. މިއީ މީގެ ކުރިން ރާއްޖެއިން ޗައިނާއާ އެކުވެސް ހަދާފައިވާ ބާވަތުގެ އެއްބަސްވުމެކެވެ.
އިންޑިޔާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ރާއްޖޭގެ ސިއްހީ ރައްކާތެރިކަމުގެ މަސައްކަތް ކުރުމަށްޓަކައި މުޅި ރާއްޖޭގައި އިންޑިޔާ-މޯލްޑިވްސް ޖާން އައުޝަދީ ކެންޑްރާތަކުގެ އައުޓްލެޓްތައް ގާއިމުކުރަން ޝައުގުވެރިކަން ފާޅުކުރާ ކަމަށް ބުނެފަ އެވެ. 2008 ވަނަ އަހަރު އިންޑިޔާއިން ތަޢާރަފުކުރި ޖާން އައުޝަދީގެ އިނިޝިއޭޓިވްގެ މަގްސަދަކީ ނޮން-ބްރޭންޑެޑް ކޮލިޓީ ޖެނެރިކް ބޭސް، ބްރޭންޑެޑް އަގުބޮޑު ބޭސްތަކާ އެއްވަރުގެ ފެންވަރުގައި ހެޔޮ އަގުގައި ލިބޭނެ ގޮތް ހެދުމެވެ.
ކެންސަރު، ދަރިމައިނުވުން ފަދަ އާންމު ސިއްހީ ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި ސިއްހީ ދިރާސާތަކުގައި ގުޅިގެން މަސައްކަތްކުރަން ބޭނުންވާ ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އެއާއެކު، ނަފްސާނީ ސިއްހީ ހިދުމަތްތައް ފޯރުކޮށްދީ ރިހެބިލިޓޭޝަން ސެންޓަރުތައް ގާއިމުކުރުމަށްވެސް އިންޑިޔާއިން އެހީވާން މަޝްވަރާ ކުރާނެ ކަމަށް ބުނެފައި ވެއެވެ.
މީގެ އިތުރުން، “ވަން ސަން ވަން ވޯލްޑް ވަން ގްރިޑް އިނިޝިއޭޓިވް” ގައި ރާއްޖެ ބައިވެރިވުމުގެ ފުރުސަތު ބަލައި ދިރާސާ ކުރުމަށް ބޭނުންވާ ކަމަށްވެސް އިންޑިޔާއިން ނެރުނު ބަޔާނުގައިވެ އެވެ. ހަކަތައިގެ ދާއިރާއިން ތަމްރީނު ދިނުމާއި، ދެ ގައުމު ގުޅިގެން ދިރާސާ ހިންގުމާއި، ޓެކްނިކަލް ޕްރޮޖެކްޓްތަކާއި، އިންވެސްޓްމަންޓްތައް ޕްރޮމޯޓްކުރުމަށްވެސް ހަކަތައިގެ ދާއިރާއިން އިންޑިޔާއިން އެހީވާން ބުނި ކަންތައްތަކުގެ ތެރޭގައި ހިމެނެ އެވެ.
ހާރިޖީ ދާއިރާއިން ދެ ގައުމުގެ ގުޅުން ކުރިއެރުވުމަށް އިންޑިޔާއިން ވަނީ ބެންގަލޫރުގައި ދިވެހި ކޮންސިއުލޭޓެއް ގާއިމުކުރުމަށް އިއުލާންކޮށްފަ އެވެ. އަދި އައްޑޫގައި އެގައުމުގެ ކޮންސިއުލޭޓެއް ބިނާކުރުމަށްވެސް މަޝްވަރާކޮށްފައި ވެއެވެ.
ދެ ގައުމުން ގުޅިގެން އޯޝަނަގްރަފީ (ކަނޑާއި ކަނޑުފަޅުުގެ ދިރުންތަކުގެ ދިރާސާ) އާއި ނޫ އިގްތިސާދުގެ މަސައްކަތްތަކުގައި ރާއްޖެއާއި އެކީ މަސައްކަތްކުރައްވާނެ ކަމުގައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ވިދާޅުވެފައިވެ އެވެ. ދިފާއީ ދާއިރާއިން އެއްބާރުލުން ދިނުމަށް އިންޑިޔާއިން ވަނީ ދިވެހި ސިފައިންގެ ކެޕޭސިޓީ ބިލްޑިން ވަރުގަދަކުރުމަށް ތަމްރީންތައް ފަށާފަ އެވެ. އަދި އިންޑިޔާ ކަނޑުގެ ސަލާމަތްތެރިކަން ވަރުގަދަކުރުމަށް ދިވެހި ސަރުކާރުގެ ޝަރުތުތަކާ އެއްގޮތަށް ރޭޑަރ ސިސްޓަމްތަކާއި އެހެނިހެން ސާމާނު ފޯރުކޮށްދިނުމާއެކު އެމްއެންޑީއެފްގެ ސަރވޭލަންސް އަދި މޮނިޓަރިންގ ކެޕޭސިޓީ އިތުރުކުރުމުގައި ރާއްޖެއަށް އެހީތެރިވުމަށް އިންޑިއާއިން އެއްބަސްވެފައިވެ އެވެ.
އިގްތިސާދީ ދާއިރާއަށް ބަލާލާއިރު އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީ ވިދާޅުވީ ރާއްޖެއާއި އިންޑިއާއާ ދެމެދު އިގްތިސޯދީ ގުޅުން ވަރުގަދަ ކުރުމުގެ ގޮތުން ފްރީ ޓްރޭޑް އެގްރީމެންޓްގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. މިއަހަރު ތެރޭ އިކޮނޮމިކް މިނިސްޓްރީން ކުރިއަށްގެންދިޔަ މަޝްވަރާތަކުގެ އެހީގައި މިހާރު ދިވެހިންނަށް ރުޕޭ ކާޑް ބޭނުންކުރެވޭ ގޮތް ފަހިކުރެވިފައިި ވެއެވެ. ރުޕޭ ކާޑުގެ ސަބަބުން ކުދި ވިޔަފާރިތަކުން އިންޑިއާ އާއެކު ވިޔަފާރިކުރުމަށް ލުއިތަކެއް ލިބޭނެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - އިންޑިއާ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް