އިއްޔެ ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގް ވޯޓުގައި ބައިވެރިނުވެ ޖަލްސާ ދޫކޮށް ނުކުމެވަޑައިގަތުމާ ގުޅިގެން ޕީއެންސީ ހިތަދޫ މެދު ދާއިރާގެ ސްޓިއަރިންގ ކޮމިޓީން ނޫސްބަޔާނެއް ނެރެ، މިފަދަ ޢަމަލެއް ކޮށްގެން ނުވާނެ ކަމަށް ބުނެފި އެވެ.
ނޫސްބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ހިތަދޫ މެދު ދާއިރާގެ މެންބަރުކަމަށް އަޒާން ހޮވިފައިވަނީ ޕީއެންސީގެ ސަރުކާރުގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވައިގެންނެވެ. އަދި މި ކާމިޔާބީ ހޯއްދެވީ އެ ޕާޓީއަށް ނިސްބަތްވާ މެންބަރުންނާއި، ޕާޓީގެ ލީޑަރޝިޕާއި، އާންމު މެންބަރުންނާއި އަދި ގިނަ ރައްޔިތުންގެ ބުރަ މަސައްކަތުން ކަމަށް ކޮމިޓީން ވަނީ ހަނދާންކޮށްދީފަ އެވެ.
ކޮމިޓީން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، އިއްޔެ އަޒާން ނިންމެވި ނިންމެވުމަކީ ޕީއެންސީގެ އެއްވެސް ފަރާތަކާ މަޝްވަރާކުރައްވައިގެން ނިންމެވި ނިންމެވުމެއް ނޫނެވެ. އަދި މިކަމާ ގުޅޭގޮތުން އެއްވެސް މަޝްވަރާއެއް ކުރައްވާފައި ނުވާކަންވެސް ވަނީ ފާހަގަކުރައްވާފަ އެވެ.
ޕާޓީގެ ވިޕްލައިނާ އެއްގޮތަށް މަޖިލިސް މެންބަރުން ވޯޓުދޭންޖެހޭ ގޮތަށް ގެނެވުނު ބަދަލުތަކަކީ ”މެންބަރު އަޒާންގެ ވެސް ވޯޓާއެކު ފާސްކުރެވުނު ބަދަލުތަކެއް“ ކަމަށް ކޮމިޓީން ވަނީ ފާހަގަކޮށްފަ އެވެ. ނަމަވެސް އަޒާން ވަނީ މި ވިޕްލައިނާ ޚިލާފަށް ޢަމަލުކުރައްވާފައިކަން ކޮމިޓީން ވަނީ ފާހަގަކުރައްވާފަ އެވެ.
އިއްޔެ ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އިން 5 އަށް މަދުކުރުމަށް ފަނޑިޔާރުންގެ ޤާނޫނަށް ބަދަލު ގެނެސްފަ އެވެ. އެ ޤާނޫނަށް ހުށަހެޅުނު އިސްލާހް ބަލައިގަންނަން ނެގުނު ވޯޓުގައިވެސް އަޒާން ބައިވެރިވެވަޑައިގެންފައިނުވާއިރު، އިއްޔެ އެ އިސްލާހް ފާސްކުރުމަށް ނެގުނު ވޯޓުގައިވެސް ބައިވެރިވެވަޑައިނުގެން، ތަޅުމުގައި ވޯޓުގެެ ރަނގަބީލް ޖެހުމާއެކު އަޒާން ވަނީ ތަޅުން ދޫކޮށް ނިކުމެފަ އެވެ.
އޭނާގެ ނިންމުން ދިފާއުކޮށް، އަޒާން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ތަޅުން ދޫކޮށް ނިކުތީ ޤާނޫނަށް ހުށަހެޅިފައިވާ އިސްލާހަކީ ޤާނޫނު އަސާސީއާ ހިލާދު އިސްލާހެއްކަމަށް ދެކޭތީ ކަމަށެވެ. އަދި އެގޮތަށް ނިންމުމުގެ ކުރިން ދާއިރާގެ ބައެއް ރައްޔިތުންނާ، ޤާނޫނީ ދާއިރާގެ ބޭފުޅުންނާއި މަޝްވަރާކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.