20 ވަނަ އުފަންދުވަސް ފާހަގަ ކުރަން ގާތް ވެފައޮއްވާ ގައްޒާގައި ހިމާޔަތް ހޯދަން ކުރި ބުރަ މަސްއްކަތުގެ އަގު ދިޔައީއެވެ. ސޮފްޓްވެޔަރ އިންޖީނިއަރިންގ ގެ ދާއިރާ އިން ކިޔަވަމުން ދިޔަ ޝަބާން ގެ ފުރާނަ ގެއްލިގެން ދިޔައީ އިޒްރާއިލުން ދިން ހަމަލާ އަކުން ނެވެ. އައިވީ ގުޅާފައި އޮއްވާ ދިރި ހުއްޓާ އަނދާލީ ޝަބާންގެ މަންމައާއި އެކު އެވެ. ދީރް އަލް ބަލާހު ގައި ހުންނަ އަލް އަގްސާ ހޮސްޕިޓަލް އަށް ދިން ހަމަލާ އަކުންނެވެ.
ޝަބާން ދިޔައީ ގައްޒާގައި އޭނާ އާއި އޭނަގެ އާއިލާ ތަހައްމަލް ކުރި ދަތި އުނދަގޫ ދިރިއުޅުން ވީޑިއޯކޮށް ހިއްސާކުރަމުން ނެވެ. ގައްޒާގައި ދިރިއުޅޭ ރައްޔިތުންނަށް ލޭ ހަދިޔާ ކުރަމުންދާ ވީޑިއޯއެއްވެސް ހިއްސާ ކުރި އެވެ. ޝަބާން ގެ އެ ވީޑިއޯ ގައި ބުނެފައި ވަނީ ގިނަ ބަޔަކަށް އަނިޔާވެ، ކުޑަކުދިންނަށް ލޭ ބޭނުންވާ މަންޒަރު ދެކިފައި ހުރި ކަމަށާއި ދެވެން އޮތް ހުރިހާ އެހީއެއް ދޭނެ ކަމަށެވެ. ބޮޑުވެގެން ޑޮކްޓަރަކަށް ވުމުގެ ހުވަފެން ހަގީގަތަކަށް ހެދުމަށް ޝަބާން ދިޔައީ މަސައްކަތް ކުރަމުން ނެވެ.
އާއިލާގައި ހުރި އެންމެ ދޮށީ ދަރި އެވެ. ހުރިހާ ހިތްވަރެއް ދިޔައީ އާއިލާ އަށް ހިމާޔަތް ދިނުމާއި ކާން ބޯނެ އެއްޗެއް ހޯދުމުގަ އެވެ. ޝަބާންގެ އެހެން ވީޑިއޯ އެއްގައި ބުނެފައި ވަނީ އިޒްރާއިލުން ގައްޒާގެ ގިނަ ހިސާބު ބަނދު ކުރުމުގެ ސަބަބުން ގައްޒާގެ ރައްޔިތުންނަށް ކާނެ އެއްޗެއް ހޯދަން ދަތި ކަމަށެވެ. އިންސާނިއްޔަތުގެ ކުޑަ ފުކެއްވެސް ނުފެންނަނީ ބާއޭ ހިތައް އަރަ އެވެ.
ގައްޒާއިން ނިކުންނަން އެތަކެއް މަސައްކަތެއް ޝަބާން ކުރި އެވެ. އެއް ވީޑިއޯގައި އޭނާގެ އާއިލާ، ގައްޒާގައި ހިނގާ ލާއިންސާނީ އަނިޔާގެ ނުރައްކަލުން ސަލާމަތްވުމަށް މިސްރަށް ދިޔުމަށް ޑޮނޭޓް ކޮށްދޭން ވެސް އެދިފަ އެވެ.
”ހުއްޓާ ނުލާ މިކުރާ އަނިޔާ ގެ ތެރޭގައި އުޅޭތާ 165 ދުވަސް، ޓެންޓެއްގެ ތެރޭގައި ދިރިއުޅޭތާ 5 މަސް“
ޝަބާން ގެ އިތުރު ވީޑިއޯއެއްގައި ބުނެފައިވަނީ އޭނާގެ އާއިލާ 5 ފަހަރަށް ހިމާޔަތް ހޯދަން ބަދަލުވި ކަމަށެވެ. އޭނާގެ އާއިލާގައި މަންމަ އާއި ބައްޕަގެ އިތުރުން ދެ އަންހެން ކޮއްކޮ އަދި ދެ ފިރިހެން ކޮއްކޮ ތިބެ އެވެ. އެގޮތަށް ބަދަލުވަމުން އެންމެ ފަހުން ހިމާޔަތް ލިބުނީ އަލް އަގްސާ ހޮސްޕިޓަލުން ނެވެ.
