ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވެ ވަޑައިގެންވިތާ 9 މަސް ފުރިގެން ދިޔަ އިރު މި ވެރިކަމަކީ ތަފާތު ވެރިކަމެއްގެ ގޮތުގައި އެތަށް ބަޔަކު އަންނަނީ ސިފަ ކުރަމުންނެވެ. މި 9 މަސް ތެރޭގައި އިގްތިސޯދީ ބޮޑެތި ބަދަލުތަކެއް ރާއްޖޭން ފެނިގެން ގޮސްފި އެވެ. އިގްތިސޯދީ ގޮތުން ރާއްޖެ ވެއްޓިފައި އޮތް އަނދަވަޅުން ނަގާ ކޮޅަށް ޖެހުމަށް ރެޔާ ދުވާލު ރައީސް މުއިއްޒުގެ ސަރުކާރުން ކުރި މަސައްކަތުގެ ނަތީޖާ މިއަދު ވަރަށްވެސް ފޮންޏެވެ.
ރާއްޖޭގެ އިގްތިސޯދު ކުރިއެރުވުމަށް މި ސަރުކާރުން ކުރި މަސައްކަތްތަކަށް ބަލާއިރު މިއީ އެންމެ 9 މަހުގެ ތެރޭގައި ކޮށްފައިވާ މަސައްކަތްތަކެއްކަން ގަބޫލު ކުރަން ބައެއް މީހުންނަށް އުނދަގޫވެސް ވާނެ އެވެ. ފާއިތުވި އެއްވެސް ސަރުކާރަކުން މިހާ ކުރު މުއްދަތެއްގެ ތެރޭގައި މިހާ ގިނަ ބޮޑެތި ބަދަލުތަކެއް އަދި މަޝްރޫތަކެއް ރާއްޖޭގައި ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ.
ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމެންޓް ބޭންކް ޤާއިމްކުރުން
ފާއިތުވި 9 މަހަށް ބަލާއިރު، ރާއްޖޭގެ މާލީ ހާލަތު ވަރުގަދަ ކުރުމަށް ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ ޑިވެލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ ނަމުގައި ބޭންކެއް ހުޅުވަން ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވެފަ އެވެ. މި ކުންފުންޏަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ދެމެހެއްޓެނިވި އިގްތިސޯދީ އަދި އިޖުތިމާއީ ތަރައްގީއަށް އިންވެސްޓުކުރުމާއި، އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމުގެ ބޭނުމުގައި އުފެއްދި ކުންފުންޏެކެވެ. އަދި ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީއެސްއައިޕީ މަޝްރޫއުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމާއި، ދިވެހިރާއްޖޭގެ ބޭންކިން ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުގުވެރިކަން އިތުރު ކުރުމަކީވެސް ސަރުކާރުން މި ކުންފުނި އުފެއްދުމުގެ މުހިންމު ބޭނުމެކެވެ. އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވި ފަދައިން ޑިވެލޮޕްމެންޓް ބޭންކާއެކު ރާއްޖޭގެ ތާރީހު ބަދަލުކޮށްލާނެކަން ޔަގީނެވެ.
ޑިވެލޮޕްމެންޓް ބޭންކުގެ ވާހަކަ ދައްކާއިރު މި ބޭންކާ ގުޅިފައިވާ އިތުރު ބޮޑު މަޝްރޫއެއްގެ ވާހަކަވެސް ދައްކަން އެބަ ޖެހެ އެވެ. އެއީ ޑިވެލޮޕްމެންޓް ބޭންކް ވުޖޫދުވުމުގެ ކުރިން ރައީސް މުއިއްޒު އުފެއްދެވި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ އެވެ. މި އޮތޯރިޓީއަކީ ޑިވެލޮޕްމެންޓް ބޭންކަކާއި އޮފްޝޯ ބޭންކިންގެ ހިދުމަތް ހިމެނޭހެން ރާއްޖޭގައި މާލީ ސިނާއަތެއް ތަރައްގީ ކުރުމަށް އުފެއްދި އޮތޯރިޓީ އެކެވެ. އެގޮތުން ދިވެހިރާއްޖޭގައި އޯފް-ޝޯ/އޮން-ޝޯ ޑިވެލޮޕްމަންޓް ބޭންކުތަކާއި އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުތައް ގާއިމުކުރުމާގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ދިވެހިރާއްޖޭގެ މާލީ ބާޒާރު ތަރައްގީކޮށް ވާދަވެރި ނިޒާމެއް ގާއިމުކުރުމަށް ހުރި ގާނޫނީ އަދި އިދާރީ ހުރަސްތަކަށް ޒަމާނީ ހައްލުތައް ހޯދުމަށް ކުރަންޖެހޭ ދިރާސާތައް އެ އޮތޯރިޓީން ކުރާނެ އެވެ.

އުތުރުގައި ބަންކަރިންގ ހިދުމަތް ފެށުމަށް ތައްޔާރުވުން
ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ރާއްޖޭގައި ބަންކަރިންގެ ހިދުމަތް ފެށުމަކީ ރައީސް މުއިއްޒުގެ ވަރަށް ބޮޑު އަމާޒެކެވެ. މި މަޝްރޫއުވެސް ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސް މިހާރު ވަނީ ނިމުމަކާ ގާތްވެފަ އެވެ. މިމަހުގެ 20 ވަނަ ދުވަހު މި ހިދުމަތް ފެށުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފަ އެވެ. މި މަޝްރޫއަކީ ރާއްޖެއަށް ވަރަށް މުހިންމު މަޝްރޫއެކެވެ. މިއީ ރާއްޖޭގެ ޖީޑީޕީއަށް އަހަރެއްގެ ތެރޭގައި 400 މިލިއަން ޑޮލަރު އިތުރު ވާނެ މަޝްރޫ އެކެވެ.
މި މަޝްރޫއަކީ ދުނިޔޭގެ ބަންކަރިންގެ މެޕުން ރާއްޖެ ފެނި ރާއްޖެ އިތުރަށް އިޝްތިހާރުވެސް ވާނެ ކަމެކެވެ. ބަންކަރިންގެ ހިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގަ އެވެ. މީގެ ސަބަބުން ރާއްޖޭގެ އުތުރަށް ވަޒީފާ އެތަށް ފުރުސަތެއް ފަހި ވެގެން ދާނެ އެވެ. އަދި ވިޔަފާރީގެ ފުރުސަތުތައް އިތުރަށް ފުޅާވެގެން ދާނެ އެވެ.

ގިނަ ޤައުމުތަކަކާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކެއް
ރާއްޖޭގެ އުފެއްދުންތެރިންނަށްވެސް ރައީސް މުއިއްޒުގެ 9 މަސް ވެގެން ގޮސްފައިވަނީ އުންމީދީ 9 މަހަށެވެ. ސަބަބަކީ ރާއްޖެއިން އެކި ގައުމުތަކާއެކު ފްރީ ޓްރޭޑް އެގްރީމެންޓް ހެދުމުގެ މަޝްވަރާތައް ކުރަމުން ގެންދިޔުމެވެ. އެގޮތުން މިދިޔަ ހަފްތާގައި ރާއްޖެއިން ވަނީ އިންޑިއާއާ އެކު ފްރީ ޓްރޭޑް އެގްރީމެންޓެއް ހެދުމަށް ހުށަހަޅާފަ އެވެ. އޭގެއިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ސޮއިކޮށް، އަމަލުކުރަން ފަށާފަނުވާ ޗައިނާއާ އެކު ޤާއިމްކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަންވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައްވެސް ސަރުކާރުން އަންނަނީ ވަމުންނެވެ. އަދި އިންޑިއާ އާއި ޗައިނާއާ އެކު ކުރެވޭ މާލީ މުއާމަލާތްތަކުގައި ދެ ޤައުމުގެ އަމިއްލަ ފައިސާ ބޭނުންކުރުމަށްވެސް ސަރުކާރުތަކުގެ އެންމެ މަތީ ފަންތީގައި އަންނަނީ މަޝްވަރާތައް ކުރަމުންނެވެ.
މީގެ އިތުރުން މިދިޔަ ސަރުކާރުން މަސައްކަތްތަކެއްކޮށް، ކޮޅެއްގައި ޖެހިފައި ނުވާ، އިނގިރޭސި ވިލާތާއެކު ފްރީ ޓްރޭޑް އެގްރީމެންޓް ހެދުމުގެ މަސައްކަތްވެސް މި ސަރުކާރުން ކުރާނެކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފަ އެވެ. މީގެ ސަބަބުން ރާއްޖޭގެ އުފެއްދުންތައް މި ފަދަ އެގްރީމެންޓްތައް ހަދާ ގައުމުތަކަށް އެކްސްޕޯޓު ކުރުމުގައި ޑިއުޓީ ނެގުން ހުއްޓޭނެ އެވެ. އަދި މި އުފެއްދުންތައް ރަނގަޅު އަގެއްގައި ވިއްކާ ރަނގަޅު ފައިދާއެއް ހޯދުމުގެ ފުރުސަތު ލިބިގެން ދާނެ އެވެ.

އެސްއީޒެޑްގެ ދަށުން ފަށާ ފުރަތަމަ މަޝްރޫއު ފެށުމާއި ގާތަށް
ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ރާއްޖެއިން ތެލަށް ކުރާ ހަރަދުވެސް ކުޑަ ކުރަން ޖެހެ އެވެ. އެގޮތުން 2028 ވަނަ އަހަރުގެ ކުރިން ރާއްޖޭގައި އުފައްދާ ހަކަތައިގެ 33 އިންސައްތައަކީ އިއާދަ ކުރަނިވި ހަކަތައަށް ހެދުމަކީ ރައީސް މުއިއްޒުގެ ވަރަށް މުހިންމު ތަސައްވަރެކެވެ.
މީގެ ސަބަބުން ރާއްޖެއިން ތެލަށް ކުރާ ހަރަދު އެތަށް ތަނަކުން ކުޑަވެ ރާއްޖޭގެ މާލީ ހާލަތު ބޮޑުތަނުން ރަނގަޅުވާނެ އެވެ. އިއާދަ ކުރަނިވި ހަކަތަ އުފެއްދުމަށްޓަކައި މިސަރުކާރުން މިހާރުވެސް އަންނަނީ އެތަށް މަޝްރޫއެއް ކުރިއަށް ގެންދަމުންނެވެ. މީގެ ތެރެއިން ރާއްޖޭގައި 100 މިލިއަން ޑޮލަރުގެ ސޯލާ މަޝްރޫއެއް ހިންގުމަށް ސްޕެޝިއަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް ހުއްދަ ދީފައިވަނީ މި އަހަރުގެ އޭޕްރީލް މަހު އެވެ.
އޭގެ ފަހުން އެސްއީޒެޑްގެ އިތުރު ދެ މަޝްރޫއެއް ހިންގުމަށް މޭ މަހުވެސް ވަނީ ހުއްދަ ދީފަ އެވެ. އެއީ ކ. ފުނަދޫގައި ހުރި ތެޔޮ ޓޭންކްތައް ކ. މާގިރިފަޅަށް ބަދަލުކޮށް ފުނަދޫގައި ސްޕެޝަލް އިކޮނޮމިކް އެންޑް ފައިނޭންޝަލް ސާވިސް ޒޯނެއް ތަރައްގީ ކުރުމާއި އިހަވަންދިއްޕޮޅުގައި މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ތަރައްގީ ކުރުމުގެ މަސައްކަތެވެ.
މިއީ އަދި ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 9 މަސް ތެރޭގައި އިގްތިސޯދީ ގޮތުން ކުރިއަށް ގެންގޮސްފައިވާ ބޮޑެތި މަޝްރޫތަކެވެ. މީގެ އިތުރުންވެސް ރައްޔިތުންނަށް ފައިދާ ހުރި އެތަށް ކަމެއް މި ސަރުކާރުން ވަނީ ކޮށްދީފަ އެވެ. އެގޮތުން ފަގީރުންނަށް ސަރުކާރުގެ އެހީގައި ހައްޖަށް ދެވޭނެ މަގު ފަހިކޮށްދިނުމާއި، މެޑިކަލް ޗެކަޕާއި ދަރިމައިވުމުގެ މައްސަލަތަކުގެ ފަރުވާ އާސަންދަ މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި، ތެލެސީމިއާ ފަރުވާ އިތުރަށް ފުޅާކޮށް ހިލޭ ބޯންމެރޯ ހެދުމުގެ މަގު ފަހި ކުރުމާއި، ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ސްޓޫޑެންޓް ލޯން ދިނުމާއި ކުށްތަކަށް އަރައިގަންނަ ޒުވާނުން އިސްލާހު ކުރުމުގެ މަސައްކަތް ފެށުން ހިމެނެ އެވެ.
އިޤްތިސާދު ސިންދިފާތުކޮށް، އިޤްތިސާދީގޮތުން ސަރުކާރުން އަޅަން ފަށާފައިވާ އައު ބިންގާތަކުގެ ފޮނި މީރުކަން ކުރިއަށް އޮތް ދުވަސްތަކުގައި ދިވެހިންނަށް ލިބޭނިކަމީ މިހާރު ޝައްކެއް އޮތް ކަމެއް ނޫނެވެ.
ރާއްޖެ - އިނގެރޭސިވިލާތް ރާއްޖެ - އިންޑިއާ ރާއްޖެ - ޗައިނާ ރާއްޖޭގެ އިގްތިސާދީ ހާލަތު