ހޯމް މިނިސްޓަރު އަލީ އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ އިއްޔެ، އެމްޑީޕީއަށް ނިސްބަތްވާ 12 މެމްބަރުންގެ ސޮޔާއެކުގައެވެ.
އެމްޑީޕީން ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި، ޕީ.އެން.ސީއަށް މެންބަރުން އިތުރުކުރުމަށް ޞައްޙަނޫން ފޯމުތަކެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުގައި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީ.އެން.އާރު)ގެ ޑޭޓާ ބޭނުންކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައިވެއެވެ. އަދި މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ޑީ.އެން.އާރުގެ ވަސީލަތްތަކާއި މުވައްޒަފުން ބޭނުންކޮށްގެން، މިނިސްޓަރުގެ ބެލުމުގެ ދަށުން ކަމަށްވެސް ބުނެފައިވެއެވެ.
އޭގެ އިތުރުން، ފުލުހުންގެ މަސްއޫލުވެރި ވަޒީރުގެ ހައިސިއްޔަތުން، ފުލުހުންގެ ތަޙްޤީޤުތަކަށް މިނިސްޓަރު ސިޔާސީ ނުފޫޒު ފޯރުވާ ކަމަށާއި، ސަރުކާރުން ހިންގާ ޖިނާއީ ކުށުގެ ޢަމަލުތައް ތަޙްޤީޤުކުރަން ހުރަސްއަޅާ ކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ.
އެމްޑީޕީން ބުނެފައިވާ ގޮތުގައި، މިނިސްޓަރު އިހުސާން އެ މަޤާމުގައި ދެމިހުރެއްޖެނަމަ، އޭނާގެ މައްޗަށް ހިންގޭ ޖިނާއީ ތަޙްޤީޤަށް ހުރަސްއެޅުމުގެ އިޙްތިމާލު އޮތުމާއެކު، އޭނާ އެ މަޤާމުގައި އިތުރަށް ހުރުމަކީ ދިވެހި ރައްޔިތުންގެ ޙައްޤުތަކަށާއި ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ނޭދެވޭ އަސަރުކޮށްފާނެ ކަމެކެވެ.
ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށް 10 މެމްބަރުންގެ ސޮއި ބޭނުންވާއިރު، 20ވަނަ މަޖިލީހުގައި އެމްޑީޕީ ތަމްސީލުކުރަނީ 12 މެމްބަރުންނެވެ. އިތުބާރު ނެތްކަމަށް ފާސްވާނީ އެކަމަށް މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ވޯޓު ދިނުމުންނެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން ރައްޔިތުންގެ މަޖިލިސް އެމްޑީޕީ
