އެޑިޓަރުގެ ނޯޓް:
ތިރީގައިވާ ލިޔުމަކީ ޢަބްދުﷲ ރަޝީދު (އައިސީ) އޭނާގެ އަމިއްލަ ފޭސްބުކްގައި ލިޔުއްވާފައިވާ ލިޔުއްވުމެއްގެ ނަކަލެކެވެ. މި ލިޔުން އޭނާގެ ފޭސްބުކްގައި ލިޔެފައިވަނީ މި މަހުގެ 12 ވަނަ ދުވަހު އެވެ. މި ލިޔުމަކީ 2004 ވަނަ އަހަރު އޮގަސްޓް 12، 13 ގެ އަނިޔާއާ ގުޅޭގޮތުން އޭނާ ލިޔުއްވާފައިވާ ލިޔުމެކެވެ. މި ލިޔުން ޝާއިރުކުރުމުގައި ހަމައެކަނި ގެނެސްފައިވާ އިސްލާހްތަކަކީ އިބްރާތްތަކުގެ ކުށްތައް އިސްލާހްކޮށް، ކިޔާލަން ފަސޭހަވާނެގޮތަށް ލިޔުމަށް ގެނެސްފައިވާ އިސްލާހްތަކެއް އެކަންޏެވެ.
——————-
އޯގަސްޓު 12، 2004 ގެ އިރު އޮއްސިގެން ދިޔައީ މިފަހަކަށް އައިސް ރާއްޖެ ދުށް އެންމެ އަނިޔާވެރި ދުވަހެއްގެ ގޮތުގަ އެވެ. ހަޅޭކާއި ބިރުވެރިކަމާއި ނާމާންކަން މާލެ ތެރެއިން ފެނިގެން ދިޔަ ދުވަހެކެވެ.
13 ވަނަ ދުވަހު އިރު އަރައިގެން އައުމާ އެކުއެކީހެން ސިފައިންގެ ޖިޕަކަށް އެތެރެކޮއްލި އެވެ. ޖުމްހޫރީ މައިދާނަށް ހުއްޓުމާއެކު އަނިޔާވެރި ގޮތަކަށް ލުއްކެއް ޖަހާ ޖިޕުން ބޭލި އެވެ. ފޮތި ފޭއްޔެއް އިރާލި އަޑާއެކު ކަޅު ފޮތިގަނޑަކުން ކަނު ބަދެވިގެން ދިޔަދިޔުން ވެެގެން ދިޔައީ މަތި މައްޗަށް އަނިޔާ ކުރުމަށް ދަމާލި ފަރުދާއެއްގެ ގޮތުގަ އެވެ. ދެފަޔާއި ދެއަތުގައި ބިޑި އެޅުވުމަށްފަހު ބަނޑޭރިގޭ ބޮޑުފެންޑާގެ ތަޅުން މައްޗަށް އެއްލާލެވުނެވެ. އެހެން މީހުންނަށް ކުރާ އަނިޔާގެ އިހުސާސް ކުރެވުނީ ފެންޑާއިން ރޮއެ ހޭރޭ އަޑު އެއްއަޑަކަށް އިވުމުންނެވެ. ކުއްލިއަކައް ލަފުގައި ހިފާ ދަމާ ގެންގޮސް ކަކޫ ޖައްސައިފި އެވެ. އެއީ ހަމަހިމޭން ތަނެއްކަން އިހުސާސްވެ އެވެ. ކަނުބަނދެފައި ހުރި ފޮތިގަނޑު ތެރެއަށް ދެލޮލަށް ކަފަގަނޑެއް ކޮޕާލުމާއެކު ދެން ލޮލުގަ އަޅަން ފެށި ވޭނުން ކަރުނަ ކަމެއް ފެންކަމެއް ނޭނގި ކަފަގަނޑު ފޯވަމުން ދިޔަ ވަރަކަށް ވޭން އަޅަމުން ދިޔަ އެވެ.
ކުއްލިއަކަށް އޮފީސް ބޫޓުގެ އަޑާއި އަގު ބޮޑު ސެންޓުގެ ވަސް ނޭފަތުގަ ޖެހުނެވެ.
