ކޮރަޕްޝަނަށް މި ސަރުކާރުން އެއްވެސް ޖާގައެއް ނުދެއްވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވައި، ކޮރަޕްޝަން ހުއްޓުވުމަށް މި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ.
ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި މިއަދު ފޮނުއްވި މެސެޖުގައި ރައީސް ވަނީ ކޮރަޕްޝަނާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވައިލައްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރެއްވި ގޮތުގައި، ނިޒާމީ ކޮރަޕްޝަނުގެ ސަބަބުން ޤާނޫނުގެ ވެރިކަން ފުނޑުފުނޑުވެ، ދެމެހެއްޓެނިވި ތަރައްޤީއަށް ހުރަސްއަޅައި، ޑިމޮކްރެޓިކް ނިޒާމު ބަލިކަށިވެ، ރައްޔިތުންގެ އަސާސީ ޙައްޤުތައް ނިގުޅައިގަނެވޭނެ އެވެ. އެހެންކަމުން، ކޮރަޕްޝަނާއި ފަސާދައިގެ ނުރައްކަލާ ދެކޮޅަށް ރާއްޖެއިން ވަރުގަދަ މަސައްކަތްތަކެއް ކުރަމުން ގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
މިގޮތުން، ރާއްޖެއިން 2007 ވަނަ އަހަރު އ.ދ.ގެ ކޮންވެންޝަން އަގެއިންސްޓް ކޮރަޕްޝަން (ޔޫ.އެން.ސީ.އޭ.ސީ) ގައި ބައިވެރިވުމަކީ، މިކަމަށް ދިވެހިރާއްޖެއިން ދޭ އަހަންމިއްޔަތުކަން ހާމަކޮށްދޭ ކަމެއްގެ ގޮތުގައި ރައީސް ސިފަކުރެއްވި އެވެ. އަދި މި މުޢާހަދާގެ އުޞޫލުތައް ހާމަކަން ބޮޑު، އަދި ސާބިތުކަމާއެކު ދަމަހައްޓަން ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
ކޮރަޕްޝަން ހުއްޓުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި، ސަރުކާރުގެ ޚިދުމަތްތައް ޒަމާނީ ފެންވަރަށް ގެނައުމަށާއި، މުޢާމަލާތްތަކުގައި ދެފުށް ފެންނަ ގޮތަށް ކަންކަން ހިންގުން ހަރުދަނާ ކުރުމުގެ މަޝްރޫޢެއް ކަމުގައިވާ، މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޯމޭޝަން ޕްރޮޖެކްޓް ހިމެނެ އެވެ. މީގެ އިތުރުން، ޤާނޫނުލްޢުޤޫބާތަށް ގެނެވުނު ބަދަލުތަކުގެ ތެރެއިން އެސެޓް ރިކަވަރީގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރާ މުހިންމު މަސައްކަތްތަކަށްވެސް ރައީސް އަލިއަޅުއްވައިލެއްވި އެވެ.
އޭގެއިތުރުން ރައީސް ވިދާޅުވި ގޮތުގައި ނޭޝަނަލް އެންޓި-ކޮރަޕްޝަން ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން، 20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭނާއި، ”ހިންމި“ ކޮރަޕްޝަން ރިސްކް ސެލްފް އެސެސްމަންޓް ޓޫލްކިޓް ތަޢާރަފްކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ސަރުކާރުގެ މުއައްސަސާތަކަށް ތަމްރީނު ލިބިފައިވާ ހަރުދަނާ ފަންނީ މުވައްޒަފުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ޚާއްޞަ އެންޓި-ކޮރަޕްޝަން އެކަޑަމީއެއް އުފެއްދެވުންވެސް މި މަސައްކަތްތަކުގެ ތެރޭގައި ހިމެނޭކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމުގައި ހަމައެކަނި ސަރުކާރުން އަޅާ ފިޔަވަޅުތަކަކުން ފުއްދާލެވޭނެ ގޮތެއް ނެތް ކަމަށާއި، އަމިއްލަ ފަރުދުންނާއި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. އަދި ޤައުމަށް އަމާނާތްތެރިވުމާއި، އިޚްލާޞްތެރިވުމާއި، ދެފުށް ފެންނަ އުސޫލުތައް ދެމެހެއްޓުމަކީ، ޤައުމުގެ އެންމެން ގުޅިގެން އަދާކުރަންޖެހޭ ވާޖިބެއްކަން ފާހަގަކުރައްވައި، ނަޒާހަތްތެރިކަމަށް އެމަނިކުފާނު ގޮވާލެއްވި އެވެ.



