ވަރަށް ގިނައިން ރާއްޖޭގައި އިވޭ ވާހަކައެއް އޮވެ އެވެ. ’މެޑިކަލް މާފިޔާ‘ ކިޔާ ބައެއްގެ ވާހަކަ އެވެ. އަދި ’ޓޫރިޒަމް މާފިޔާ‘ ކިޔާ ބައެއްގެ ވާހަކަވެސް ދައްކާވަރު މަދެއް ނޫނެވެ. ބައެއް މީހުން ތުހުމަތު ކުރާ ގޮތުގައި ގިނަ ސިޔާސީ ލީޑަރުންނަކީ މިފަދަ މާފިޔާއެއްގެ ދަށުވެފައި ތިބޭ ބައެކެވެ. ނޫނީ އެފަދަ މާފިޔާއަކާ އާއިލީ ގުޅުން ނުވަތަ ވިޔަފާރީގެ ގުޅުން އޮންނަ ބައެކެވެ. ނޫނީ ސިޔާސީ ކަންކަމަށް އެފަދަ މާފިޔާއެއްގެ ފަންޑު ލިބުނު ބައެކެވެ. ކޮންމެއަކަސް މި މާފިޔާތަކެއްގެ ވާހަކަ ރާއްޖޭގައި ދައްކާތާ އަހަރުތަކެއް ވެއްޖެ އެވެ. ފުރަތަމަ ކަމަކަށް ’މާފިޔާ‘ އޭ މި ކިޔަނީ ކީއްވެގެންކަން ބަލާލަމާ ހިނގާށެވެ.
’މެޑިކަލް މާފިޔާ‘ މި ލަފްޒަކީ ސިއްހީ ހިދުމަތުގެ ނިޒާމުގެ ތެރޭގައި ސިއްހީ ހިދުމަތްތަކަށް އެކަށީގެންވާ ވަރަށް ވުރެ ބޮޑު އަގު ނަގާ ފަރާތްތަކަށާއި ގަވައިދާ ހިލާފަށް ނުވަތަ އަގުބޮޑުކޮށް ބޭސް ވިއްކާ ފަރާތްތަކާއި ރިފަރަލްތަކަށް ކިކްބެކް ދިނުން ނުވަތަ ވަކި ބަޔަކަށް މަންފާއެއް ހޯދައިދިނުމަށް މަސައްކަތް ކުރުންފަދަ އަހުލާގީ ގޮތުން ދަށް ފެންވަރުގެ ކަންކަން ކުރާ ނެޓްވޯކަކަށް ކިޔާ ނަމެކެވެ. ހަމައެގޮތަށް ’ޓޫރިޒަމް މާފިޔާ‘ ކިޔާއުޅެނީ ރަށްރަށް ކުއްޔަށް ހިފުމުގައި ނުވަތަ ބިން ގަތުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާ ފަރާތްތަކާއި ރިޒޯޓު ތަރައްގީ ކުރުމުގައި މޮނޮޕޮލިސްޓިކް އުސޫލުތައް ހިންގުމާއި ވަކި ބަޔަކަށް ފައިދާވާ ގޮތަށް ސަރުކާރުގެ ސިޔާސަތުތަކަށް ނުފޫޒު ފޯރުވުން ފަދަ ކަންކަން ކުރާ ފަރާތްތަކަށް ކިޔާ ނަމެކެވެ.
ރާއްޖޭގެ ތާރިހުގައިވެސް މިފަދަ ’މާފިޔާ‘ އަކާ ކުޅެން ކެރުނު ވެރިޔަކު ފެނިފައެއް ނުވެ އެވެ. ނިމިދިޔަ ސަރުކާރުގެ ތެރެއިން ފެނުނީ މިފަދަ މާފިޔާތައް އިތުރަށް ވަރުގަދަ ވެގެން ދިޔަ ތަނެވެ. ސަރުކާރުގެ ތެރެއަށްވެސް މި މީހުން ބޭނިގަތެވެ. އެގޮތުން ސިއްހީ ދާއިރާއަށް ބަލާއިރު ވެންޓިލޭޓަރު ހިޔާނާތާއި ކޮވިޑުގެ ތެރޭގައި އަމިއްލަ ފައިދާއަށް އައިޖީއެމްއެޗްގެ މުދަލާ ތަކެތި ބޭނުން ކުރުން ފަދަ އެތަށް ކަމެއް ފެނިގެން ދިޔަ އެވެ. ސަރުކާރުން ކޮންމެވެސް ބަހަނާއެއް ދައްކާ ކުއްޔަށް ދީފާވާ ރަށްރަށް ސަރުކާރަށް ނެގުމަށްފަހު ބަދަލުގެ ގޮތުގައި އެތަށް ފައިސާއެއް ދީފާ އެބަ ހުއްޓެވެ.
މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ފެނިގެން މި ދަނީ މިފަދަ މައްސަލަތަކާ ކުރިމަތިލާ އެކަމާ ދެކޮޅަށް ފިޔަވަޅުތައް އަޅަމުންދާ ތަނެވެ. އެގޮތުން އެޅި އެއް ފިޔަވަޅަކީ ފަތުރުވެރިކަމުގެ ވިޔަފާރިތަކުގައި ހަރަކާތްތެރިވާ ކުންފުނިތަކަށް އަމާޒުކޮށް ހެދި އާ ގަވައިދެވެ. މި ގަވައިދުގެ ސަބަބުން ރާއްޖޭއިން ބޭރު ފައިސާ ބޭރުވާ މިންވަރު މަދު ކުރެވި ރާއްޖޭގެ އިގްތިސޯދުގެ ތެރޭގައި ބޭރު ފައިސާ ހިފެހެއްޓޭ މިންވަރު އިތުރުވެގެން ދާނެކަމަށް އިގްތިސޯދީ މާހިރުން ގަބޫލު ކުރެ އެވެ. އެގޮތުން ރާއްޖެއަށް އަންނަ ކޮންމެ ފަތުރުވެރިއަކުވެސް 500 ޑޮލަރު އެމްއެމްއޭ މެދުވެރިކޮށް މާރުކުރުން ލާޒިމު ކުރުމަކީ މި ގަވައިދުގެ ތެރޭގައި ހިމަނާފައިވާ ކަމެކެވެ.
މީގެ އިތުރުން ރާއްޖޭގެ ޑޮލަރު އާމްދަނީ އިތުރު ކުރުމަށްޓަކައި، ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން ޑޮލަރުން ޓެކްސް ދައްކަން ޖެހޭ ގޮތަށް، އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދު މީރާއިން ވަނީ އިސްލާހުކޮށްފަ އެވެ. އެގޮތުން އެ ފަރާތެއްގެ ފަންކްޝަނަލް ފައިސާއަކީ ރުފިޔާ ފިޔަވާ އެހެން ފައިސާއެއް ނަމަ އެ ފަރާތެއްގެ އިންކަމް ޓެކްސް ބަޔާނާއި އިންޓެރިމް ބަޔާންތައް ތައްޔާރު ކުރަން ވާނީ އެމެރިކާ ޑޮލަރުން ކަމަށެވެ. އަދި އެފަދަ ފަރާތްތަކުން އިންޓެރިމް ޕޭމަންޓާއި އިންކަމް ޓެކްސް ދައްކަންވާނީ އެމެރިކާ ޑޮލަރުން ކަމަށްވެސް ބުނެފައިވެ އެވެ.
މިފަދަ އިސްލާހުތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ވިޔަފާރިތަކުގައި އުޅޭ ފަރާތްތަކުން އެ މީހުންގެ ބޭރު އެކައުންޓްތަކަށް ޖަމާ ކުރާ ޑޮލަރުގެ އަދަދު މަދު ކުރެވި ރާއްޖޭގެ އެތެރޭގައި ދައުރު ކުރާ ޑޮލަރުގެ އަދަދު އިތުރު ކުރެވިގެން ދާނެ އެވެ.
މީގެ އިތުރުން ’މެޑިކަލް މާފިޔާ‘ އާ ދެކޮޅަށްވެސް ސަރުކާރުން ވަނީ ފިޔަވަޅުތަކެއް އަޅަން ފަށާފަ އެވެ. އެގޮތުން ޕްރައިވެޓް ހޮސްޕިޓަލްތަކުން ދޭ ބައެއް ހިދުމަތްތަކުގެ އަގު ކުޑަކުރުމަށް ޕެކޭޖްތައް ތައާރަފްކުރުމަށް އާސަންދައިން ވަނީ ނިންމާފަ އެވެ. ސިއްހީ ހިދުމަތް ފޯރުކޮށްދޭ ޕްރައިވެޓް ހޮސްޕިޓަލުތަކުން އަގުބޮޑު ރޭޓްތަކެއް ޑިމާންޑްކުރާ ކަމަށް އާސަންދައިން ވަނީ ބުނެ އެވެ. އަދި އަމިއްލަ ބައެއް ހޮސްޕިޓަލުތަކުން ކުޑަ އަގެއްގައި ނިންމާލެވޭ ސިއްހީ ބައެއް ހިދުމަތްތައްވެސް ބިލް ކޮށްފައި ހުންނަނީ ބޮޑު އަގުގައިކަމަށްވެސް ބުނެފައިވެ އެވެ.