ގައުމުގެ ވެރިންގެ ކުރިމައްޗަށް އިސްވެ ބުނެވުނު ހާލުގައި ހިތްވަރުގަދަ އަޅު މީހާ ހާޒިރު ކުރެވުނީ އެވެ. ލަފުގައި ހިފަހިފާފައި ތަޅުންގަނޑައް ތިރިކޮށްފާ ނަގަ އެވެ. ކަންފަތް ކައިރީގައި ހަޅޭއްލަވަ އެވެ. ”ތީ ޓުއަރިޒަމް މިނިސްޓަރު ދޯ. އޭ ވެރިކަން ލިބިއްޖެނޫން“ ހޭ ގޮވާކަން އެނގެ އެވެ. އިރުކޮޅަކުން ކައިރިން އަޅާފައި އެ ބޫޓުތަކުގެ ވެރިން ދަމުން ކުޅު ޖެހިކަން އިހުސާސް ވެގެންދިޔަ އެވެ. ދެން ބުރަކަށީގެ ބަދައެއްގައި ޖެހިކަން އިހުސާސްވި އެވެ. ގަޔަށް ހީސްލެވުމާއެކު އެއްފައިގެ ވާގި ދިޔަހެން ހީވި އެވެ. އަޑު ހަރުކޮށް ހަޅޭއްލެވި އަނިޔާ ކުރަމުން ދިޔަ މީހާގެ އަޑުވެސް ބޫޓުގެ އަޑާ ސެންޓު ވަހާއެކު ކެނޑިއްޖެ އެވެ.
އިރުކޮޅަކުން މީހަކު ކައިރިވެ ނަގަން ހިފާލުމާއެކު ވަރަށް ބާރަށް ޑޮކަށް ގޮވާ އަޑު އެހީމެވެ.
ހޭވެރިކަންވީ އައިޖީއެމްއެޗުގައި އެނދާ އެއްކޮށް ބިޑިއަޅުވާފައި އޮށްވަ އެވެ. ލޯ ހުޅުވުމުން ފުރަތަމައިނުންވެސް ފެންނަން ފެށީ ކެމަފުލާޖު ޔުނިފޯމް ލައިގެން ތިބި ދެ ސިފައިންގެ މީހުންނެވެ. މެންދުރެއްހާއިރު ޑޮކްޓަރެއް އައިސް ދެއްކި ވާހަކައެއް ދެއްކުމަށް ފަހު ސިފައިންގެ މީހާ ބުނި އަޑު އިވުނެވެ. ”ގެންދަން އަންގައިފި“ އެވެ. ދެމީހުންގެ އެހީއާއެކު ޖިޕަށް އަރުވައިގެން ގެންދިޔައިރު އައިޖީއެމްއެޗު ދޮރު ކައިރީގައި އެއްބަނޑުއެއްބަފާ ދެ ދައްތަ ފެންކަޅިވެފައި ތިބި މަންޒަރު ވަރަށް ގާތުން ހަދާން ވެގެންދެ އެެވެ.
ދެން ގެންގޮސް ލީ ޝަހީދު އަލީ ބިލްޑިންގުގެ އަންޑަގުރައުންޑު ގޮޅިއަކަށެވެ. އެކަހަލަ ދެވަނަ ތަނެއް ހަޔާތުގަވެސް ނުދެކެމެވެ. ބިރުވެރިކަމަށް ލުޔެއް ލިބިގެން ދިޔައީ ދަންނަ އަޑެއް ކަންފަތުގައި ޖެހުމުންނެވެ. ނައުޝާދު ވަހީދުގެ އަޑެެވެ. ޖެހިގެން އޮތް ކޮށީގަ އެވެ. އެއީ މިނިކާވަގު ލާ ޒާތުގެ ކޮށިތަކެކެެވެ. ރެއެއް ދުވާލެއް އޮޅުމެއް ނުފިލާނެ އެވެ. ނައުޝާދު ވަރަށް ހިތްވަރު ދިނެވެ. ޒަމާންގަނޑަކަށް ތައްޔާރުވެލުމަށް ނަސޭހަތްތެރިވި އެވެ.
އެތަނުން ދެން ގެންދިޔައީ ގިރިފުއްޓަށެވެ. އަނެއްކާ ކަނުބަދެ ދެއަތާ ދެފައިގައި ބިޑި އެޅުނީ އެވެ. އެރަށު ތަޅުންގަނޑެއް މަތީ ތިން ދުވަހު އޮތީމެވެ. ކަނުބަނދެފައި އޮތް ދުވަހެއްގައި ކާން ދިނީ ކަނުމޮހާނުލައި ބިޑިއަޅުވައިފައި ބާއްވައިގެންނެވެ. ކާތަށީގެ ތެރެއަށް މިރުސްއަޅާފައި އަނގަޔަށްލާ ހަފާލެވުނީމައި ދެން ވެގެން ދާނެ ގޮތް އަދި ފެން ފޮދަކަށް އެދުމުން ތަޅުންގަނޑައް ފެންއެތި ބަންޑުންވާ އަޑު އިވުމުން ތަޅުންގަނޑުގައި އަނގަޖަހައިގެން ފެން ބުއި ހަނދާން ދުވަހަކުވެސް ހިތަކުން ނުފިލާނެ އެވެ. އަދި ކައިރިން ބާރަށް ހޭ އަޑު އިވިއިވި ހުއްޓެވެ.
އެތަނުގައި ދެތިން ހަތަރު ދުވަސް ކޮށްފައި އެރުވީ ކޮޅުވެއްޓި އަކަށެވެ. އޭރުވެސް ކަަނުމޮހާނުލަ އެވެ. އެއަށް އަރުވައިގެން ރާޅުގަނޑައް ނުކުތެވެ. އަތާ ފައިގަ ބިޑި އަޅުވައިފައި ކަނުބަނދެފައި ތިބި ބަޔަކު ރާޅުމަތީ ޖެއްސީމައި ދެންވެެގެން ދާނެ އަނިޔާ ހިތަށްވެސް ނުގެނެވޭނެ އެވެ. ހިނދުކޮޅެއް ތެރޭ ދަންނަ އަޑެއް އިވިއްޖެ އެވެ. އެއީ މާކުން ފަލާހެވެ. ދެން އިވުނީ ކުޅުދުއްފުށީ އަބުސީގެ އަޑެވެ. އަދި އެކަކު އޮތެވެ. ފަހުން އެނގުނީ އެއީ ޝިޔާމް ކިޔާ މީހެއްކަމެވެ. ފެން ހޮޅިއަކުން ފެން ޖަހަމުން ދިޔައިރު ”އެ ވާރެޔާ ތެމި ފޯވީ“ އެލަވަ ފަޅުވެރީން (ސިފައިން) ކިޔަމުން ދިޔަ އެވެ. އެކަމަކު އަޅުގަނޑު ގަޔަކަށް ފެނެއް ނުޖަހަ އެވެ. ފަހުން އެނގުނު ގޮތުގައި ޝިޔާމް ގަޔަށް ފެން ޖެހިކަމުގައި ވެއެވެ. އެދުވަސްވަރު ކޯސްޓުގާޑުގެ ވެރިއަކައް ހުރީ ޒަކަރިއްޔާ މަންސޫރެވެ.
ގެންގޮސް ބޭލީ ދޫނިދޫ އަށެވެ. ކޮޅުވެއްޓީގައި ތިބި މީހުން އަޑު ހަރުކޮށް ގޮވަމުން ދިޔައީ ތިމަންނާމެން ފަޅުން ނުކުތުމުގެ ކުރިން ކަނުމޮހާނުލައްޗޭ އެވެ. އެވަގުތު މާކުން ފަލާހު ބުނަމުން ދިޔައީ ތީގައި ތިބި މީހުން ތިމައްނާއަށް އެނގޭ ކަމަށެވެ. (ފަލާ އެހެން ގޮވީ ހިތްވަރު ބަލި ނޫންކަން ދެއްކުމުގެ ގޮތުން ކަމަށް ގަބޫލު ކުރެވުނެވެ.) ދެން ގުނަން ފެށުނީ ދޫނިދޫގެ ދުވަސްތަކެވެ. ކަނުމޮހާލެވުނީ ދޫނިދޫއިންނެވެ. އޭރު ފެންނަނީ ކުޑަ ފުސްކަމަކާއެކީ އެވެ. ދޫނިދޫގެ ދުވަސްތަކުގައި ފިޒިކަލް އަނިއާއެއް ނުކުރެ އެވެ. އެކަމަކު 8 ފޫޓު 12 ފޫޓުގެ ގޮޅިއެއްގައި 100 ދުވަހަށް ވުރެ ގިނަ ދުވަހު، ރޯދަ މަހަކާއިއެކު ދުއްވާލުން އެއީ ކުޑަ އަނިޔާއެއް ނޫނެވެ. ދުވާލަކު ދެގުޅަ ބާރުގަދަ ބުރޫފަން ކަމުންދިޔައީ ވޭނުން ސަލާމަތްވުމުގެ ބޭނުމުގަ އެވެ. ނިދަން އޮތީ ތަޅުންގަނޑުގަ އެވެ. މީދަލާ ފާޑުފާޑުގެ ސޫފި ގޮޅިއަށް ވަދެ ނުކުމެ އުޅުން އެއީ އާންމު ކަމެކެވެ. އަދި މަހެއްހާ ދުވަސް ވަންދެން ކޮންކުރީޓު މެށިނެއް 24 ގަޑިއިރު ގާ އަާޅާފައި ޖައްސާފައި ހުރުމުން ލިބެމުން ދިޔަ ނަފްސާނީ ގެއްލުން ފިސާރި ބޮޑުވި އެވެ. ދޫނިދޫ ގޮޅިތަކުގައި ތިބި ދުވަސްވަރު އީޔޫ ގައުމުތަކުގެ އެންބެސަޑަރުން ޖަލަށް ޒިޔާރަތްކޮށް ބައްދަލުވުން ވެގެން ދިޔައީ ޖަލުގެ ހަރުކަށި ސަގާފަތަށް ލުޔެއް ލިބިގެން ދިއުން ކަމުގަ އެވެ.
