އިސްލާމްދީނަކީ އަންހެނުންނާއި ފިރިހެނުންނަށް ޢިލްމު އުނގަންނައިދިން ދީނެއް ކަމަށް އިސްލާމީ ކަންތައްތަކާބެހޭ މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މިފަދައިން ވިދާޅުވީ ޕާކިސްތާނުގެ ވެރިރަށް އިސްލާމާބާދުގައި މުސްލިމް ވޯލްޑް ލީގް (ރާބިޠަތުލް ޢާލަމިލްއިސްލާމީ) އިން އިންތިޒާމުކޮށްގެން ބޭއްވި ބައިނަލްއަޤުވާމީ ކޮންފަރެންސެއްގައެވެ.
އިސްލާމްއާބާދުގައި ކުރިއަށްދާ މިކޮންފަރެންސްގައި ތަޤުރީރު ކުރައްވަމުން ވަޒީރު ވިދާޅުވީ، އިސްލާމްދީނަކީ އިލްމުގެ ދީންކަމާއި އިންސާނީ ޙަޔާތުގެ އަސާސަކީ އިލްމުކަމެވެ. އިސްލާމް ދީނުގައި ޢިލްމު އުނގަނައިދިނީ ހަމަ އެކަނި ފިރިހެނުންނަށް ނޫންކަމާއި އަންހެނުންނަކީ ވެސް ޢިލްމުވެރި ބަޔަކަށް ހެދީ އިސްލާމްދީން ކަމެވެ.
މިނިސްޓަރ އިތުރަށް ފާހަގަކުރެއްވި ގޮތުގައި ކީރިތި ރަސޫލާގެ އަނބިކަނބަލުން ޢާއިޝަތުގެފާނަކީ ޢިލްމުވެރިކަމުގެ ނަމޫނާއެކެވެ. އަދި ރަސޫލާގެ ޙަޔާތްޕުޅުގައި އަންހެނުންނަށް އިލްމު ދެއްވުމަށް ވަކި ވަގުތެއް ޚާއްޞަ ކުރެއްވިކަން ސާބިތުވާކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން، ޑރ. ޝަހީމް ވަނީ އިލްމު ފެތުރުމަށް ރާބިތާއިންނާއި ސައުދީ އަރަބިއްޔާގެ ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ޕާކިސްތާނާއި އިސްލާމީ އެންމެހައި ޤައުމުތަކުން އިލްމު ފެތުރުމަށް ކުރައްވާ މަސައްކަތްތައްވެސް ފާހަގަކުރެއްވިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދަކީ މުސްލިމު ވޯލްޑްލީގްގެ ސްޕްރީމް ކައުންސިލްގެ މެންބަރެކެވެ. މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތީ ރާބިޠާގެ ދަޢުވަތަކަށެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް