ޓިކްޓޮކްއަކީ ދިވެހިންގެ މެދުގައި ވަރަށް މަގުބޫލު ސޯޝަލް މީޑިއާ އެޕްލިކޭޝަނެކެވެ. ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް އެ އެޕްލިކޭޝަން ބޭނުންކުރާއިރު، ލައިވްތަކުން ފަންޑްރައިޒިންކޮށް، އެ ލައިވްތަކުގައި ގޭމް ކުޅެގެން އާމްދަނީ ހޯދާ މީހުންވެސް ދިވެހިންގެ ތެރޭގައި ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. ހަމައެއާ އެއްވަރަށް ޓިކްޓޮކާއެކު މި ކުޑަކުޑަ މުޖުތަމައުގެ ތެރޭގައި ފެތުރުވެމުން އަންނަ ނުބައި އާދަތަކާއި މާރާމާރިތައްވެސް އަންނަނީ މިދިޔަ ދުވަސްކޮޅުގެ ތެރޭގައި އިތުރުވަމުންނެވެ.
ވަކިން ހާއްސަކޮށް ޓިކްޓޮކް ލައިވްތަކުގައި ހުތުރުކަން ބޮޑެތި ވާހަކަތައް ދެއްކުމާއި، ބޮޑެތި ޒުވާބުތައް ކުރުން ވަނީ އާންމު ކަމަކަށްވެފަ އެވެ. އަދި ކިޔެއްތަ، އަކަކު އަނެކެއްގެ ޒާތީ މައުލޫމާތުތައް އާންމުކޮށް، ފަލީހަތްކޮށްހެދުންވެސް ހައްދުން ނެޓިފައިވާއިރު، ތިމާ ނުރުހޭ މީހެެއް ނަމަ، އެ މީހަކާ ގުޅުވައި އެތަކެއް ނުބައި ވާހަކަތައް ޓިކްޓޮކްގައި އާންމުކުރާ މީހުންވެސް މަދެއް ނޫނެވެ. މި ހުރިހާ ކަމެއްވެސް ޓިކްޓޮކްގައި ކޮށް އުޅެނީ، އާންމުކޮށް، ޓިކްޓޮކް ލައިވްތަކުގައި އުޅޭ މީހުންނެވެ.
ފުރަތަމަ ޓިކްޓޮކް ލައިވްތަކުން ފެށިގެން އަންނަ ޒުވާބުގެ ހުޅުގަނޑު ބޮޑުވެ، މިހާރު އަންނަނީ އެހެން މީހުންގެ ގެދޮރަށްވަދެ މާރާމާރީތައްވެސް ހިންގަން ފަށާފަ އެވެ. އަދި މަގުމަތިން ދިމާކޮށް، ގަޔަށް އަތްލާ، ފޭރި، ފޯނުގައި ހުންނަ މައުލޫމާތުތައް ބިރުދައްކައިގެން ހޯދާ، އެ މައުލޫމާތުތައް ބޭނުންކޮށްގެން އަނެއް މީހާ ބްލެކްމެއިލްކޮށް، އެނެކާގެ ޒާތީ މައުލޫމާތުތައް އާންމުކުރުންވެސް ވަނީ ހައްދުން ނައްޓާފަ އެވެ.
ކުރުގޮތަކަށް ބުނާނަމަ، ރާއްޖޭގައި މިހާރު ޓިކްޓޮކް ލައިވްގެ ކަންތައް ވަނީ ”ހައްދުން ނައްޓާފަ“ އެވެ.
އިއްޔެ ވަނީ ޓިކްޓޮކް ލައިވްއެއްގެ ތެރޭގައި ގޫޕް ހަދައިގެން، އަންހެނުންތަކެއް ޒުވާބުކޮށް ހަދާފަ އެވެ. އަދި ހޫނުވި ޒުވާބުގަނޑުގެ ތެރޭގައި ގަޔަށް އަތްލައި، ވަކި ސަރަހައްދަކަށް އަންހެނަކު ގެންގޮސް ބިރު ދައްކާވެސް ހަދާފައިވެ އެވެ. އަދި އެ ޒުވާބުގެ ތެރެއިން، އެ އަންހެން މީހާގެ ގައިގައި ޖަހާ މާރާމާރި ހިންގާފައިވާކަންވެސް ހާމަކޮށްފައިވެ އެވެ. އަދި އަންހެން މީހާގެ ފޯނުގައި ހުރި ބައެއް މައުލޫމާތު ހޯދާ އެ ވާހަކަތައްވެސް ލައިވްގެ ތެރޭގައި ގޮވަމުންދިޔައިރު، އެ ލައިވް ބަލަންވެސް އެތަށް ސަތޭކަ ބަޔަކު އެވަގުތުވެސް ތިއްބެވެ.
ލައިވް ތެރޭގައި ކުރި ޒުވާބަކާއި ގުޅިގެން ގަޔަށް އަތްލާ، މާރާމާރި ހިންގި މައްސަލަ ފުލުހަށް ހުށަނާޅަނީ ކީއްވެތޯ ސުވާލުކުރުމުން، ޖަވާބުގައި އެ އަންހެން މީހާ ބުނީ ފުލުހަށް މައްސަލަ ހުށަހަޅައިފިނަމަ އޭނާއާ ދިމާކުރުން އިތުރުވާނެކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި ފުލުހަށް މައްސަލަ ހުށަހެޅި ނަމަވެސް ވާނެ ހަމަ އެއްގޮތެއްވެސް ނޯންނާނެ ކަމަށް ދޭހަވާ މޭރުމަކުން އެ އަންހެން މީހާ ޖަވާބުދެ އެވެ. މި ހުރިހާ ވާހަކަތައް ދައްކަމުން ދިޔައީ ޓިކްޓޮކް ލައިވްއެއްގެ ތެރޭގައެވެ.
މިއީ މިފަހުން ޓިކްޓޮކް ލައިވްތަކުގައި ހިނގާ ”ވިޔާނުދާ“ ކަންކަމުގެ ތެރެއިން އަދި ކުޑަ މިންވަރެކެވެ.
މި މަހުގެ 21 ވަނަ ދުވަހު ޓިކްޓޮކްގައި ކުރިއަށްދިޔަ ލައިވްއަކާ ގުޅިގެން މާލޭގެ ގެއަކަށް ވަދެ ބަޔަކު ހަމަނުޖެހުންވެސް ވަނީ ހިންގާފަ އެވެ. އެ ދުވަހު މާފަންނު ގެއަކަށް ވަދެ ބަޔަކު ހަމަނުޖެހުން ހިންގީވެސް ޓިކްޓޮކް ލައިވް އެއްގައި ކުރި ޒުވާބަކާ ގުޅިގެންނެވެ. ފުލުހުން ބުނި ގޮތުގައި އެ ދުވަހުގެ މައްސަލައާ ގުޅިގެން ދެ މީހަކުވެސް ހައްޔަރުކުރި އެވެ.
ޓިކްޓޮކްގައި ހިންގާ ކުށްތައް މޮނީޓާކޮށް ފިޔަވަޅު އެޅުމަށް ކުރާ މަސައްކަތްތަކާއި ގުޅޭގޮތުން ”ޖަވިޔަނި“ އިން ސުވާލުކުރުމުން ކޮމިޝަނަރ އޮފް ޕޮލިސް އަލީ ސުޖާއު ވިދާޅުވީ 24 ގަޑިއިރު ޓިކްޓޮކް މޮނިޓާކޮށް، ކުށްތައް ދަނެގަތުމުގެ ވަސީލަތްތައް ފުލުހުންގެ ހިދުމަތުގައި ގާއިމްވެފައި ނުހުންނަ ކަމަށެވެ. ނަމަވެސް ވަކިވަކި މައްސަލައެއް ފުލުހުންނަށް ހުށަހެޅިއްޖެނަމަ، އެ މައްސަލައެއް ތަހުޤީޤްކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެ އިދާރާއިން އަޅަމުންގެންދާ ކަމަށް ސީޕީ ސުޖާއު ވިދާޅުވި އެވެ.
ކޮމިޝަނަރު ވިދާޅުވީ މުޖުތަމައުގެ ތެރޭގައި ވަކި ހާއްސަ ކަމަކާއި މެދު ކަންބޮޑުވުންތައް ހުރިކަން ފުލުހުންގެ އިދާރާއަށް ފާހަގަވެއްޖެނަމަ، ފުލުހުންގެ އަމިއްލަ އިސްނެގުމަށްވެސް މައްސަލަތައް ބަލާ ތަހުޤީޤްކޮށްފައި ހުންނާނެ ކަމަށެވެ.
ޓިކްޓޮކް ލައިވްތަކުގެ މައްސަލަތައް ހައްދުން ނެއްޓި، އިޖުތިމާއީ ފޭރާން އިތުރަށް ވީދެ ހަލާކުވެގެންދާއިރު، މިއީ މިކަން ހުއްޓުވައި ދައުލަތުން ފިޔަވަޅުތައް އަޅަންވީ ވަގުތުކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. ޓިކްޓޮކުން އާމްދަނީ ލިބޭނެ ސީދާ ގޮތްތައް ހެދުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނައިރު، މިފަދަ ކުށްތައް ހުއްޓުވައި ދިވެހިންގެ އިޖުތިމާއީ ފޭރާން ހެޔޮވަރުކުރުމަށް މިވަގުތު ފިޔަވަޅުތައް ނާޅައިފިނަމަ، ކުރިއަށް މިފަދަ ކަންކަން ހައްދުން ނެއްޓިގެން ދިއުމަކީ ގާތުގައިވާ ކަމެކެވެ. އަދި މިފަދަ ކުށްތަކަށް ރުހިންގެން ތިބެއްޖެނަމަ ކުރިއަށް އޮތް ޖީލުތަކުގެ އަހުލާޤީ މިންގަނޑު އެއްކޮށް ނެތިދިނުމުގެ ބިރުވެސް އޮތީ ކުޑަކޮށެއް ނޫނެވެ.



