ތެދު މަޢުލޫމާތު ގެނެސްދިނުމަކީ ކޮންމެ މީހެއްގެ ޒިންމާއަކަށް ހަދަން ޖެހޭ ކަމަށާއި، ދޮގު މަޢުލޫމާތު ފެތުރުމުގެ ސަބަބުން ޤައުމަށް ލިބޭ ގެއްލުން ބޮޑު ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިޙްސާން ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އިހުސާން މިހެން ވިދާޅުވީ ޤައުމީ ޔުނިވަސިޓީގެ ބެޗްލާ އޮފް އާރޓްސް އިން މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސްގެ ދަރިވަރުން ކުރިއަށް ގެންދިޔަ ”ނޯ ކެޕް ޖަސްޓް ފެކްޓްސް“ ކެމްޕެއިން ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވަމުންނެވެ.
މިނިސްޓަރު އިޙްސާން ފާހަގަކުރެއްވި ގޮތުގައި މިޒަމާނުގައި ދޮގު މަޢުލޫމާތެއް ފަތުރާލަން ނަގަނީ ކުޑަ ވަގުތުކޮޅެކެވެ. ނަމަވެސް އެއިން ލިބޭ ގެއްލުން ވަރަށް ބޮޑުވެ، އެ ދޮގު މަޢުލޫމާތުގެ ހަގީގަތް ހާމަކުރުމަށް ވަރަށް ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހޭކަމަށް މިނިސްޓަރު އިހުސާން ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ ތެދު މަޢުލޫމާތަށް ވުރެ ދޮގު މަޢުލޫމާތު ފެތުރިގެންދާ ގޮތް ވަރަށް އަވަސް ކަމަށެވެ.
ދޮގު މަޢުލޫމާތު ފެތުރޭ ދެ ގޮތް ކަމަށްވާ ’މިސްއިންފޮމޭޝަން‘ (ނޭނގި ފެތުރޭ ދޮގު) އާއި ’ޑިސްއިންފޮރމޭޝަން‘ (ގަސްތުގައި ފަތުރާ ދޮގު) ގެ ތަފާތު މިނިސްޓަރު ވަނީ މި ބައްދަލުވުމުގައި ސާފުކޮށްދެއްވާފަ އެވެ. މިނިސްޓަރު އިޙްސާން ވަނީ ތެދު މަޢުލޫމާތު ގެނެސްދިނުމަކީ އެންމެންގެ ޒިންމާއަކަށް ހެދުމަށް ގޮވާލައްވާފަ އެވެ. އަދި ދޮގު މަޢުލޫމާތު ފަތުރާ ފަރާތްތަކާ މެދު ޤާނޫނީ ފިޔަވަޅު އެޅުމާ ގުޅޭ ގޮތުން ވެސް ގޮތެއް ނިންމައި، ހައްލެއް ގެނައުމުގެ މުހިންމުކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ޤައުމީ ޔުނިވަސިޓީގެ ދަރިވަރުން ބޭއްވި މި ފޯރަމްގައި ވަނީ ސޯޝަލް މީޑިއާއިން ލިބޭ މަޢުލޫމާތުގެ ތެދު ދޮގު ކަށަވަރުކުރާނެ ގޮތްތައް ކިޔައި ދިނުމަށް އިސްކަންދީފަ އެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ


