ސައުތު އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕޮރޭޝަން (ސާކް)ގެ ދައުރު އިތުރަށް ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފި އެވެ.
އެ މަނިކުފާނު މިކަމަށް ގޮވާލެއްވީ ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހު ފާހަގަކުރާ ”ސާކް ޗާޓަރ ޑޭ“ގެ މުނާސަބަތުގައި ސާކްގެ ސެކެޓްރީ ޖެނެރަލަށް ފޮނުއްވި ތަހުނިޔާގެ މެސެޖެއްގަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ސާކްގެ ރޫހު އަލުން އާލާކުރުމުގެ ގޮތުން އިތުބާރު ކަށަވަރުކުރުމަށްޓަކައި ސާކް ސަމިޓް އަލުން ބޭއްވުމުގެ މުހިންމުކަމުގެ މައްޗަށް ވަނީ އަލިއަޅުއްވާލައްވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ ދެކުނު އޭޝިއާގެ ތަރައްޤީގެ ލަނޑުދަނޑިތަކަށް ވާސިލުވުމާއެކު، ސަރަހައްދުގެ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރެވޭނީ އެއްބައިވަންތަކަމާއި، އެއްބާރުލުން އިތުރުކޮށް، މަޝްވަރާގެ އުސޫލުން ކަމަށެވެ.
ރައީސް މުޢިއްޒު ވަނީ ސަރަހައްދަށް ކުރިމަތިވެފައިވާ ނާޒުކު މައްސަލަތަކަށް ޙައްލު ހޯދުމުގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ. މި މައްސަލަތަކުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކާއި، އިޔާދަކުރަނިވި ހަކަތަ ތަރައްގީކުރުމާއި، އާންމު ޞިއްޙަތާއި، ފުޑް ސެކިއުރިޓީ ކަށަވަރުކުރުމާއި، އިޤުތިޞާދީ ހަމަހަމަކަން ކަށަވަރުކުރުންފަދަ ކަންކަން ހިމެނެ އެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ސާކާއި ސާކުގެ ގުނަވަންތަކަކީ މިފަދަ ގޮންޖެހުންތަކަށް ހައްލުހޯދުމަށް އެހީތެރިކަން ފޯރުކޮށްދޭނެ މުހިންމު ޖަމިއްޔާއެކެވެ.
މީގެ އިތުރުން، ދެމެހެއްޓެނިވި އަދި ހިއްސާވާ ތަރައްޤީ ކަށަވަރުކުރުމަކީ ސާކްގެ މެންބަރު ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކޮށްގެން ނޫނީ ހާސިލުކުރެވޭނެ ކަމެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ބަޔާންކުރައްވާފައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން، ދެކުނު އޭޝިއާގެ ރައްޔިތުންނަށް އުފާވެރި، އުޖާލާ މުސްތަޤުބަލެއް ބިނާކުރުމަށްޓަކައި، ސާކުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށާއި، ޝާމިލުވުން އިތުރުކުރުމަށް ދިވެހިރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން ދެއްވި އެވެ. އަދި، މިފަދަ މަސައްކަތްތަކުން ސަރަހައްދުގެ އަމަން އަމާންކަމާއި، ތަރައްޤީއާއި، ފުދުންތެރިކަން އިތުރުވެގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.