މުޅިން މިނިވަން ވެވުނީ ސުނާމީ ކާރިސާއާއި ގުޅިގެން ބޭރު ގައުމުގެ އެހީތެރިކަމުގެ ސަބަބުންނެވެ. މުޅިއަކު 100 ދުވަހަށް ވުރެ ގިނަ ދުވަސް ޖަލުގައި ގުނީ މެވެ.
ނޯޓު: މިދިޔަ ވިއްސަކަށް އަހަރު ތެރޭ ލިބުނު އަނިޔާ އަދި ކުރި އަނިޔާއަށް އެއްވެސް ހިތްބުރަކަމެއް ނެތެވެ.
ބޭނުން ވާ އަދި ހިތާމަކުރާ އެއް ކަމެއް އެބަ އޮތެވެ. 12 ވަނަ ދުވަހު މައިދާނުގައި ޒުހޭރާ ވިދާޅުވި ސިޓީ އަޅުގަނޑު އަތުން ގެއްލުމުންނެވެ. އެ ސިޓީ އަކީ 10 ވަނަ ދުވަހު ކޮޅުނބުގެ ހޮލިޑޭއިން ހޮޓަލުގައި 101 ވަނަ ކޮޓަރި ތެރޭ ހުރި ވަށް މޭޒެއްގެ ކައިރީ ރައީސް ނަޝީދު އަަޅުގަނޑުގެ ކުރިމަތީ އިނދެ ލިޔުއްވި ސިޓީ އެކެވެ. އެއީ އަޅުގަނޑަށް ދެއްވި ސިޓީ އެކެވެ. އަދި ކޮޓަރި ތެރޭ އެ ސިޓީ އަޅުގަނޑު ކީމެވެ. އެއަށްފަހު ސިިޓީ އުރައަކަށްލައިފައި އަޅުގަނޑަށް ހަަވާލުު ކުރެވުނެވެ. އެހިސާބުން އެ ސިޓީ އެއީ އަޅުގަނޑުގެ ހައްގެކެވެ. އަނެއް ދުވަހު އަޅުގަނޑު އައީ މާލެ އަށެެވެ. 12 ވަނަ ދުވަހުގެ ހަލަބޮލިކަންމަތީ އެ ސިޓީ ކިޔަން އަޅުގަނޑު ދިނީ ޒުހޭރާ އަތަށެެވެ. އެއީ އެ ވަގުތުގެ މާހައުލެވެ. ދެން 13 ވަނަ ދުވަހު ދާން ޖެހުނީ ޖަލަށެވެ. އެ ހިސާބުން ސިޓީ ގެއްލުނީ އެވެ. މިއަދަށް 20 އަހަރު ފުރުނީ އެވެ. ކަމުގެ ބާވަތުން އެއްޗެއް ނުބުނެ ހުރީ، އެކަމަކު މިއަދު ވިހިވަނަ އަހަރު ފުރުނު ދުވަހު މިވާހަކަ އާންމުކޮށްލީމެެވެ. މި ސިޓީގެ ހަބަރެއް އެއްވެސް ބޭފުޅަކަށް އެނގިލައްވާނަމަ އަޅުގަނޑާ ހަވާލު ކޮށްދެއްވުން އެދެމެވެ.
މިދިޔަ 20 އަހަރު ތެރޭ ގާތް ބޭފުޅުންނަށް އާރާބާރު ލިބި ވެރިކަންވެސް ކުރެއްވި އެވެ. ސަރުކާރުގެ ސޮއެ ކުރާ މަހު މުސާރައިގެ މަގާމެއް ނުފުރަމެވެ. އަދި ދުވަހަކުވެސް ރައީސް އޮފީސް އެތެރެ ލޮލަކުން ނުދެކެމެވެ. މުލިއާގެއަށް އެއްރެއެއްގެ ގަޑިއެއްހާއިރަށް ވަދެވުނެވެ. މިދިޔަ ވެރިކަންތަކުގައި އާރަށަކަށް ނުދަމެވެ. ސިޔާސީ ގޮތުން ބޭނުން ހަމައެކަނި އެއްޗަކީ މި ސިޓީއެވެ. އެއީ އަޅުގަނޑުގެ މިލްކެކެވެ. 12\13 ގަޑުބަޑު ތެރޭ ގެއްލި ދިޔައީ ކަމުގައިވެސް ވެދާނެ އެވެ. ކޮންމެސް ބޭފުޅެއްގެ އަތުގައި އޮތުންވެސް ގާތެވެ. ކޮންމެސް ދުވަހަކުން އެ ތާރީހީ ސިޓީ ލިބޭނެކަމުގެ އުންމީދު ކުރަމެވެ.