ސަރުކާރުގެ މައި ޕާޓީ، ޕީއެންސީއަށް ނިސްބަތްވާ ބައެއް މަޖިލިސް މެންބަރުންވެސް ވަނީ ސިއްހީ ދާއިރާގައި ހުރި ބައެއް ކަންކަމަށް ނުރުހުން ފާޅުކޮށްފަ އެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަނީ ރާއްޖޭގެ ކްލިނިކްތަކާއި ރާއްޖޭން ބޭރުގެ ހޮސްޕިޓަލްތަކުގެ ސްޕެޝަލިސްޓުން ގުޅިގެން އެމީހުން ރިކޮމެންޑް ކުރާ ތަންތަނަށް ދާން ބުނެ، ”ސްކޭމް“ އެއް ހިންގަމުންދާ ކަމަށް ވިދާޅުވެފަ އެވެ. އަދި ކުރަން ނުޖެހޭ އޮޕަރޭޝަންތަކަށް ހަރަދު ކުރުވުމާއި ކުރަން މަޖުބޫރު އޮޕަރޭޝަންތަކުންވެސް ބޮޑެތި އަދަދުން ފައިސާ ނަގަމުންދާކަން ފާހަގަވެފައިވާކަމަށްވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.
ބޭސް އަގުބޮޑުވުމަކީވެސް ރައްޔިތުންގެ ކަންބޮޑުވުން ބޮޑު ކަމެކެވެ. ޑޮކްޓަރީ ބޭސް ރާއްޖޭގައި ވިއްކަމުންދަނީ 2000 އިންސައްތަ އަގު ބޮޑުކޮށް ކަމަށާއި، އެކަން ހުއްޓުމަކަށް ގެނައުމަށް ކަމާއި ބެހޭ ފަރާތްތަކަށް އަންގާފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. ރައީސް ވިދާޅުވީ ޑޮކްޓަރީ ބޭސް ރާއްޖެ އެތެރެކޮށް ވިއްކާ އަގުތައް ރާއްޖޭގެ ބާޒާރުގައި މިހާތަނަށް ހުރީ %200 އިން ފެށިގެން %2000 އާއި ދެމެދުގެ ފައިދާއެއް ނަގާ މިންވަރުގައި ކަމަށެވެ. މި ބަދަލުގެ ނަތީޖާއެއްގެ ގޮތުން، އާސަންދައިން އިސްރާފުވަމުންދާ ގިނަ އަދަދެއްގެ ފައިސާ (އެތައް ސަތޭކަ މިލިއަން ރުފިޔާ) ސަލާމަތްކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މިއީ ޓޫރިޒަމް މާފިއާއާއި މެޑިކަލް މާފިޔާއާ ދެކޮޅަށް ސަރުކާރުން ފެށި ބޮޑު އަދި ޖެހިލުން ކުޑަ މަސައްކަތެއްކަމަށް ބައެއް މީހުން ސިފަ ކުރެ އެވެ. އަދި މިއީ މި މަސައްކަތުގެ ފެށުންކަމަށްވެސް ސިފަކޮށްފައިވެ އެވެ.
ހަމަ ޔަޤީނުންވެސް މި ދެ ދުވަހަކު ސޯޝަލް މީޑިއާ ބަލާލުމުން އެއް ކަމެއް ސާފުވެ އެވެ. އެއީ މި މާފިއާތަކާއި ދެކޮޅަށް، ރައްޔިތުންގެ ފަޅީގައި ރައީސް ނިންމަވާ ނިންމެވުންތަކަށް ރައްޔިތުންގެ ތާއީދު ބޮޑުކޮށް އޮތްކަމެވެ. އެ މާފިއާތަކުގެ ވެރިން ”ސައިޒް“ ކުރާތަން ބަލަން ރައްޔިތުން ކެތް މަދުވެފައި ތިބިކަމެވެ.
ދެން އޮތީ މި ގޮތުގައި ސަރުކާރަށް މިގޮތުގައި ކިހާ ދުވަހަކު ހިފަހައްޓާލެވިދާނެތޯ އުފައްދާ ސުވާލެވެ. ރައްޔިތުން މިއަދު ތިބީ އެ ސުވާލުގެ ޖަވާބަށް ކެތް މަދުވެފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް އާސަންދަ ފަތުރުވެރިކަން