2014 ވަނަ އަހަރު ގެއްލުނު މެލޭޝިއަން އެއާލައިންގެ އެމްއެޗް370 ހޯދުމުގެ މަސައްކަތް އަނެއްކާވެސް ފެށުމަށް މެލޭޝިޔާގެ ޓްރާންސްޕޯޓް މިނިސްޓްރީން ނިންމައިފި އެވެ.
މެލޭޝިޔާގެ ޓްރާންސްޕޯޓް މިނިސްޓްރީއާ ހަވާލާދީ ބޭރު މީޑިއާތަކުން ބުނެފައިވަނީ، އެމްއެޗް370 ހޯދުމުގެ މަސައްކަތް ޑިސެމްބަރު 30 ވަނަ ދުވަހު އަލުން ފަށާނެ ކަމަށެވެ.
239 މީހުންނާއެކު މީގެ 11 އަހަރު ކުރިން ގެއްލުނު އެމްއެޗް370 ހޯދުމުގެ މަސައްކަތް މީގެކުރިން މާޗް މަހުވެސް ފެށި އެވެ. ނަމަވެސް މޫސުން ތަންނުދިނުމުގެ ސަބަބުން އެ މަސައްކަތް ވަނީ ހުއްޓާލާފަ އެވެ.
މި ބޯޓު އޮވެދާނެ ކަމަށް އެންމެ ބޮޑަށް ގަބޫލުކުރެވޭ ސަރަހައްދު ބެލުމަށް ހަމަޖެހިފައިވަނީ އޯޝަން އިންފިނިޓީ ކުންފުނިންނެވެ. 70 މިލިއަން ޑޮލަރަށް އެ ކުންފުންޏަށް ބޯޓު ހޯދުމުގެ މަސައްކަތް ހަވާލުކޮށްފައިވާއިރު އެ ކުންފުންޏަށް ފައިސާ ލިބޭނީ ހަމައެކަނި އެ ބޯޓު ހޯދިއްޖެނަމަ އެވެ.
މީގެކުރިންވެސް އެމްއެޗް370 ހޯދުމަށް ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވެ އެވެ. އެގޮތުން 26 ގައުމެއްގެ 60 ކަނޑު އުޅަނދު އަދި 50 އެއާކްރާފްޓް މި މަސައްކަތުގައި ހަރަކާތްތެރިވެފައިވެ އެވެ. އެމްއެޗް370 ހޯދުމަށް އޭރު ކުރި މަސައްކަތް ހުއްޓާލާފައިވަނީ 2017 ވަނަ އަހަރު އެވެ.
އެމްއެޗް370 ގެއްލުމަކީ އޭވިއޭޝަން ދާއިރާގެ އެންމެ ބޮޑު އެއް އަޖައިބެވެ. މި ހާތަނަށް ބޯޓު އަދި ބޯޓުން ދަތުރުކުރި އެއްވެސް މީހަކު ހޯދިފައިނުވާއިރު އެމްއެޗް370 ގެއްލުމާ ގުޅޭގޮތުން އެކި ގޮތްގޮތަށް ވާހަކަ ދެކެވެ އެވެ.



