ލ. ގަމަށް މިހާރު އެއްކޮށް ކަރަންޓު ދެވިފައިވާކަމަށް ފެނަކައިން ބުނެފި އެވެ.
ފެނަކައިގެ އޮފިޝަލެއް ’ޖަވިޔަނި‘ ނޫހަށް ކަށަވަރުކޮށްދިން ގޮތުގައި މިރޭ 23:25 ގައި މުޅި ރަށަށް ވަނީ ކަރަންޓު ދެވިފަ އެވެ.
ގަމުގައި ހުންނަ ފެނަކަ އިންޖީނުގޭގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން މުޅި ރަށުން ކަރަންޓް ކެނޑުނެވެ.
ފެނަކައިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މި ހާދިސާގައި އަލިފާން ރޯވެފައިވަނީ އެރަށުގެ ދެ އެނެކްސްގެ ތެރެއިން އެނެކްސް އެކެއްގައި ކަމަށާއި، އެނެކްސް ދޭކަށް އަލިފާނުގެ އަސަރުކޮށްފައި ނުވާކަމަށެވެ. މިހާދިސާއާއި ގުޅިގެން މިހާތަނަށް ވިޝުއަލް އިންސްޕެކްޝަންތަކުން ފާހަގަވެފައިވާ ގޮތުން، ގެއްލުން ވެފައިވަނީ އެ ރަށަށް ކަރަންޓް ދޭ 5 އިންޖީނުގެ ތެރެއިން 1 އިންޖީނައްކަމަށް ފެނަކައިން ބުނެ އެވެ.
މި ހާދިސާގެ ސަބަބުން އިންޖީނުގެއަށާއި، ޕެނަލްތަކަށް ދިމާވި މައްސަލަތައް ދެނެގަނެ، އެ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށްވެސް ފެނަކައިގެ ބަޔާނުގައި ބުނެފައިވެ އެވެ.
ނަރުދަމާ ނިޒާމުގެ މަސައްކަތަށް ޚާއްސަ ޓީމްތަކުން އެރަށުގެ ނަރުދަމާ ނިޒާމުގައި އެއްވެސް މައްސަލައެއް އުޅޭތޯ ބަލަމުންދާކަމަށްވެސް ފެނަކައިން ބުނެ އެވެ.
ފެނަކައިން ވަނީ މި ހާދިސާގެ ސަބަބުން ލ. ގަމުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ނިހާޔަތަށް މައާފަށް އެދިފަ އެވެ. އަދި މިފަދަ ދަނޑިވަޅުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި، އެއްބާލުމަށް ޝުކުރު ދަންނަވާކަމަށް ފެނަކައިން ބުނެ އެވެ.



