9 މަހުގެ ތެރޭގައި ގަވައިދާ ހިލާފަށް އުޅޭ ބިިދޭސީން ބިރުގަންނުވާލައިފި، އެންމެންގެ ތައުރީފް ޝަމްއާނަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގައި ބިދޭސީންގެ މައްސަލައަކީ ފާއިތުވި އެއްވެސް ސަރުކާރަކުން ހައްލެއް ނުލިބުނު މައްސަލަ އެކެވެ. ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު ސަރުކާރަކަށް ފަހު ސަރުކާރަކުން އަންނަނީ އިތުރުވަމުންނެވެ. އެމީހުންނާ ދެކޮޅަށް ފިޔަވަޅު އަޅަން ކެރުނު ސަރުކާރެއް ނުފެނުނެވެ. ކޮންމެވެސް ބޮޑު ވިޔަފާރިވެރިޔެއްގެ ބާރާ ހެދި އެއްވެސް ސަރުކާރަކަށް އެ މައްސަލައަށް ހައްލެއް ހޯދަން ނުކެރުނީ ކަމަށް ވެދާނެ އެވެ. ނޫނީ ކޮންމެވެސް ސިޔާސީ ލީޑަރެއްގެ މަސްލަހަތު މިކަމުގައި އޮތީކަމަށްވެސް ވެދާނެ އެވެ.

ކޮންމެ ސަބަބަކާ ހުރެ ކަމުގައި ވިޔަސް މި މައްސަލައަށް ހައްލެއް ލިބިފައި ނުވާކަމީ ރާއްޖޭގެ ރައްޔިތުން ނުހަނު ކަންބޮޑުވާ ހަގީގަތެކެވެ. ނަމަވެސް މިއަދު މިފެންނަނީ ގާނޫނު އައިސް އަރާ ހަމަކުރާ މަންޒަރެވެ. ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ގާނޫނުގެ ދިގު އަތް ދިށްކޮށްލައިފި އެވެ. މި ހުރިހާ މަސައްކަތެއްވެސް ފެށިގެން އައީ މި ސަރުކާރުން ވެރިކަމާ ހަވާލުވެ މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަގާމަށް މުހައްމަދު ޝަމްއާން ވަހީދު އައްޔަން ކުރި ހިސާބުންނެވެ. ނިދާފައި އޮތް ބޮޑު ބާރެއް ހޭލި ފަދައިން ބިދޭސީންގެ ތެރޭގައި ބޮޑު ބިރުވެރިކަމެއް ފަތުރާލައިފި އެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ އިތުރުން ގަވައިދާ ހިލާފަށް ވިޔަފާރި ކުރާ ބިދޭސީންވެސް މަދެއް ނޫނެވެ. ރާއްޖޭގައި ވިޔަފާރި ކުރުމުގެ ހުއްދަ ދޫކުރަނީ ދިވެހި ރައްޔަތިންނަށެވެ. ބައެއް ވިޔަފާރިތައް ކުރެވެނީ ދިވެއްސެއްގެ ވަކި އިންސަތައެއްގެ ހިއްސާ އޮވެގެންނެވެ. އެހެންކަމުން ރާއްޖޭގައި ވިޔަފާރި ކުރުމަށްޓަކައި ބިދޭސީން މައިގަނޑު ގޮތެއްގައި ދެ އުކުޅެއް ބޭނުން ކުރެ އެވެ. ދިވެއްސެއްގެ ނަން މަތީ ވިޔަފާރިއެއް ހުޅުވުމަށް ފަހު ބިދޭސީ މީހާ ވިޔަފާރިއާ ހަވާލުވެ ދިވެހި މީހާއަށް ކޮންމެ މަހަކު ވަކި އިންސައްތައެއް ދޭ ގޮތަށް ވިޔަފާރި ކުރުމާއި ކަމާ ބެހޭ ފަރާތްތަކަށް ވަގަށ،ް ގަވައިދާ ހިލާފަށް ބިދޭސީން ވިޔަފާރި ކުރެ އެވެ. މި މީހުންގެ ވިޔަފާރިތަކަށްވެސް ޝަމްއާން މިހާރުވެފައިވަނީ ބޮޑު ބިރުވެރިކަމަަކަށެވެ.

އިމިގްރޭޝަނާ ހަވާލުވި ގޮތަށް ޝަމްއާން އަމާޒު ހިފީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދާ އެމީހުންގެ ގައުމަށް އަނބުރާ ފޮނުވާލުމަށެވެ. މީހެއްގެ ލޮލަކަށް ކަނދުރާއަކަށް ބެލުމެއް ނެތި ދިވެހި ފުލުހުންނާ ގުޅިގެން ރެއިޑް އޮޕަރޭޝަންތަކެއް ފެށި އެވެ. މި އޮޕަރޭޝަންތަކުގައި ކޮންމެ ދުވަހަކުހެން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހައްޔަރު ކުރަން ފެށި އެވެ. ބިދޭސީން ދިރިއުޅޭ ތަންތަނަށާއި ބިދޭސީން އެއްވާ ތަންތަނުގެ އިތުރުން ބިދޭސީންގެ ވިޔަފާރިތައް ހިންގާ ތަންތަނަށް ގޮސް ބިދޭސީންގެ މައުލޫމާތު ސާފުކޮށް ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހައްޔަރު ކުރަން ފެށި އެވެ. މީގެ ސަބަބުން ބައެއް ބިދޭސީން އަމިއްލައަށް ވިޔަފާރިތައް ހުއްޓާލާފައިވެ އެވެ. އަދި ބައެއް ބިދޭސީން ވަކި ގަޑިތަކެއްގައި ވިޔަފާރި ކުރަން ފަށާފައިވެސް އެވެ. ނޫނީ ވަކި ގޮތަކަށް ހިދުމަތް ދޭ ގޮތަށް ވިޔަފާރި ބަދަލުކޮށްފައިވެސްވެ އެވެ. ކޮންމެއަކަސް ގިނަ ބިދޭސީންތަކެއް މިހާރު ތިބީ ބިރުވެރިކަމެއްގެ ތެރޭގަ އެވެ.

މި އޮޕަރޭޝަންތައް ފެށުމަށް ފަހު ޝަމްއާން ވަނީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނާ ދެކޮޅަށް އިމިގްރޭޝަންއާއި ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަން ހުއްޓާނުލާނެކަމަށް ބުނެފަ އެވެ. އަދި މިފަދަ ރެއިޑް އޮޕަރޭޝަންތަކުގައި ހައްޔަރު ކުރާ އެއްވެސް ބިދޭސީއަކަށް ގަވައިދުގެ ތެރެޔަށް ވަނުމަށް ފުރުސަތެއް ނުދޭނެކަމަށްވެސް ޝަމްއާން ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ރެއިޑް އޮޕަރޭޝަނެއްގައި އަތުލައިގަތުމުގެ ކުރިން އަމިއްލައަށް އެދިގެން ގަވައިދުގެ ތެރެއަށް ވަނުމަށް އެދޭނެމަ އެ ފުރުސަތު އޮންނާނެކަމަށް ޝަމްއާން ވަނީ ވިދާޅުވެފަ އެވެ.

ބިދޭސީންނަށް ފިޔަވަޅު އެޅުމުގެ އިތުރުން އިމިގްޜޭޝަނުން ވަނީ ބިދޭސީން ލައްވާ ގަވައިދާ ހިލާފަށް މަސައްކަތް ކުރުވާ ދިވެހިންނަށްވެސް ފިޔަވަޅު އަޅަން ނިންމާފަ އެވެ. އެގޮތުން ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީއެއް ލައްވާ މަސައްކަތް ކުރުވުމަކީ ކުށެއްކަން ފާހަގަ ކުރައްވާ ޝަމްއާން ވަނީ އެ މީހަކު 50،000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކޮށް ޕާސްޕޯޓު އަތުލުމުގެ ބާރު އިމިގްރޭޝަނަށް ލިބިގެންވާކަމަށް ވިދާޅުވެފަ އެވެ.

ރާއްޖޭއަށް ދިމާވެފައިވާ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް އިމިގްރޭޝަނުން ކުރަމުންދާ މި މަސައްކަތްތަކަށް ދިވެހިންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބެމުންދާކަން ޔަގީނެވެ. މިކަން ހާމަ ވަނީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައުލޫމާތު ރިޕޯޓު ކުރުމަށް އިމިގްރޭޝަނުން އުފެއްދި ”އިމިގްރޭޝަން ވޮޗް“ އަށް އެތަށް ރިޕޯޓެއް ލިބުމެވެ. މިއީ ރައްޔިތުންނަށް ބޮޑުވެފައިވާ މައްސަލައަކަށް ވެފައި ރައްޔިތުންނާ ގާތުން މި މައްސަލަ ހައްލުކޮށްދޭނެ އިދާރާއެއް އޮތްކަމުގެ އިހުސާސް ރައްޔިތުންނަށް މިއަދު އެބަ ކުރެވެ އެވެ. ރައްޔިތުން މައްސަލަ ޖައްސައިފި ނަމަ އެ މައްސަލައަކަށް އިމިގްރޭޝަނުން އެޓެންޑްވެ ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން އޮވެ އެވެ.

މިއަދު ސޯޝަލް މީޑިއާ ހުޅުވާލިޔަސް ފެނިގެން ދަނީ ގިނަ ބަޔެއްގެ ތައުރީފް ޝަމްއާނަށް އޮހެމުންދާ ތަނެވެ. ގޭގޭގެ ސިޓިން ރޫމްތަކުން ފެށިގެން މަގުތަކާ ސައި ހޮޓާތަކުންވެސް މި ވާހަކަ އަޑު އިވެ އެވެ. މިއަށް ވުރެ ކެރޭ އަދި ވަކި މީހެއްގެ ވިޔަފާރިއަށް ބެލުމެއްނެތި މަސައްކަތް ކުރި އިމިގްރޭޝަން ކޮންޓްރޯލާއެއް އަދި ރާއްޖެއަކުން ފެނިފައެއް ނެތެވެ.

ބިދޭސީން ބިދޭސީންގެ މައްސަލަ އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ދިވެހި ފުލުހުންގެ ޚިދުމަތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