”އަހަރެންގެ އާއިލާ އާއި މި ފިނި މާހައުލާ ދެމެދު ހަމައެކަނި އޮތީ އަހަރުންގެ އަމިއްލަ އަތުން މި ރޭވި ޓެންޓް އެކަނި“
ނަމަވެސް ރައްކާތެރިކަމަށް އެޅި ޓެންޓް ވެގެން ދިޔައީ ސަންދޯކުތަކަކަށެވެ. އިޒްރާއިލުން ދިން ބޮމުގެ ހަމަލާގައި އަލިފާނުގެ ހުޅުގައި ޝަބާން އަދި އޭނާގެ އާއިލާ ތާށިވި އެވެ.
ޝަބާންގެ ބައްޕަ އަހުމަދު އަލް ދަލައު އަލިފާނުގެ ސަބަބުން ގައިގެ ބޮޑުބައެއް އެނދި އެވެ. އޭނާ ބުނީ ބޮން ގޮވިތަނާ ވިއްސައިގެން ޓެންޓުން ބޭރައް ދިޔަފަހުން ވިސްނުން ދިޔައީ ޓެންޓު ތެރޭގައި ތިބި އޭނާގެ އާއިލާ އަށް ކަމަށެވެ. ނަމަވެސް އޭނާ އަށް ސަލާމަތް ކުރެވުނީ އެންމެ ދެ ދަރިންނެވެ. ”އެޔައްފަހު އަލިފާން އުތުރި އަރައިގެން ދިޔައީ އަހަރެންގެ އަންހެނުން އަދި ބާކީ އެއްވެސް ދަރިއެއް ސަލާމަތެއް ނުކުރެވުން، އަހަރެން ވަރަށް މަސައްކަތް ކުރިން.“ އޭނާގެ ބައްޕަ ކިޔައިދިނެވެ.
އަހުމަދު ބުނީ ޝަބާން ބޭނުންވީ ޑޮކްޓަރުކަން ކިޔަވަން ގައުމުން ބޭރައްދާން ކަމަށެވެ. ނަމަވެސް އޭނާ ބޭނުންވީ ޝަބާން އާއިލާއާއި ގާތުގައި ބަހައްޓަންށެވެ. ”މިހާރު ހިތައް އަރާ ޝަބާން ބޭރަށް ކިޔަވަން ފޮނުވުން ނަމައޭ“ އެކަމާ ހިތާމަކުރަމުން އަހުމަދު ބުނި އެވެ.
ޝަބާން އަކީ ކިޔެވުމަށް ފޯރި ހުންނަ ކުއްޖެކެވެ. ޤުރްއާން އެއްކޮށް ހިތުދަސްކޮށްފައި ހުރި ކުއްޖެކެވެ. އިޒްރާއިލުން މި ދޭ ހަމަލާތަކުގައިވެސް އޭނާ ލެޕްޓޮޕްނަގައިގެން ކިޔަވަން އިންނަކަން އަހުމަދު ފާހަގަ ކުރި އެވެ.
”ޝަބާން އެންމެ ލޯބިވަނީ އޭނަގެ މަންމަ ދެކެ، އޭނާ އެ ޝަހީދުވީ އޭނަ އެންމެ ލޯބިވާ މަންމަގެ އަތްމަތީގަ، އަހަރުން ދެމައިން ވަޅުލީ އެކުއެކީގަ“
ޝަބާން ގެ ބައްޕަ އަހުމަދު އެދެނީ އިންސާނިއްޔަތު ގެ ތަންފުކެއް ނަމަވެސް ލޮލައް ފެނުމަށެވެ. އޭނާގެ މުޅި ދިރިއުޅުން އަނދާ ހުލިވެގެން އެ ދިޔައީ އެވެ. ކޮން ކުށަކާ ހުރެކަން ކޮންމެ ދުވަހަކު ސުވާލު ކުރެ އެވެ.